މައިގަނޑު ބަޔަށް ދާން

ހަބަރު

ރަސްމާލެ ބިމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދޫކުރަން ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ޤާނޫނީ ވަކީލު ޢަލީ ޙުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ، އެ ކޯޓުން ސީދާ ބެލޭ ބާވަތުގެ މައްސަލައަކަށް ނުވާ ކަމަށް ކަނޑައަޅައި ބަލައިނުގަތުމަށް ނިންމައިފިއެވެ.

އަޙްމަދު އާހިލް ސަޢީދު

ރަސްމާލެ ބިމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދޫކުރަން ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ޤާނޫނީ ވަކީލު ޢަލީ ޙުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ، އެ ކޯޓުން ސީދާ ބެލޭ ބާވަތުގެ މައްސަލައަކަށް ނުވާ ކަމަށް ކަނޑައަޅައި ބަލައިނުގަތުމަށް ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ފުރަތަމަ މަރުޙަލާގައި ސީދާ އެ ކޯޓަށް ބެލޭ މައްސަލައެއް ކަމުގައި މި މައްސަލަ ނުހިމެނޭ ކަމަށެވެ. ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ސީދާ ސުޕްރީމް ކޯޓުން ބެލޭނީ ދުސްތޫރީ ހުސްކަމަކަށް ގޮސްދާނެ މައްސަލަތަކާއި، ދައުލަތުގެ ދެ ބާރެއްގެ ދެމެދުގައި ޤާނޫނުއަސާސީ މާނަކުރުމާ ގުޅޭ ޚިލާފުތަކާއި، ޤައުމުގެ ޢާންމު މަޞްލަޙަތާ ސީދާ ގުޅިފައިވާ ދުސްތޫރީ މައްސަލަތައް ކަމަށެވެ. މި ނިންމެވުން މުރާޖަޢާ ކޮށްދެއްވުމަށް އެދި 14 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތު ޢަލީ ޙުސައިނަށް ލިބިގެންވެއެވެ.

ޢަލީ ޙުސައިން މައްސަލަ ހުށަހެޅުއްވީ، ކުއްޔެއް ނުނަގައި ބިމުގެ މިލްކުވެރިކަމުގެ މަޞްލަޙަތު އީގަލް ހިލްސްއަށް ލިބޭ ގޮތަށް ދޫކުރުމަކީ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެއެވެ. އެ މާއްދާގައި ދައުލަތުގެ މުދަލެއް ނުވަތަ ރައުސުމާލެއް ދޫކުރަންވާނީ ޤާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވާއިރު، 99 އަހަރަށް ބޭރު ފަރާތަކަށް ބިން ކުއްޔަށް ދެވޭނެ ޤާނޫނީ އޮނިގަނޑެއް ނެތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ތިންވަނަ ފަރާތްތަކަށް ޙައްޤު އުފެއްދުމުގެ ބާރު އީގަލް ހިލްސްއަށް ލިބޭ ގޮތަށް އެއްބަސްވުމުގައި ހިމެނޭ މާއްދާތަކުގެ ޞައްޙަކަމާ މެދު ސުވާލު އުފައްދަވައި، މައްސަލައިގައި ގޮތެއް ނިމެންދެން އެ އެއްބަސްވުމަށް ޢަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ވެސް އެދިވަޑައިގެންނެވިއެވެ.

ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ"ގެ ނަމުގައި ހިންގާ މި މަޝްރޫޢުގެ ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އީގަލް ހިލްސް ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. 20 ބިލިއަން ޑޮލަރުގެ މި އިންވެސްޓްމެންޓުގެ ދަށުން ހޮޓާތަކާއި މަރީނާ އަދި ވިޔަފާރި ސަރަޙައްދުތައް ތަރައްޤީ ކުރާއިރު، އެ ސަރަޙައްދުން އިސްތިޢުމާރީ އިޒްރޭލުގެ ރައްޔިތުންނަށް ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ފާޅުކޮށްފައިވެއެވެ. ނަމަވެސް ދިވެހި ސަރުކާރާއި އީގަލް ހިލްސް ދެ ފަރާތުން ވެސް ބުނެފައި ވަނީ އެ އެއްބަސްވުމުގެ ސަބަބުން އެފަދަ ނުރައްކަލެއް ކުރިމަތި ނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.