ހައިވޭ ޗެކްޕޮއިންޓުގައި ސައިކަލެއް ފުލުހެއްގެ ގައިގައި ޖައްސައި ސީރިއަސް އަނިޔާތަކެއް ދީފި
ސިނަމާލެ ބްރިޖް ހައިވޭގައި ޤާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއް ކައިރީ ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ބެރިކޭޑުގައި ޖެހި، ޑިއުޓީގައި ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ޖެހި ސީރިއަސް އަނިޔާތަކެއް މިއަދު ފަތިހު ލިބިއްޖެއެވެ.
ސިނަމާލެ ބްރިޖް ހައިވޭގައި ޤާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއް ކައިރީ ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ބެރިކޭޑުގައި ޖެހި، ޑިއުޓީގައި ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ޖެހި ސީރިއަސް އަނިޔާތަކެއް މިއަދު ފަތިހު ލިބިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ފަތިހު 04:29 އެހައިކަންހާއިރު، ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައެވެ. އެ އެކްސިޑެންޓުގައި އޮފިސަރުގެ އަނގަމަތި ފަޅައިގެން ގޮސް ދަތްތައް ބިނދިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެ އޮފިސަރަށް މިހާރު އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ސީޕީ ވިދާޅުވީ މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ފަށާފައިވާ ޚާއްޞަ އޮޕަރޭޝަން ހުއްޓުވައި، ފުލުހުން ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމަށް ބަޔަކު ރާވައިގެން ހިންގި ޢަމަލެއް ކަމަށް ބެލެވޭ ކަމަށެވެ. ހާދިސާ ހިނގި ވަގުތު އެ ސަރަޙައްދުގައި އިތުރު ތިން ސައިކަލެއް ހަރަކާތްތެރިވިކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުސް އޮފިސަރުގެ ގައިގައި ޖެއްސި ސައިކަލު ޓޯކޮށް، އޭގައި ތިބި ދެ މީހުންނާއި މި ކަމުގައި ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ އިތުރު ދެ މީހަކު ސައިކަލަކާ އެކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ. ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތު ވެސް މި މީހުންގެ މައްޗަށް ކުރެވެއެވެ. އެ ފަރާތުން ބުނެފައިވަނީ އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ސީޕީ ވިދާޅުވީ ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުމަކަށް ފަސްނުޖެހި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ފުލުހުން ސާބިތުކަމާ އެކު ދެމިތިބޭނެ ކަމަށެވެ. މަގުމަތީގެ އަމަންއަމާންކަން ނަގައިލާ ފަރާތްތަކާ ދެކޮޅަށް ކުރިއަށް ގެންދާ ޚާއްޞަ އޮޕަރޭޝަން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށާއި، މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ޤާނޫނީ ހަމަތަކުގެ މަތިން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަން ވެސް ސީޕީ ދެއްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް