ކުލި ނުދައްކާ ދެ އެޕާޓްމަންޓެއް 15 ދުވަހުގެ ތެރޭ ހުސްކުރަން އެފްޑީސީން އަންގައިފި
ހުޅުމާލޭ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުން ދޫކޮށްފައިވާ ދެ އެޕާޓްމަންޓެއްގެ ކުލި ގަވާއިދުން ނުދައްކާ އޮތުމުން، އެ ތަންތަނުގެ އެއްބަސްވުން ބާތިލުކޮށް 15 ދުވަހުގެ ތެރޭ ހުސްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު އަންގައިފިއެވެ.
ހުޅުމާލޭ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުން ދޫކޮށްފައިވާ ދެ އެޕާޓްމަންޓެއްގެ ކުލި ގަވާއިދުން ނުދައްކާ އޮތުމުން، އެ ތަންތަނުގެ އެއްބަސްވުން ބާތިލުކޮށް 15 ދުވަހުގެ ތެރޭ ހުސްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު އަންގައިފިއެވެ.
އެފްޑީސީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ފިޔަވަޅު އެޅީ 4000 ހައުސިން ޔުނިޓު ކުއްޔަށް ދިނުމާއި މިލްކުކުރުމުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އިޖުރާއާތުތަކާ އެއްގޮތަށެވެ. އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ދިގު މުއްދަތެއް އެ ފަރާތްތަކަށް ތަކުރާރުކޮށް ދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އެގޮތުން ދެ ފަހަރެއްގެ މަތިން ޕޭމަންޓް ޑިފޯލްޓް ނޯޓިސް ފޮނުވުމުގެ އިތުރުން، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ދީފައިވެއެވެ. މި ނޯޓިސްތައް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔެކިޔުމުން ވެސް އެ ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް އެފްޑީސީން ބުނެއެވެ. ނަމަވެސް ކަނޑައެޅި މުއްދަތު ފާއިތުވިއިރު ވެސް ފައިސާ ދައްކާފައި ނުވާތީ، އެއްބަސްވުން ބާތިލުކޮށް ޔުނިޓުތައް ހުސްކޮށް ހަވާލުކުރުމަށް އެންގީ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ. އެއާ އެކު، އެ ފަރާތްތަކުގެ ފަހި ޕޯޓަލް އެކައުންޓުގެ އެކްސެސް ވެސް ކަނޑައިލާފައިވެއެވެ.
އެފްޑީސީން ބުނީ މި ފިޔަވަޅުތަކަކީ ހުރިހާ ފަރާތެއްގެ މައްޗަށް ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު އެއްބަސްވުމުގެ އުސޫލުތައް ދަމަހައްޓައި ދެފުށް ފެންނަ ގޮތެއްގައި ތަންފީޒުކުރުމުގެ ބޭނުމުގައި އެޅި ފިޔަވަޅުތަކެއް ކަމަށެވެ. އަދި ޔުނިޓުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، ގަވާއިދުން މަހުން މަހަށް ކުއްޔާއި މެއިންޓެނަންސް ފީ ދެއްކުމަށް އަމާން ޓަވަރުތަކުގެ ހުރިހާ ރެސިޑެންޓުންނަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް