އިސްތިއުމާރީ އިޒްރޭލު ސިފައިން ރާމަﷲގެ ދެ ޖަމިއްޔާއަކަށް ވަދެ ރެއިޑް ހިންގައިފި
އިސްތިއުމާރީ އިޒްރޭލުގެ ސިފައިން އިޙުތިލާލު ކޮށްފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲގައި ފަލަސްޠީނުގެ ދެ ޖަމިއްޔާއެއްގެ އޮފީހަށާއި ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުގެ ގޯތި ތެރެއަށް ވަދެ ޢުދުވާނީ ޙަރަކާތްތަކެއް ހިންގައިފިއެވެ.
އިސްތިއުމާރީ އިޒްރޭލުގެ ސިފައިން އިޙުތިލާލު ކޮށްފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲގައި ފަލަސްޠީނުގެ ދެ ޖަމިއްޔާއެއްގެ އޮފީހަށާއި ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުގެ ގޯތި ތެރެއަށް ވަދެ ޢުދުވާނީ ޙަރަކާތްތަކެއް ހިންގައިފިއެވެ.
މި ރެއިޑްގައި އިޒްރޭލު ސިފައިން ބަލައި ފާސްކޮށްފައިވަނީ ފަލަސްޠީނު ޤައިދީންގެ ޙައްޤުތަކަށް ވަކާލާތުކުރާ އައްދަމީރު ޖަމިއްޔާގެ އޮފީހާއި ފަލަސްޠީނު އަންހެނުންގެ ކޮމިޓީތަކުގެ އިއްތިޙާދުގެ އޮފީހެވެ. އެއާ އެކު ހުޅަނގު އައްސޭރީގެ އެންމެ ބޮޑު ސަރުކާރު ސިއްޙީ މަރުކަޒު ކަމުގައިވާ ޕެލެސްޓައިން މެޑިކަލް ކޮމްޕްލެކްސްގެ ދޮރުތައް ކައިރީ ސްނައިޕަރުން ރުކުރުވާލާފައިވާ ކަމަށް ފަލަސްޠީނުގެ ރަސްމީ ޚަބަރު ފަތުރާ އިދާރާ ވަފާއިން ރިޕޯޓުކޮށްފައިވެއެވެ.
ފަލަސްޠީނުގެ ޞިއްޙީ މިނިސްޓްރީން ބުނި ގޮތުގައި ރާމަﷲ އާއި އެލް-ބީރެހްގައި ކުރިއަށް ގެންދާ ރެއިޑްތަކުގެ ތެރޭގައި ކުޑަކުއްޖެއްގެ ގަޔަށް ޙަޤީޤީ ވަޒަނެއް އެރި ކަމަށާއި ކަރުނަ ގޭހުގެ ސަބަބުން އިތުރު ބަޔަކަށް ނޭވައި ހާސްވުމުގެ އަސަރު ކޮށްފައިވެއެވެ. ހަމައެހެންމެ ނޫސްވެރިން ކަމުގައިވާ މައުމޫން ވަޒްވަޒް އާއި އިތުރު ދެ ނޫސްވެރިޔަކު އިދްނާ އަވަށުގެ އިރުމަތީގައި ހިފެހެއްޓި، ރިޕޯޓިން އަށް ހުރަސް އެޅި ކަމަށް އަލް ޖަޒީރާ ޢަރަބިކުން ރިޕޯޓުކޮށްފައިވެއެވެ.
އަލް ޖަޒީރާގެ ރިޕޯޓަރު އިބްރާހީމް ބުނީ "އިޒްރޭލު ސިފައިން ދަނީ އައްދަމީރުގެ އެއް ކޮމްޕައުންޑަށް ވަދެ ރެއިޑް ޖަހަމުން" ކަމަށާއި "ކުރިން ވެސް އިޒްރޭލު ސިފައިން މި ޖަމިއްޔާ ބަންދުކޮށް، ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ" ކަމަށެވެ. "މިއީ ރާމަﷲގެ މެދުތެރޭގައި ދުވާލު ދަޅައިގައި ހިންގާ ރެއިޑެއް. ބޮޑު ބިރުވެރިކަމެއް ފެތުރިފައި. ފަލަސްޠީނު ރައްޔިތުންގެ ކުދީން ސްކޫލުގައި ތިބި. އާއިލާ މީހުން މަސައްކަތުގައި ތިބި. ރައްޔިތުން ކަންބޮޑުވަނީ ކޮންމެ ވަގުތެއްގައި ވެސް ސިފައިން ބަޑި ޖެހީދާނެތީ. ކުރިން ވެސް ހިނގައިފައި ހުރި ކަންކަން: ރެއިޑް ކަވަރުކުރަން ދިޔަ ނޫސްވެރިންނާ ދިމާލަށް ސްޓަން ގްރެނޭޑް އުކި،" ކަމަށް ވެސް އޭނާ ބުންޏެވެ.
ފަލަސްޠީނުގެ މަދަނީ ޖަމިއްޔާތަކާ ދެކޮޅަށް އިޒްރޭލުން ހިންގާ މި ފަދަ ޢަމަލުތަކުގެ ދިގު ތާރީޚެއް އޮވެއެވެ. 2021 ވަނަ އަހަރު އިޒްރޭލުން ވަނީ އައްދަމީރާއި ފަލަސްޠީނު އަންހެނުންގެ ކޮމިޓީތަކުގެ އިއްތިޙާދު ހިމެނޭ ގޮތަށް ހަ ފަލަސްޠީނު ޖަމިއްޔާއެއް "ޓެރަރިސްޓް" ޖަމާޢަތްތަކެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. 1991 ވަނަ އަހަރު އުފެއްދި އައްދަމީރަކީ އިޒްރޭލާއި ފަލަސްޠީނުގެ ޖަލުތަކުގައި ތިބި ޤައިދީންނަށް ހިލޭ ޤާނޫނީ އެހީ ފޯރުކޮށްދީ ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ޙައްޤުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެކެވެ. 1980 ވަނަ އަހަރު އުފެއްދި ފަލަސްޠީނު އަންހެނުންގެ ކޮމިޓީތަކުގެ އިއްތިޙާދަކީ ފަލަސްޠީނުގެ އަންހެނުން ބާރުވެރިކޮށް އިޙުތިލާލާ ދެކޮޅަށް ޤައުމީ ފެންވަރުގައި މަސައްކަތްކުރާ ޖަމާޢަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް