ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިފެހެއްޓި އިންޑިއާ މަސްވެރިން ދޫކޮށްލުމުގެ މަސައްކަތް ފަށައިފި
ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ކޯސްޓްގާޑުން ހިފެހެއްޓި އިންޑިއާގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމުގެ ޤާނޫނީ މަސައްކަތްތައް ދިވެހި ސަރުކާރާ ގުޅިގެން ކުރަމުންދާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ބުނެފިއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ކޯސްޓްގާޑުން ހިފެހެއްޓި އިންޑިއާގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމުގެ ޤާނޫނީ މަސައްކަތްތައް ދިވެހި ސަރުކާރާ ގުޅިގެން ކުރަމުންދާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ބުނެފިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެ ބޯޓުތައް ހިފެހެއްޓީ ރާއްޖޭގެ ބޯޑަރުން ގާތްގަނޑަކަށް 180 ނޯޓިކަލް މޭލު އެތެރެއިންނެވެ. ބޯޓުތަކުގައި ތިބީ އިންޑިއާގެ ރާމަނާތަޕޫރަމް، ސޫތުކުޅީ، އަދި ވިއްލުޕޫރަމް ޑިސްޓްރިކްޓަށް ނިސްބަތްވާ 26 މީހެކެވެ. އެ މީހުން ދޫކޮށްލުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އިންޑިއާގެ ޚާރިޖީ މިނިސްޓަރު ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެން ސިޓީއެއް ފޮނުއްވާފައިވެއެވެ. އެ ސިޓީގައި ވިޖޭ އެދިވަޑައިގެންފައިވަނީ ޚާރިޖީ މުޢާމަލާތްތަކުގެ ތެރެއިން ދިވެހި ސަރުކާރާ އެކު މަޝްވަރާކުރައްވައި، މަސްވެރިންނާއި އުޅަނދުތައް ވީ އެންމެ އަވަހަކަށް ރައްކާތެރިކަމާ އެކު އަނބުރާ ފޮނުވައިދެއްވުމަށެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަރު ޖީ. ބާލަސުބްރަމާނިއަން، މަސްވެރިންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމުގައިވާ އިންޓަނޭޝަނަލް ފިޝަމެން ޑިވެލޮޕްމެންޓް ޓްރަސްޓް (އިންފިޑެޓް) އަށް ފޮނުއްވި އީމެއިލެއްގައި ވިދާޅުވެފައިވަނީ، ހައްޔަރުކޮށްފައިވާ މީހުންނާއި އުޅަނދުތައް ޤާނޫނީ އިޖުރާއާތުތައް ނިމުމުން ދޫކޮށްލުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ވާހަކަދައްކަވަމުން ގެންދަވާ ކަމަށެވެ. އިންޑިއާ ހައިކޮމިޝަނުން ބުނެފައިވަނީ ބޯޓުތައް މާލެ ގެނައުމުން ކޮންސިއުލާ އެކްސެސް ހޯދައި، މަސްވެރިންގެ ހާލު ބަލައި، ޤާނޫނީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ފުރިހަމައަށް އެހީތެރިވެދޭނެ ކަމަށެވެ.
އިންފިޑެޓްގެ ރައީސް ޖަސްޓިން އެންތަނީ ވިދާޅުވީ ހިފެހެއްޓި މީހުންނަކީ ކަނޑުގެ ފުން ސަރަހައްދުގައި ކަންނެލި ބާނާ ނިކަމެތި މަސްވެރިން ކަމަށާއި، އެ މީހުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނީ ގަސްތުގައި ނޫން ކަމަށެވެ. އެކަން ހިނގީ ކަނޑުގެ ގަދަ އޮއިވަރާއި ވައިގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންވެ ޖޫރިމަނާ ނުކޮށް، ބޯޓުތައް ދައުލަތަށް ނުނަގައި، އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލައި އެ މީހުން ސަލާމަތްކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ އިންޑިއާ ސަރުކާރަށް ގޮވާލައިފައެވެ.
ހިފެހެއްޓި މަސްވެރިންގެ އާއިލާތަކުން ވަނީ އެ މީހުން މިނިވަންކޮށްދިނުމަށް އެދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިހުން ވެސް އެދިފައެވެ. އާއިލާތަކުން ބުނާ ގޮތުގައި މި މަހުގެ އެއްވަނަ ދުވަހު މަހަށް ފުރި 26 މީހުންނަކީ އެ އާއިލާތަކަށް ހަމައެކަނި އާމްދަނީ ހޯދައިދޭ ފަރާތްތައް ކަމުން، ބޯޓުތައް ހިފެހެއްޓުމާ ގުޅިގެން އެ އާއިލާތައް ނިކަމެތި ހާލަތަކަށް ވެއްޓިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް