ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
މާލޭގައި ހިންގަމުން އައި ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރި މައްސަލައިގައި، އެ ކޮންސިއުލޭޓް ދެމެހެއްޓުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މާލޭގައި ހިންގަމުން އައި ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރި މައްސަލައިގައި، އެ ކޮންސިއުލޭޓް ދެމެހެއްޓުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ހަ ދަހަރަށް ވުރެ ގިނަ ދުވަހު ޖަރުމަނަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ އަގުހުރި އެއް ބައިވެރިޔާ ކަމަށެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި އިސް ދައުރެއް އަދާކުރާ ޤައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކުން އަރައިގަތުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޖަރުމަނުގެ އެހީ ރާއްޖެއަށް ލިބެމުން ގޮސްފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމާއި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ޖަރުމަނު ސާބިތުކަމާ އެކު ދެމިއޮތް ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.
ފަތުރުވެރިކަމުގެ ނަޒަރުން ބެލި ނަމަވެސް ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މުހިންމު އެއް ބާޒާރު ކަމަށާއި، ކޮންސިއުލޭޓް ބަންދުވުމަކީ އެ ފަތުރުވެރިންގެ އިތުބާރަށް ލިބުނު އުނިކަމެއް ކަމުގައި އެމްޑީޕީން ދެކޭ ކަމަށް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މުހިންމު ފާލަމެއް ކަމުގައިވާ ކޮންސިއުލޭޓް ހިފެހެއްޓުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ، މިއީ ރާއްޖޭގެ ޒަމާންވީ ބައިވެރިންނާ އެކު އޮތް ގުޅުންތަކަށް ސަރުކާރުން އިހުމާލުވާ ކަމުގެ ހެއްކެއް ކަމަށް އެ ޕާޓީން ތުހުމަތުކޮށްފައިވެއެވެ. އެމްޑީޕީން ވަނީ ވީ އެންމެ އަވަހަކަށް ޖަރުމަނުގެ ކޮންސިއުލަރ ޚިދުމަތްތައް މާލޭގައި އަލުން ފެށުމަށް އުންމީދުކުރާ ކަމަށް ބުނެ، ދެ ޤައުމުގެ ގާތް ގުޅުން ދެމެހެއްޓުމުގައި އެ ޕާޓީ ސާބިތުވެ އޮންނާނެ ކަމުގެ ޔަޤީންކަން ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް