ދަނޑުވެރިކަން ދެމެހެއްޓުމަށް ދަރިވަރުން ޢަމަލީ ތަޖުރިބާ ހޯދަން ޖެހޭ: ޝިޔާމް
ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއަށް ދާނީ ދެމެހެއްޓެނިވި ގޮތެއްގައި ކަމުގައި ވާން ޖެހޭ ކަމަށާއި، އެކަމުގައި މައިގަނޑު ދައުރެއް އަދާކުރަންޖެހޭނީ ދަރިވަރުން ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޝިޔާމް، އައްޑޫސިޓީ މީދޫގައި ބޭއްވި ފޯރަމެއްގައި ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއަށް ދާނީ ދެމެހެއްޓެނިވި ގޮތެއްގައި ކަމުގައި ވާން ޖެހޭ ކަމަށާއި، އެކަމުގައި މައިގަނޑު ދައުރެއް އަދާކުރަންޖެހޭނީ ދަރިވަރުން ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޝިޔާމް، އައްޑޫސިޓީ މީދޫގައި ބޭއްވި ފޯރަމެއްގައި ވިދާޅުވެއްޖެއެވެ.
މި ފޯރަމް ބޭއްވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. ފޯރަމް ހުޅުވައިދެއްވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ދަނޑުވެރިކަމުގެ ދާއިރާގައި މީދޫއަށް ދިގު ތާރީޚެއް އޮންނަ ކަމަށާއި، މިހާރު ފެންނަ ޒަމާނީ ދަނޑުވެރިކަމުގެ ފެންވަރަށް ދާއިރާ ގެނައުމުގައި އެ ރަށުގެ ދަނޑުވެރިން ބުރަކޮށް މަސައްކަތްކޮށްފައިވާ ކަމަށެވެ.
ޞިނާޢަތުގެ ކުރިމަގު ރޯޝަންކުރުމުގައި ޒުވާނުންގެ ބައިވެރިވުމާއި ޒިންމާދާރުކަން ވަރަށް މުހިންމު ކަމަށް ވިދާޅުވެ، ފޮތުން ލިބޭ ޢިލްމާއެކު ޢަމަލީ ތަޖުރިބާ ހޯދުމަށް ވެސް އިސްކަން ދިނުމަށް މިނިސްޓަރު ދަރިވަރުންނަށް ގޮވާލެއްވިއެވެ.
"މުސްތަޤުބަލުގައި ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދަން އެބަޖެހޭ. އެކަން ޙާޞިލުކުރުމުގެ މައިގަނޑު ބަޔަކީ ތިޔަ ލޮބުވެތި ދަރިވަރުން. އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ދަނޑުވެރިކަމުގެ ވެށި ވަރަށް ތަފާތު. ހަމައެއާއެކު، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފޯރާނެ ނާޒުކު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން އަބަދުވެސް ހަނދާންކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ފޯރަމުގައި ސ. އަތޮޅު މަދަރުސާގެ ދަރިވަރުން، ދަނޑުވެރިކަމަށް ބޭނުންވާ ޒަމާނީ އީޖާދުތަކާއި ދާއިރާގެ ކުރިމަގާ މެދު ދެކޭ ގޮތް ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވެއެވެ. އަދި ޞިނާޢަތަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އެ މައްސަލަތައް ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރުމަށް ޕެނަލް ޑިސްކަޝަނެއް ވެސް ބާއްވާފައިވެއެވެ.
ދަނޑުވެރިކަމުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، ކެނަރީފް ރިސޯޓް މޯލްޑިވްސްގައި ބޭއްވި "ވިލުންވެށި ސްކޫލް ގާރޑަން ޕްރޮގްރާމް"ގައި ވެސް މިނިސްޓަރު ބައިވެރިވެވަޑައިގެންފައިވެއެވެ.
"އެންހޭންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" މަޝްރޫޢުގެ ދަށުން ހިންގާ އެ ޕްރޮގްރާމުގެ ލަނޑުދަނޑިތަކަކީ ސްކޫލުތަކުގައި ދަނޑުވެރިކަން ފުޅާކޮށް، މޫސުމީ ބަދަލުތަކަށް ވިލުންވެރިވުމާ ބެހޭގޮތުން ދަރިވަރުން ހޭލުންތެރިކުރުވުމާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފައްދާ އާދަ ދަރިވަރުންގެ ކިބައިގައި އުފެއްދުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް