ހަ އަތޮޅެއްގެ ރަށްރަށް ފަތުރުވެރިކަމަށް ކުއްޔަށް ދިނުމުގައި ޓޫރިޒަމް މިނިސްޓްރީން ލުއިތަކެއް ދީފި
ފަތުރުވެރިކަމުގެ ބޭނުމަށް ރަށާއި ބިމާއި ފަޅު ކުއްޔަށް ދޫކުރުމުގެ ގަވާއިދަށް ގެނައި އިޞްލާޙަކާ ގުޅިގެން، ފަތުރުވެރިކަމުގައި އިންވެސްޓްމަންޓް އިތުރުކުރުމަށް ހަ އަތޮޅެއްގެ ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާ ރޭޓުތަކަށް ޓޫރިޒަމް މިނިސްޓްރީން ދެ އަހަރަށް ލުއިތަކެއް ދީފިއެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ރަށާއި ބިމާއި ފަޅު ކުއްޔަށް ދޫކުރުމުގެ ގަވާއިދަށް ގެނައި އިޞްލާޙަކާ ގުޅިގެން، ފަތުރުވެރިކަމުގައި އިންވެސްޓްމަންޓް އިތުރުކުރުމަށް ހަ އަތޮޅެއްގެ ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާ ރޭޓުތަކަށް ޓޫރިޒަމް މިނިސްޓްރީން ދެ އަހަރަށް ލުއިތަކެއް ދީފިއެވެ.
އެ މިނިސްޓްރީން ނެރުނު އިޢުލާނުގައިވާ ގޮތުން، މި ޚާއްޞަ ކޮންސެޝަން ރޭޓުތައް ލިބޭނީ ހއ، ހދ، ށ، ތ، ލ އަދި އައްޑޫ އަތޮޅަށެވެ. އާ އުޞޫލުގެ ދަށުން ލީޒް އެކުއިޒިޝަން ކޮސްޓް ކަނޑައަޅާނީ ބޭސް ރޭޓާއި، ބިމުގެ ބޮޑުމިނަށް ބަލައި ހެކްޓަރެއްގެ ރޭޓުން ޖެހޭ އަދަދާއި، ސައިޒް ޕްރީމިއަމް ހިމަނައިގެން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިޢުލާނުގައިވާ ގޮތުން، ކަނޑައަޅާފައިވާ ރޭޓުތަކުގެ ތެރޭގައި 400,000 އެމެރިކާ ޑޮލަރުގެ ބޭސް ރޭޓަކާއެކު ހެކްޓަރަކަށް 35,000 ޑޮލަރު ނަގާ ރޭޓާއި، 700,000 ޑޮލަރުގެ ބޭސް ރޭޓަކާއެކު ހެކްޓަރަކަށް 60,000 ޑޮލަރު ނަގާ ރޭޓު ހިމެނެއެވެ. 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ބިންތަކުން ސައިޒް ޕްރީމިއަމް ނުނަގާނެ ކަމަށާއި، 41 ހެކްޓަރަށްވުރެ ބޮޑު ބިންތަކުން ސައިޒް ޕްރީމިއަމްގެ ގޮތުގައި 500,000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ރަށެއްގެ ބިމުގެ ބޮޑުމިން ކަނޑައަޅާނީ މީން ޓައިޑް ލައިނުގެ އެތެރޭގައިވާ ސަރަޙައްދު ސަރވޭކުރުމަށްފަހު ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ. ފަޅު ހިއްކުމުގެ ހުއްދަ ދޫކުރާނީ ހިއްކަން ކަނޑައަޅާ ސަރަޙައްދުގެ އެކުއިޒިޝަން އަގު ދެއްކުމުން ކަމަށާއި، އެ އަގު ކަނޑައަޅާނީ އެ އަތޮޅަކަށް ކަނޑައެޅިފައިވާ ހެކްޓަރެއްގެ ރޭޓު ހިއްކާ ސަރަޙައްދުގެ ބޮޑުމިނާ ގުނަކުރުމުން ނުކުންނަ އަދަދުގެ 70 އިންސައްތައިން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ލުއިތައް ދީފައިވަނީ ކްރޮސް ސަބްސިޑީގެ ދަށުން، ފަތުރުވެރިކަމުގެ ތަރައްޤީއަށް އެކަށީގެންވާ ސަމާލުކަން ލިބިފައިނުވާ ސަރަޙައްދުތަކަށް އިންވެސްޓްމަންޓް ޖަރުކުރުމުގެ ބޭނުމުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް