މައިގަނޑު ބަޔަށް ދާން

ރިޕޯޓް

ހަނިމާދޫ ވައިގެ ބަނދަރު ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކޮށް ރަސްމީކޮށް ހުޅުވައިފި

ކުޑަ ޑޮމެސްޓިކް އެއާސްޓްރިޕެއްގެ ގޮތުގައި 1990 ވަނަ އަހަރު ޚިދުމަތް ފެށި ހދ. ހަނިމާދޫ ވައިގެ ބަނދަރު ޒަމާނީ ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކޮށް، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

އަޙްމަދު އާހިލް ސަޢީދު

ހަނިމާދޫ ވައިގެ ބަނދަރު ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކޮށް ރަސްމީކޮށް ހުޅުވައިފި

ކުޑަ ޑޮމެސްޓިކް އެއާސްޓްރިޕެއްގެ ގޮތުގައި 1990 ވަނަ އަހަރު ޚިދުމަތް ފެށި ހދ. ހަނިމާދޫ ވައިގެ ބަނދަރު ޒަމާނީ ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކޮށް، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މި ވައިގެ ބަނދަރަކީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ބިންގާ އެޅި، 1990 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ހުޅުވި، އައްޑޫ ގަން އެއާޕޯޓާއި ކައްދޫ އެއާޕޯޓަށް ފަހު ރާއްޖޭގައި ޤާއިމުކުރެވުނު ތިންވަނަ ޑޮމެސްޓިކް ވައިގެ ބަނދަރެވެ. ފުރަތަމަ ރަންވޭގެ ދިގުމިނުގައި 1.2 ކިލޯމީޓަރު ހުރިއިރު، އެ ރަންވޭ ފަރުމާކޮށްފައި އޮތީ ހަމައެކަނި ކުދި ޕްރޮޕެލާ ބޯޓުފަހަރަށް ޚިދުމަތް ދެވޭ ގޮތަށެވެ. އެ ވައިގެ ބަނދަރަށް ބައިނަލްއަޤުވާމީ ދަރަޖަ ލިބުނީ 2012 ވަނަ އަހަރު ކަމަށް ވާއިރު، އެ އަހަރުގެ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހު އިންޑިއާގެ ތިރުވަނަންތަޕޫރަމުން ފުރަތަމަ ބައިނަލްއަޤުވާމީ ފްލައިޓް ޖެއްސި ނަމަވެސް، އެ ޚިދުމަތް އޮތީ ހަފުތާއަކު އެއް ފްލައިޓުގެ މިންވަރަށް ލިމިޓުވެފައެވެ.

ވައިގެ ބަނދަރު ޒަމާނީ ފެންވަރަކަށް ބޮޑުކުރުމުގެ މަޝްރޫޢު ފެށީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައެވެ. މި މަޝްރޫޢަށް ފައިސާ ހަމަޖެހުނީ 2019 ވަނަ އަހަރު ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކާ ދެމެދު ސޮއިކުރެވުނު 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މަސައްކަތް 136.6 މިލިއަން ޑޮލަރަށް ހަވާލުކުރެވުނީ އިންޑިއާގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ކުންފުންޏާ ކަމަށް ވާއިރު، ޑިޒައިން މަރުޙަލާ ލީޑުކުރީ އެއާޕޯޓް އޮތޯރިޓީ އޮފް އިންޑިއާއިންނެވެ. ޢަމަލީ މަސައްކަތް 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށުނެވެ.

ރައީސް ޑރ. މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަޝްރޫޢު އޮތީ ކުރީކޮޅުގެ މަރުޙަލާތަކުގައެވެ. އެއަށްފަހު ސަރުކާރުން މަސައްކަތުގެ ދުވެލި ހަލުވިކުރައްވައި، 2024 ވަނަ އަހަރުގެ ޖެނުއަރީ 28 ގައި އައު ރަންވޭގެ ފުރަތަމަ 1,200 މީޓަރުގެ ބައި ބޭނުންކުރަން ފެށި ކަމަށެވެ. އެ އަހަރުގެ އޮކްޓޫބަރު 15 ގައި އައު ޓާމިނަލްގެ ޚިދުމަތް ފެށުނެވެ. ވައިގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އެ ޤައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ދުވަހު މޯލްޑިވިއަންގެ އެއާބަސް އޭ 320 މަރުކާގެ ބޯޓެއް 2,465 މީޓަރުގެ އައު ރަންވޭއަށް ޖެއްސީ ރާއްޖެއާއި އިންޑިއާގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުން ރަމްޒުކޮށްދޭ މުނާސަބަތެއްގެ ގޮތުގައެވެ.

މި ވައިގެ ބަނދަރުގެ 2,465 މީޓަރުގެ ރަންވޭއަކީ ބޮއިންގ 737 އަދި އެއާބަސް 320 ފަދަ މެދުފަންތީގެ ބޮޑެތި ބޯޓުފަހަރު ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. އޭޕްރަންގައި އެއްފަހަރާ ނުވަ ބޯޓު ޕާކުކުރެވޭއިރު، އެންމަޑީގެ ބައްޓަމަށް ޑިޒައިންކޮށްފައިވާ 10,380 އަކަ މީޓަރުގެ ޓާމިނަލް ބިނާކޮށްފައި ވަނީ ދެ ފަންގިފިލާއަށެވެ. ތިރީ ފަންގިފިލާ ޑޮމެސްޓިކް ދަތުރުތަކަށް ޚާއްޞަކޮށްފައިވާއިރު މަތީ ފަންގިފިލާ ޚާއްޞަކޮށްފައި ވަނީ ބައިނަލްއަޤުވާމީ ދަތުރުތަކަށެވެ. ކޮންމެ ފަންގިފިލާއެއްގައި ދެ ގޭޓު ހުރެއެވެ. މީގެ އިތުރުން މިއީ ރާއްޖޭގެ އަތޮޅުތެރޭގެ ވައިގެ ބަނދަރެއްގައި އެއާރޯ ބްރިޖު ޤާއިމުކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ. ޒަމާނީ ޑިއުޓީ ފްރީ ފިހާރަތަކާއި ލައުންޖާއި ތެޔޮ ރައްކާކުރާ ވަސީލަތްތަކާއި ސީޕްލޭން ޖެޓީއެއް ވެސް ހިމެނޭ މި ވައިގެ ބަނދަރުން އަހަރަކު ގާތްގަނޑަކަށް 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވެއެވެ. ވައިގެ ބަނދަރު ހުޅުވުމާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު ކައުންޓަރަކާއި ރުފިޔާ އޭޓީއެމް އަދި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ވެސް ވަނީ ޤާއިމުކޮށްފައެވެ.

މި ތަރައްޤީގެ ނަތީޖާ އަވަހަށް ފެންނަން ފެށި ކަމަށް ވާއިރު، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ވައިގެ ބަނދަރުގެ 35 އަހަރުވީ ތާރީޚުގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޕްރައިވެޓް ކޮމާޝަލް ޖެޓެއް ވަނީ ޖައްސާފައެވެ. ޗެކް ރިޕަބްލިކުގެ ވެރިރަށް ޕްރާގުން ސީދާ ދަތުރުކުރި އެ ޖެޓުން ހައިޑޭވޭ ބީޗް ރިޒޯޓަށް ޗުއްޓީ ހޭދަކުރުމަށް އައި އަށް ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.