ކަނޑުވި އަށް މީހަކު ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް ދީފި
ކ. ގާފަރު ކައިރިން ބަންޑުންޖެހި ލޭންޑިންގ ކްރާފްޓަކުން ކަނޑަށް ވެއްޓުނު އަށް މީހެއްގެ ފުރާނަ ސަލާމަތްކުރުމުގައި ފާހަގަކޮށްލެވޭ ހިތްވަރެއް ދެއްކި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް މިއަދު ހަވާލުކޮށްފިއެވެ.
ކ. ގާފަރު ކައިރިން ބަންޑުންޖެހި ލޭންޑިންގ ކްރާފްޓަކުން ކަނޑަށް ވެއްޓުނު އަށް މީހެއްގެ ފުރާނަ ސަލާމަތްކުރުމުގައި ފާހަގަކޮށްލެވޭ ހިތްވަރެއް ދެއްކި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް މިއަދު ހަވާލުކޮށްފިއެވެ.
ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދެވެ. މެޑަލް ލިބުނު ތިން އޮފިސަރުންނަކީ ސީނިއަރ ސާޖަންޓް އަހްމަދު އާމިރު (2245) އާއި ކޮންސްޓަބަލް މުހައްމަދު ލަހްފާން (6279) އަދި ކޮންސްޓަބަލް އަލީ ޒިދާން (5852) އެވެ.
"ހޯކްސް ވޮޔޭޖް" ނަމަކަށް ކިޔާ އެ ލޭންޑިންގ ކްރާފްޓް ބަންޑުންޖެހީ 2026 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ހެނދުނު 08:50 ހާއިރުއެވެ. އެ އުޅަނދުގައި 10 މީހަކު ދަތުރުކުރި އިރު، އެ އެންމެން ކަނޑަށް ވެއްޓުނެވެ. ގަދަ ކަނޑުގެ ތެރޭގައި މި ތިން އޮފިސަރުން ކުރި މަސައްކަތުން، މާތް ﷲ ގެ ރަޙްމަތްފުޅާ އެކު އޭގެ ތެރެއިން އަށް މީހަކު ވަނީ ސަލާމަތްކޮށްފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވަނީ ނުރައްކާތެރި ހާލަތްތަކުގައި ފުލުހުންގެ ކިބައިން ފެންނަންޖެހޭ ހިތްވަރާއި އިޚްލާޞްތެރިކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. ގޮންޖެހުންތަކާ ކުރިމަތިލާއިރު ގުޅިގެން މަސައްކަތްކުރުމާއި އޮޕަރޭޝަނަލް ގޮތުން ތައްޔާރަށް ތިބުމުގެ މުހިންމުކަން ވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ފުރާނައާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ އޮފިސަރުންގެ އަގުވަޒަންކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް