ޕެންޝަނާ ބެހޭ މަޢުލޫމާތު ރައްޔިތުން އަމިއްލައަށް ހޯދުމަށް ޑރ. ވަހީދު ގޮވާލައިފި
ޕެންޝަން ނިޒާމާ ބެހޭ މަޢުލޫމާތު ހޯދައި އެކަމާ މެދު ހޭލުންތެރިވުމަކީ ކޮންމެ ރައްޔިތަކުވެސް އަމިއްލައަށް އުފުލަންޖެހޭ ޒިންމާއެއް ކަމަށް ކުރީގެ ރައީސް ހދ. ހަނިމާދޫގައި ވިދާޅުވެފިއެވެ.
ޕެންޝަން ނިޒާމާ ބެހޭ މަޢުލޫމާތު ހޯދައި އެކަމާ މެދު ހޭލުންތެރިވުމަކީ ކޮންމެ ރައްޔިތަކުވެސް އަމިއްލައަށް އުފުލަންޖެހޭ ޒިންމާއެއް ކަމަށް ކުރީގެ ރައީސް ހދ. ހަނިމާދޫގައި ވިދާޅުވެފިއެވެ.
ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު މި ވާހަކަ ވިދާޅުވީ ޕެންޝަން އޮފީހުން ހަނިމާދޫގައި ބާއްވާ "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ތަރައްޤީވެފައިވާ ޤައުމުތަކުގައި ކާމިޔާބުކަމާއެކު ހިންގަމުންދާ ޕެންޝަން ނިޒާމަކީ ރައްޔިތުންނަށް ނެތިއުޅެނުވާނެ އަސާސީ ޚިދުމަތެއް ކަމަށެވެ. އަދި އެއީ ދައުލަތާއި ރައްޔިތުންގެ ދެމެދުގައި އޮންނަ އިޖުތިމާޢީ ޢަޤުދުގެ ތެރެއިން ރައްޔިތުންނަށް ކަށަވަރުކޮށްދޭ މުހިންމު ރައްކާތެރިކަމެއްގެ ގޮތުގައި ޑރ. ވަހީދު ސިފަކުރެއްވިއެވެ.
މުޅި އުމުރު ވަޒީފާ އަދާކޮށް އާމްދަނީ ހޯދުމާއި ހަމަޖެހިގެން ދުޅަހެޔޮކަމާއެކު ހުރުމަކީ ޔަޤީންކުރެވޭނެ ކަމެއް ނޫން ކަމަށް ޑރ. ވަހީދު ފާހަގަކުރެއްވިއެވެ. އަމިއްލަ ނަފްސުގެ އިތުރުން ދަރިންނާއި ކާފަދަރިންނާއި ޢާއިލާގެ އެހެން މެންބަރުންގެ ޒިންމާވެސް އުފުލަންޖެހޭތީ، ޢުމުރުން ދުވަސްވުމުން ލިބޭ ޕެންޝަނަކީ ކިތަންމެ ކުޑަ ޢަދަދެއް ނަމަވެސް މުޅި ޢާއިލާއަށް ބޮޑު އެހީއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ ފާހަގަކުރެއްވި ފަދައިން، މި ސްކީމަކީ ހަމައެކަނި ފަރުދަކަށް ޚާއްޞަ ނިޒާމެއް ނޫން ކަމަށާއި، މުޅި މުޖުތަމަޢަށާއި ޢާއިލާތަކަށް ގިނަ މަންފާތަކެއް ލިބިދޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމެއް ކަމަށްވެސް ޑރ. ވަހީދު ވިދާޅުވިއެވެ.
ޕެންޝަން ނިޒާމު ހިންގާ ގޮތާއި، ފައިސާ ޖަމާކުރާ އުސޫލުތަކާއި، އޭގެ ފައިދާތައް ރަނގަޅަށް ދެނެގަތުން މުހިންމު ކަމަށް ޑރ. ވަހީދު ހަނދާންކޮށްދެއްވިއެވެ. މިކަމާ ގުޅޭ ހުރިހާ މަޢުލޫމާތެއް ޕެންޝަން އޮފީހުގެ ވެބްސައިޓުން ފަސޭހައިން ލިބެން ހުރުމާއެކު، އަމިއްލަ އިސްނެގުމުގައި އެ މަޢުލޫމާތު ކިޔައި ހޭލުންތެރިވުމަށް ވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް