އެޗްޑީސީން 220 އެޕާޓްމަންޓެއްގެ ކުޑަދޮރުތަކަށް ރެއިލިން ހަރުކޮށްދީފި
އެއްމެދު އިމާރާތްތައް ރައްކާތެރިކުރުމަށް ފެށި މަސައްކަތުގެ ދަށުން ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކޮށް ނިންމާލި ކަމަށް ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
އެއްމެދު އިމާރާތްތައް ރައްކާތެރިކުރުމަށް ފެށި މަސައްކަތުގެ ދަށުން ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކޮށް ނިންމާލި ކަމަށް ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ 220 އެޕާޓްމަންޓުގެ ޖުމުލަ 273 ކުޑަދޮރުގައި ރެއިލިން ހަރުކޮށްދީފައިވާ ކަމަށެވެ. ބާކީ އެޕާޓްމަންޓްތަކުގެ މަސައްކަތް ކުރިއަށް ދަމުންދާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެ މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ހުރި ރެއިލިންތައް ގަވާއިދާ އެއްގޮތްތޯ ބެލުމެވެ. ރެއިލިން ހަރުކުރުމަށް އެހީތެރިކަމަށް އެދުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލީ ސެޕްޓެމްބަރު 30 ވަނަ ދުވަހާ ހަމައަށެވެ. އެ ފުރުސަތުގައި 1,011 އެޕާޓްމަންޓަކުން ރެއިލިން ހަރުކޮށްދިނުމަށް އެދިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ރެއިލިން ހަރުކުރުމުގެ އިތުރުން، އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދަމުންދާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މި މަސައްކަތް ފެށީ ސެޕްޓެމްބަރު 3 ވަނަ ދުވަހުއެވެ. އެ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް