ރަސްމާލެއަށް އިޒްރޭލުގެ މަސްލަހަތު ވަނުން ހުއްޓުވުމަށް ފިޔަވަޅު އަޅައިފި: މިނިސްޓަރު މުއްތަލިބު
ރަސްމާލެ މަޝްރޫޢުގެ ތެރެއިން ޔަހޫދީ އާބާދީއެއް ޤާއިމްކުރާ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރާ ތުހުމަތުތައް ދޮގުކުރައްވައި، އެފަދަ ކަމެއް ހިނގިޔަ ނުދިނުމަށް ސަރުކާރުން ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫޢުގެ ތެރެއިން ޔަހޫދީ އާބާދީއެއް ޤާއިމްކުރާ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރާ ތުހުމަތުތައް ދޮގުކުރައްވައި، އެފަދަ ކަމެއް ހިނގިޔަ ނުދިނުމަށް ސަރުކާރުން ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ލިންކެޑްއިންގައި އިނގިރޭސި ބަހުން ޝާއިޢުކުރެއްވި ލިޔުމެއްގައި މިނިސްޓަރު ވިދާޅުވީ ރަސްމާލެއާ ގުޅުވައިގެން ދެކެވެމުންދާ ވާހަކަތަކުގައި އެއްވެސް ހަޤީޤީ ބުރަދަނެއް ނެތް ކަމަށެވެ. އެ ކަންބޮޑުވުންތައް ބިނާވެފައި އޮތީ ބިމުގެ އަގާއި ކުލީގެ އުސޫލުތަކާ ގުޅިގެން ނޫން ކަމަށާއި، ފަލަސްޠީނާ މެދު ދިވެހީން ދެކޭ ގޮތާ ގުޅިގެން ކަމަށް ވިދާޅުވެފައިވެއެވެ. ފަލަސްޠީނު ރައްޔިތުންނަށް ލިބެމުންދާ އަނިޔާއަކީ ކޮންމެ ދިވެއްސެއްގެ ހިތަށް ފުން އަސަރެއް ކުރުވާ ކަމެއް ކަމަށް ވެސް އެ ލިޔުމުގައި ފާހަގަކުރައްވާފައިވެއެވެ.
ޒަޔަނިސްޓް ހަރަކާތުގެ ތާރީޚީ ބައްޓަމަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ހަރަކާތުގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޔަހޫދީން ގެންގޮސް ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރިކުރުވުން ކަމަށެވެ. "އިޒްރޭލުގެ އާބާދީތައް ފަތުރާލާފައި ވަނީ އަސްކަރީ ބާރު ބޭނުންކޮށްގެން ގަދަކަމުން އަތުލައި، ބާރުގެ ބޭނުންކޮށްގެން ދަމަހައްޓާ ސަރަހައްދުތަކުގައި. [އެއީ] ހިފާފައިވާ ފަލަސްތީނުގެ ބިންތަކާއި ގޯލާންގެ އުސްބިންތަކާއި މިސްރަށް އަނބުރާ ދޫކޮށްލުމުގެ ކުރީގައި ސީނާ [ސަހަރާ]،" ކަމަށް އެ ލިޔުމުގައި ވިދާޅުވެފައިވެއެވެ. ސަރަޙައްދީ އިމާއި ވިސާ އާއި ބިން ކޮންޓްރޯލްކުރާ މިނިވަން ޤައުމެއްގައި "ސެކަންޑް ހޯމް" ގެ ގޮތުގައި ގެ ގަތުމާއި ދިގު މުއްދަތަށް ކުއްޔަށް ހިފުން ފަދަ ކަންކަމުގެ ތެރެއިން ތަނެއް އަތުލެވުނު ކަމަށް ދުނިޔޭގެ ތާރީޚުގައި ރެކޯޑުކޮށްފައި ނެތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅޭ ގޮތުން މިނިސްޓަރު ފާހަގަކުރެއްވީ، އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މިހާރު މަނާކޮށްފައި އޮތް އޮތުމެވެ. ކުރީގެ އެއްވެސް ސަރުކާރަކުން ނާޅާ އޮތް މި ފިޔަވަޅު މި ސަރުކާރުން އެޅީ ބޭރުގެ ފިއްތުންތައް ކުރިމަތިވަމުން ދިޔަ ދަނޑިވަޅެއްގައި ކަމަށާއި، ހަމަ އެ ސަރުކާރުން ޕްރޮޕަޓީ ޑީލެއްގެ ތެރެއިން ސިއްރުން އެ ސިޔާސަތު ގުރުބާންކުރާނެ ކަމަށް ބުނުމަކީ ޤަބޫލުކުރެވޭ ވާހަކައެއް ނޫން ކަމަށް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ރާއްޖޭގެ ޤާނޫނުތަކަށް ފުރިހަމައަށް ތަބާވާނެ ކަމުގެ ޔަޤީންކަން ޔޫއޭއީގެ އީގަލް ހިލްސް އިން ދީފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
"މީހުން އެ ކުރާ ކަަމަކީ ވުޖޫދުގައި ނެތް ބިރެއް އުފެއްދުން. އަދި އެ ކުރާ ކަމަކީ ފަލަސްތީނުގެ މީހުންގެ ގުރުބާނީ އާއި ދިވެހިންގެ އިހުސާސްތައް ފަލަސްތީނު މީހުންގެ ބަހެއް ނެތި ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ފައިދާ ހޯދުން،" ކަމަށް ވެސް މިނިސްޓަރު ލިޔުއްވާފައިވެއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވީ ރާއްޖޭގައި މަނާކޮށްފައި އޮތީ އިޒްރޭލު ޕާސްޕޯޓު ކަމަށް ވާތީ، އެހެން ޤައުމުތަކުގެ ޕާސްޕޯޓުގައި އިޒްރޭލު މީހުން މިހާރު ވެސް ރާއްޖޭގެ ކޮންމެ ރިސޯޓަކަށް ޒިޔާރަތްކުރެވޭ ކަމަށެވެ. އެހެންކަމުން މިއީ ހަމައެކަނި ރަސްމާލެއާ ގުޅިގެން ކުރިމަތިވާ ކަންބޮޑުވުމެއް ނޫން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް