ފަލަސްޠީނަށް ދޭ ތާއީދު ރާއްޖެއިން ދެމެހެއްޓޭނެ: ޚާރިޖީ މިނިސްޓަރު
ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެއިން ކުރަމުން އަންނަ ވަކާލާތު ކުރިއަށް ވެސް ދެމެހެއްޓޭނެ ކަމުގެ ޔަޤީންކަން، އިރާޤުގައި ބޭއްވި އޯއައިސީގެ ޚާރިޖީ މިނިސްޓަރުންގެ ބައްދަލުވުމުގައި ޚާރިޖީ މިނިސްޓަރު ދެއްވައިފިއެވެ.
ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެއިން ކުރަމުން އަންނަ ވަކާލާތު ކުރިއަށް ވެސް ދެމެހެއްޓޭނެ ކަމުގެ ޔަޤީންކަން، އިރާޤުގައި ބޭއްވި އޯއައިސީގެ ޚާރިޖީ މިނިސްޓަރުންގެ ބައްދަލުވުމުގައި ޚާރިޖީ މިނިސްޓަރު ދެއްވައިފިއެވެ.
ޚާރިޖީ މިނިސްޓަރު އިރުތިޝާމް އާދަމް މި ވާހަކަ ފާހަގަކުރެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ މިނިސްޓަރުންގެ ކައުންސިލުގެ 52 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ބޯޑަރުތަކަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށްކޮށްގެން، މިނިވަން އަދި ސިޔާދަތު ހުރި ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަކީ ރާއްޖޭގެ ސިޔާސަތު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ލަނޑުދަނޑި ޙާޞިލުކުރުމަށް އޯއައިސީގެ ހުރިހާ މެންބަރު ޤައުމުތަކަކުން ގުޅިގެން މަސައްކަތްކުރުމަށް ވެސް އިރުތިޝާމް ގޮވާލެއްވިއެވެ.
ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އިސްލާމީ އުންމަތަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ޤައުމުތަކުގެ ދެމެދުގައި މަޝްވަރާ ކުރިއަށް ގެންދިއުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދެމެހެއްޓެނިވި ތަރައްޤީއާއި ސުލްޙައަށް މުޖުތަމަޢުގެ ހުރިހާ ބައިތަކެއް ޝާމިލުކުރަން ޖެހޭ ކަމަށް ބާރުއަޅުއްވައި، އެކަމުގައި ދިވެހި ސަރުކާރުން ކުރަމުންދާ ބައެއް މަސައްކަތްތައް ވެސް އިރުތިޝާމް ފާހަގަކުރެއްވިއެވެ.
ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މަސްޖިދުލް އަޤްޞާއަށް ވަދެ ހިންގާ ހަމަލާތަކާ މެދު މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ސުލްޙައާ ބެހޭ ކޮންމެ މަޝްވަރާއެއްގައި ވެސް ހަނގުރާމައާއި އަނިޔާވެރިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ ނާޒުކު ފަރާތްތަކުގެ އަޑު ހިމެނެން ޖެހޭ ކަމަށް ވެސް އިރުތިޝާމް ބަޔާންކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރޭގައި އޯއައިސީގެ މެންބަރު ޤައުމުތަކުގެ މިނިސްޓަރުންނާ ވެސް މިނިސްޓަރު ބައްދަލުކުރައްވައި، ގުޅުން ބަދަހިކޮށް ދެ ފަރާތުގެ މަޞްލަޙަތު ހިމެނޭ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މިނިސްޓަރުގެ އަރިހުގައި އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރާއި އެސިސްޓެންޓް ޑިރެކްޓަރު މުޙައްމަދު ޝުޖާޢު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޚާރިޖީ މިނިސްޓަރުންގެ ކައުންސިލުގެ ބައްދަލުވުމަކީ އިސްލާމީ އުންމަތަށް ކުރިމަތިވާ މުހިންމު މައްސަލަތަކަށް ޙައްލު ހޯދުމަށް އޯއައިސީގެ ޤައުމުތަކުގެ ޚާރިޖީ މިނިސްޓަރުން ކޮންމެ އަހަރަކު އެއްވެ ބާއްވާ ބައްދަލުވުމެކެވެ. މި އަހަރަކީ ރާއްޖެ އޯއައިސީއާ ގުޅުނުތާ 50 އަހަރު ފުރޭ އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް