ޓައިގާ ޝްރޮފްގެ ކާރަށް ބަޑިޖަހައިފި، ބިޝްނޮއީ ގޭންގުން ޒިންމާ ނަގައިފި
ބޮލީވުޑް ތަރި ޓައިގާ ޝްރޮފް އިން ކާރަށް މުމްބާއީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ބަޑިޖަހައި، އޭނާ މަރާލަން މަސައްކަތްކޮށްފިއެވެ.
ބޮލީވުޑް ތަރި ޓައިގާ ޝްރޮފް އިން ކާރަށް މުމްބާއީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ބަޑިޖަހައި، އޭނާ މަރާލަން މަސައްކަތްކޮށްފިއެވެ.
މި ހަމަލާ ދީފައިވަނީ މުމްބާއީގެ ޖުހޫގައިވާ ޕާކެއްގެ ކައިރީގައެވެ. ޓައިގާ ކައިރީގައިވާ އިމާރާތަކުން ނުކުމެ، ކާރަށް އަރައި ދުއްވަން ފެށިތާ ކުޑަ ވަގުތުކޮޅަކުން، ދެތިން މީހަކު އޭނާ އިން ފަރާތުން ކާރަށް ބަޑިޖަހަން ފެށިއެވެ. ޓައިގާގެ ގަޔަށް އެއްވެސް ވަޒަނެއް ނާރާ ކަމަށް ބުނެއެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ވަޒަނެއް އަރާފައިވަނީ ކައިރީގައި އޮތް އޮޓޯރިކްޝާއެއްގެ ޑްރައިވަރެއްގެ ގަޔަށެވެ. ޓައިގާއަށާއި އޭނާގެ ޑްރައިވަރަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ހާދިސާގެ ސަބަބުން ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.
އިންޑިއާގެ މަޝްހޫރު ފަރާތްތަކަށް ހަމަލާދޭ ގޭންގެއް ކަމަށްވާ ލޯރެންސް ބިޝްނޮއީ ގޭންގުން މި ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެފައިވެއެވެ. އެ ގޭންގުގެ ފޭސްބުކް ޕޭޖަށް ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ޓައިގާއަށް ހަމަލާދިނީ އޭނާ އެ ގޭންގަށް ނުކިޔަމަންތެރިވެ، ސަލްމާން ޚާންގެ ފަޅީގައި މަސައްކަތްކުރާތީ ކަމަށެވެ. ނަމަވެސް އެ ވާހަކައިގެ ޞައްޙަކަމާއި ހަމަލާއާ އޮތް ގުޅުން އަދި ކަށަވަރުވެފައެއް ނުވެއެވެ.
ތުހުމަތުކުރެވޭ މީހުން ހޯދުމަށް މުމްބާއީ ފުލުހުން ބޮޑު ހޯދުމެއް ފަށާފައިވާއިރު، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ވެސް ބަލަމުން ދެއެވެ. ޑީސީޕީ މޯހިތް ގާގް ބުނީ، "ފޮރެންސިކް ޓީމުން ފުރަތަމަ ތަޙުލީލު ފަށައިފި، މި މައްސަލައިގައި ގާތްގަނޑަކަށް 15 ޓީމެއް މިހާރު މަސައްކަތްކުރަމުން ދަނީ" ކަމަށެވެ. މަހާރާޝްޓްރާގެ ޗީފް މިނިސްޓަރު ދޭވެންދްރަ ފަޑްނަވިސް ތަޙުޤީޤު އަވަސްކުރުމަށް ފުލުހުންނަށް އަންގާފައިވެއެވެ. ޓައިގާއަށް ގުޅައި އޭނާ ބުނީ، "އަހަރެމެން ހުރިހާ އެންމެން ތިބީ ތިބާއާއެކު. ތުހުމަތުކުރެވޭ މީހުން އެންމެ އަވަހަކަށް ހޯދައި ހައްޔަރުކުރާނަން" ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި ފިލްމީ ދާއިރާގެ އެތައް ބަޔަކަށް ބަޑިޖަހާފައިވެއެވެ. މިއަހަރުގެ ފެބްރުއަރީ މަހު ޖުހޫގައިވާ ފިލްމް ޑައިރެކްޓަރު ރޯހިތް ޝެޓީގެ ގޭ ބޭރުގައި ފަސް ވަޒަން ޖަހާފައިވާއިރު، އެ ހަމަލާގެ ޒިންމާ ވެސް ނަގާފައިވަނީ ލޯރެންސް ބިޝްނޮއީ ގޭންގުންނެވެ. 2024 ވަނަ އަހަރުގެ އެޕްރީލް މަހު ބާންދްރާގައިވާ ސަލްމާން ޚާންގެ ގެލެކްސީ އެޕާޓްމަންޓްސްގެ ބޭރުގައި ވެސް ދެ މީހަކު ފަސް ވަޒަން ޖަހާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް