މާލެއާއި ވިލިމާލޭގެ 14 ބިމެއް ސަރުކާރަށް ނެގުމާ ގުޅިގެން ސިޓީ ކައުންސިލުން ކުއްލި ޖަލްސާއެއް ބާއްވަނީ
މާލެއާއި ވިލިމާލޭގެ އިމުގެ ތެރޭގައި ހިމެނޭ 14 ބިމެއް މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާޞުން ވަކިކޮށް ސަރުކާރުގެ ދަށަށް ގެނައުމާ ގުޅިގެން، އެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
މާލެއާއި ވިލިމާލޭގެ އިމުގެ ތެރޭގައި ހިމެނޭ 14 ބިމެއް މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާޞުން ވަކިކޮށް ސަރުކާރުގެ ދަށަށް ގެނައުމާ ގުޅިގެން، އެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
ކައުންސިލުން ބުނީ މި ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ މިރޭ 9:00 ގައި ކަމަށެވެ. އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރުމެއް ވެސް ބޭއްވުމަށް ވަނީ ރާވައިފައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ މިނިސްޓްރީން ވަނީ އެ ބިންތަކުގައި ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކުގެ ތަފްސީލު ގެޒެޓުގައި ޝާއިޢުކޮށްފައެވެ. ސަރުކާރުން ބުނެފައި ވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ކަމާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާ ގޮތެއްގައި ފޯރުކޮށްދީ ބެލެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ.
ރޭވިފައިވާ މައިގަނޑު މަޝްރޫޢުތަކުގެ ތެރޭގައި ސަލްޓަން ޕާކާއި މިއުޒިއަމް ސަރަހައްދުގައި އީ-ސްޕޯޓްސް އެރީނާއަކާއި މިއުޒިއަމް ޕާކެއް ހެދުމާއި، މަސް މާރުކޭޓު ހުރި ބިމުގައި އޮފީސްތަކާއި ވިޔަފާރިތަކަށް ޚާއްޞަ ޢިމާރާތެއް އެޅުމާއި، ލޯކަލް މާރުކޭޓު ޒަމާނީ ބޮޑު މާރުކޭޓު ކޮމްޕްލެކްސްއަކަށް ބަދަލުކުރުމާއި، ދަތުރުވެރިންގެ މާރުކޭޓު ހުރި ބިމުގައި މިކްސްޑް-ޔޫސް ވިޔަފާރި މަރުކަޒެއް ތަރައްޤީކުރުން ހިމެނެއެވެ. މީގެ އިތުރުން ކުރީގެ ވިޔަފާރިވެރިންގެ ޖަމްޢިއްޔާ ހިންގި ބިމުގައި ޑޭ-ކެއާ ސެންޓަރަކާއި ކުޑަކުދިންގެ ޙަރަކާތްތަކަށް ޚާއްޞަ މަރުކަޒެއް ބިނާކުރުމާއި، ކުރީގެ ޕެޓްރޯލް ޝެޑް ހުރި ބިމުގައި އިލެކްޓްރިކް އުޅަނދުފަހަރު ޗާޖުކުރާ މަރުކަޒެއް ޤާއިމުކުރުމާއި، ބޮނޑިބަތް ޕާކު ހުރި ބިމުގައި ޕާކިން ޢިމާރާތަކާ އެކު ވިޔަފާރި ފެސިލިޓީއެއް ތަރައްޤީކުރުމާއި، ރަސްފަންނު ސަރަހައްދު ހިންގައި ބެލެހެއްޓުން ސީދާ ސަރުކާރުގެ ދަށަށް ގެނައުން ވެސް ހިމެނެއެވެ.
ސަރުކާރުން ބުނެފައި ވަނީ މިއީ ހުސްކޮށް ހުރި ބިންތަކުން ރައްޔިތުންނަށް އެންމެ ފައިދާހުރި މަންފާ ހޯދައިދިނުމަށާއި، މިހާރު ހުރި ޕާކުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ބެލެހެއްޓުމުގެ މަޤުޞަދުގައި ނިންމި ނިންމުމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް