ދުލުން ދައްކާ ވާހަކައިގެ ސަބަބުން ނަރަކައަށް އެއްލައިލެވޭނެކަން ޙަދީޘުން ސާބިތުވޭ: ޚުޠުބާ
މުސްލިމުންގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމުގެ މައުޟޫޢަށް ޚާއްޞަކޮށް މިއަދު އިއްވި ހުކުރު ޚުޠުބާގައި، ދުލުން ދައްކާ ވާހަކަތަކުގެ ސަބަބުން މީސްތަކުން ނަރަކައަށް އެއްލައިލެވޭނެކަން ނަބަވީ ޙަދީޘްތަކުން ސާބިތުވާ ކަމަށް ބުނެފިއެވެ.
މުސްލިމުންގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމުގެ މައުޟޫޢަށް ޚާއްޞަކޮށް މިއަދު އިއްވި ހުކުރު ޚުޠުބާގައި، ދުލުން ދައްކާ ވާހަކަތަކުގެ ސަބަބުން މީސްތަކުން ނަރަކައަށް އެއްލައިލެވޭނެކަން ނަބަވީ ޙަދީޘްތަކުން ސާބިތުވާ ކަމަށް ބުނެފިއެވެ.
ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މާތް ﷲ ވަނީ އިންސާނާ ޝަރަފުވެރިކުރައްވައި، އޭނާގެ ކަރާމާތަށް ބުރޫ އަރާފާނެ އެންމެހައި ކަންކަން ނަހީކުރައްވާފައެވެ. އިސްލާމީ ޝަރީޢަތުގެ ފަސް މައިގަނޑު މަޤުޞަދުގެ ތެރޭގައި އިންސާނާގެ އަބުރު ޙިމާޔަތްކުރުން ހިމެނޭކަން ވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ޙައްޖަތުލްވަދާޢުގެ ޚުޠުބާއިން ދަލީލު ނަގައި ޚުޠުބާގައި ބުނެފައިވަނީ، މައްކާ އާއި ޙައްޖުމަހާއި އެ ދުވަސް ޙުރުމަތްތެރިވީ ފަދައިން މުސްލިމުންގެ ލެޔާއި މުދަލާއި އަބުރާއި ހަށިގަނޑު ވެސް ޙުރުމަތްތެރިވެގެންވާ ކަމަށެވެ. ގެފުޅު ވަށައި ޠަވާފުކުރައްވަމުން ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވީ ގެފުޅުގެ ޙުރުމަތަށްވުރެ ވެސް މާތް ﷲ ގެ ޙަޟުރަތުގައި މުއުމިނެއްގެ ޙުރުމަތް މާ މަތިވެރިވެގެންވާ ކަމަށެވެ. ޖިސްމާނީ އަނިޔާއެއް ދިނުމަށްވުރެ މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުން މާ ބޮޑުވެ، މުޖުތަމަޢުގެ އެއްބައިވަންތަކަން ރޫޅި އިޖުތިމާޢީ ފޭރާން ވީދިގެންދާ ކަމަށް ވެސް ބުނެފައިވެއެވެ.
ޢިއްފަތްތެރި އަންހެނުންނަށް ޤަޛުފުކޮށް ހަތަރު ހެކިން ނުގެނެވޭ ފަރާތްތަކުގެ ގައިގައި 80 އެތިފަހަރުން ޙައްދު ޖެހުމަށާއި، އެ ބައެއްގެ ހެކިބަސް ދުވަހަކުވެސް ޤަބޫލު ނުކުރުމަށް އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ކަމަށް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ. ސޫއްޒަނު ކުރުމާއި ޖާސޫސްކުރުމާއި ޣީބަ ބުނުން އެއްކޮށް ޙަރާމްކުރައްވާފައިވާކަން ވެސް ބަޔާންކޮށްފައިވެއެވެ.
މީސް މީޑިއާ މެދުވެރިކޮށް ހިންގާ ނުރަނގަޅު ޢަމަލުތަކަށް އިޝާރާތްކޮށް ޚުޠުބާގައި ބުނެފައިވަނީ، ތެދުދޮގު ބެލުމެއް ނެތި ޒާތީ ހަސަދައިގެ ތެރެއިން މީހުންގެ އަބުރު ކަތިލެވެމުންދަނީ ޅަ ދަރީންގެ ކުރިމަތީގައި ކަމަށާއި، މާދަމާގެ ޤައުމާ ހަވާލުވާ ޖީލަށް ދެއްކެނީ ކޮން ފަދަ ނަމޫނާއެއްކަން ވިސްނައިލަންޖެހޭ ކަމަށެވެ.
ދުލުގެ ނުރައްކާތެރިކަމާ ގުޅޭ ގޮތުން ޚުޠުބާގައި ގެނެސްފައިވާ ޙަދީޘެއްގައި ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ: "މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟" ދުލާއި ލަދުވެތި ގުނަވަން ރައްކާތެރިކޮށްފި މީހަކަށް ސުވަރުގެ ލިބޭނެ ކަމުގެ ޔަޤީންކަން ރަސޫލާ ﷺ ދެއްވާފައިވާކަން ވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ޚުޠުބާ ނިންމައިލާފައިވަނީ، އެހެން މީހުންގެ އަބުރެކޭ އެއް ފަދައިން ތިމާގެ އަމިއްލަ އަބުރު ވެސް ޝައްކު އުފެދިދާ ފަދަ ހާލަތްތަކުން ދުރުހެލިވެ ރައްކާތެރިކުރުމަށް ގޮވައިލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް