އެހީއާއި ސަބްސިޑީއަށް މިއަހަރު 10.4 ބިލިއަން ރުފިޔާ ހޭދަކޮށްފި
ފިނޭންސް މިނިސްޓްރީން އާންމުކުރި ހަފުތާގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި، މިއަހަރުގެ އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް އެހީއާއި ސަބްސިޑީގެ ގޮތުގައި ދައުލަތުން 10.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަން ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ހަފުތާގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި، މިއަހަރުގެ އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް އެހީއާއި ސަބްސިޑީގެ ގޮތުގައި ދައުލަތުން 10.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަން ހާމަވެއްޖެއެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 43.7 އިންސައްތައިގެ އިތުރުވުމެކެވެ. އެ ރިޕޯޓުގައިވާ ގޮތުން ސަބްސިޑީއަށް އެކަނި 4.3 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، އެއީ ކުރީ އަހަރާ އަޅައިބަލާއިރު 71.8 އިންސައްތައިގެ އިތުރުވުމެކެވެ. އާސަންދައިގެ ޚަރަދު 1.9 ބިލިއަން ރުފިޔާއަށް އެރީ މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 23.6 އިންސައްތައިގެ އިތުރުވުމަކާ އެކުގައެވެ.
ދައުލަތަށް މިހާތަނަށް ޓެކުހާއި ފީގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މުސާރައާއި އުޖޫރައަށް 5.6 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، ރިކަރަންޓް ޚަރަދަށް 1.9 ބިލިއަން ރުފިޔާ އަދި ބިމާއި އިމާރާތް ނުހިމަނައި އުމްރާނީ ތަރައްޤީގެ ވަސީލަތްތަކަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. ކެޕިޓަލް ޚަރަދަކީ ކުރީ އަހަރާ އަޅައިބަލާއިރު 8.6 އިންސައްތައިގެ އިތުރުވުމެކެވެ.
މިއަހަރު ދައުލަތުގެ ޖުމްލަ ޚަރަދު 35.9 ބިލިއަން ރުފިޔާއަށް އެރީ މިދިޔަ އަހަރާ އަޅައިބަލާއިރު 18.3 އިންސައްތައިގެ ކުރިއެރުމަކާ އެކުގައެވެ. ޚަރަދު އެހައި ބޮޑަށް އިތުރުވީ ބޭރުގެ ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރަން ޖެހުމުންނެވެ. ލޯނު ދެއްކުމަށް އެކަނި ވެސް 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކޮށްފައި ވަނީ 4.5 ބިލިއަން ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް