ފޮއްދޫގައި ބުޅާ ގިނަވެ ދިރޭ ތަކެއްޗަށް ކާން އެޅޭނެ ވަކި ސަރަހައްދެއް ކަނޑައަޅައިފި
ނ. ފޮއްދޫގައި ބުޅާ އާދަޔާ ޚިލާފަށް ގިނަވެ ރައްޔިތުންނަށް އެކި އުނދަގޫތައް ކުރިމަތިވަމުން ދާތީ، ދިރޭ ތަކެއްޗަށް ކާން އެޅުމަށް ވަކި ސަރަހައްދެއް އެ ރަށު ކައުންސިލުން ހަމަޖައްސައިފިއެވެ.
ނ. ފޮއްދޫގައި ބުޅާ އާދަޔާ ޚިލާފަށް ގިނަވެ ރައްޔިތުންނަށް އެކި އުނދަގޫތައް ކުރިމަތިވަމުން ދާތީ، ދިރޭ ތަކެއްޗަށް ކާން އެޅުމަށް ވަކި ސަރަހައްދެއް އެ ރަށު ކައުންސިލުން ހަމަޖައްސައިފިއެވެ.
ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ރަށުގައި ބުޅާ އިތުރުވުމުގެ ސަބަބުން އާންމު ބޯފެން ނެގުމަށް ދަތިވެ، އިޖުތިމާޢީ ސަރަހައްދުތަކުގައި ނަޖިސް ގިނަވެ، ރައްޔިތުންގެ ކަންބޮޑުވުން ކައުންސިލަށް ހުށަހެޅިފައިވާ ކަމަށެވެ. ޖަނަވާރު ގެންގުޅުމުގައި ޢަމަލުކުރަންވީ ގޮތް ކައުންސިލުން އަންގާފައި ވީ ނަމަވެސް، ބައެއް ފަރާތްތަކުން އެ އެންގުންތަކާ އެއްގޮތަށް ޢަމަލުކުރަމުން ނުދާ ކަމަށާއި، ޢާންމު ސަރަހައްދުތަކަށް ބުޅަލަށް ކާން އެޅުމުގެ ޝަކުވާ ލިބެމުން ދާ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކައުންސިލުގެ ފަސް ވަނަ ދައުރުގެ 21 ވަނަ ޢާންމު ބައްދަލުވުމުގައި ނިންމާފައި ވަނީ ޖަނަވާރަށް ކާން ދޭން ބޭނުންވާ ފަރާތްތަކުން އެ ކަން ކުރެވޭނީ ގްރީން ހައުސް ސަރަހައްދުގެ ތެރެއިން ލޯކަލް ބީޗާ ކައިރި ނުވާ ހިސާބެއްގައި ކަމަށެވެ. ގޯތި ތެރެ ފިޔަވައި ޢާންމު އެއްވެސް ސަރަހައްދަކަށް ދިރޭ ތަކެއްޗަށް ކާން އެޅުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މުޅިން މަނާކޮށްފައިވާ ކަމަށް ކައުންސިލުގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މުނިފޫހިފިލުވުމުގެ ބޭނުމުގައި ހުއްދައަކާ ނުލައި އަމިއްލަ ގޯތީގައި ގެންގުޅެވޭނެ ޖަނަވާރުގެ އެންމެ ގިނަ ޢަދަދަކީ ދޭއް ކަމަށް ވެސް ކައުންސިލުން ކަނޑައަޅާފައިވެއެވެ. ހިމާޔަތް ނުކުރާ ދޫނި ސޫފާސޫފި ކޮށީގައި ގެންގުޅުމުގައި ވަކި ޢަދަދެއް ކަނޑައެޅިފައި ނެތް ނަމަވެސް، ގެންގުޅޭ ދިރޭ އެއްޗެހީގެ ސަބަބުން ޢާންމު ރައްޔިތުންނަށް އުނދަގޫ ނުވާ ގޮތަށް ކަންކަން ބެލެހެއްޓުމަށް ކައުންސިލުން ނަސޭހަތްތެރިވެފައިވެއެވެ.
ކަނޑައެޅި ސަރަހައްދު ނޫން ތަންތަނަށް ކާން އަޅާ ފަރާތްތަކާ މެދު ރަށުގައި ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅުމާ ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް