ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ހުއްޓި މުޅި ޖީލު ހަލާކުވަނީ: ނަޝީދު
ރާއްޖޭގެ ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތައް ހުއްޓިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ތަޢުލީމީ ޖީލެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރާއްޖޭގެ ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތައް ހުއްޓިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ތަޢުލީމީ ޖީލެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މަދަރުސާތަކުން ކިޔެވުން ފުރިހަމަނުކޮށް ވަކިވާ ދަރިވަރުންގެ ޢަދަދު ދުވަހެއް ދުވަހަކަށް މައްޗަށް ދާ ކަމަށެވެ. ތަޢުލީމީ މަންހަޖު އެކުލަވައިލުމަކީ ގިނަ މާހިރުންނާއި ތަޖުރިބާތަކާ އެކު މަޝްވަރާކޮށްގެން ކުރަންޖެހޭ ކަމެއް ނަމަވެސް، މި ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންދަނީ އެ ހަމައިން ނޫން ކަމަށް ވިދާޅުވެ އެމަނިކުފާނު ފާޑުވިދާޅުވިއެވެ.
"ދަރިވަރެއް މިއުފައްދަނީ ޤައުމަކާ ހަވާލުވާން. އޭނާއަށް އަންގާދޭންވީ ކޯޗެއްތޯ ޓީޗަރު މީހާ މި ބުނެދޭންޖެހެނީ. އެ ބުނެދޭ އެ މުޤައްރަރު ފޯން ކޯލަކުން، ޓެކްސްޓަކުން މި ބަދަލުކުރަނީ. ދަރިވަރުންނަށް ވާނެ ގޮތް ދެން އަޅުގަނޑުމެން މާބޮޑަކަށް ވިސްނާކަށްވެސް ނުޖެހޭ. ދިވެހިރާއްޖޭގެ ޒުވާން ޖީލެއް މި ގެންދަނީ މި ނާގާބިލު ސަރުކާރުގެ ވިސްނުމުގެ ތެރެއަށް،" ނަޝީދު ވިދާޅުވިއެވެ.
ޤައުމީ ސަލާމް ކިޔުމާ ގުޅޭ ގޮތުންވެސް ނަޝީދު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ތަޢުލީމީ ދާއިރާއިން ޤައުމީ ސަލާމް ކިޔުން ގޯސްކަމެއްގެ ގޮތުގައި ސިފަކުރާ ކަމަށާއި، ނަމަވެސް ވެރީން ދައްކަވަނީ ދެފުށްދެގޮތް ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ.
"މިހާރު ޤައުމީ ސަލާމް ކިޔުއްވާ ކޮންމެ އިރެއްގަ މިބޭފުޅުން ތިއްބަވަނީ ވަރަށް ބޮޑަށް މޭގަ އަތްއަޅުއްވައިގެން. ހާޓް އެޓޭކެއް ޖެހެނީކަމަށްވެސް ބައެއްފަހަރަށް ހީތައް ވެދޭ. މި ޤައުމީ ސަލާމް ވިއްކަވައިގެން ވަޑައިގަތީ. ވަޑައިގެން މަދަރުސާތަކުގަ ޤައުމީ ސަލާމް ކިޔުން މަނާކުރުން ވަރިހަމަ ކުރައްވައިގެން،" ނަޝީދު ވިދާޅުވިއެވެ.
ސްކޫލްތަކުގައި ލަވަ މުބާރާތެއް ނުވަތަ ކުޅިވަރެއް ނުބާއްވާ ކަމަށާއި އިތުރު ހަރަކާތްތައް މުޅީން ގެއްލިގެން ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ކުދިން މަދަރުސާ ދޫކޮށް ދިއުމުގެ ނަތީޖާއަށް އަލިއަޅުއްވައިލައްވަމުން އެމަނިކުފާނު ވިދާޅުވީ ތުއްތުއިރުން ފެށިގެން ދުޅަހެޔޮކަން ދަށްވެ، ސްކޫލް މާޙައުލުގައި ބާކީވާ ކުދިން ގޭންގުތަކުގެ ލީޑަރުންނަށް ބަދަލުވާ ކަމަށެވެ. އެފަދަ ކުދިން ހަމަ މަގަށް އެޅުވުމަށް ދައުލަތުން ބޮޑެތި ޚަރަދުތައް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މަޤްބޫލުކަން ގެއްލިފައިވާ ކަމަށާއި ރައްޔިތުން އެދޭ ތަނަވަސްކަން ހޯދައިނުދެވޭނެ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ދިވެހި ދަރިވަރުންނާއި ބެލެނިވެރިންގެ ޙައްޤުގައި އެމްޑީޕީން ކުރާ މަސައްކަތް ދޫކޮށްނުލާނެ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް