ސިއްޙީ ދާއިރާގެ ކަންބޮޑުވުންތަކާ ގުޅިގެން ބިދޭސީންގެ ވަޒީފާ ގިންތިކުރި ލިސްޓު އިޞްލާޙުކޮށްފި
އެކްސްޕެޓް ސިސްޓަމުގައި ބޭނުންކުރާ ވަޒީފާ ގިންތިކުރުމުގެ ލިސްޓުގައި ޞިއްޙީ ދާއިރާގެ ފަންނީ އެތައް މަޤާމެއް ނޮން-ޕްރޮފެޝަނަލް ގިންތިއަށް ލެވިފައި އޮތް މައްސަލައާ މެދު ޢާންމުންނާއި ދާއިރާގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. ބައެއް މެޑިކަލް ސަބް-ސްޕެޝަލިޓީ ވަޒީފާތަކާއި ލެބޯޓްރީ ޓެކްނީޝަނުންނާއި މެޑިކަލް އިމޭޖިން ޓެކްނީޝަނުން ފަންނީ ނޫން ގިންތީގައި ހިމެނެއެވެ.
އަހުމަދު އާހިލް ސައީދު
ބިދޭސީ މަސައްކަތްތެރިންގެ ވަޒީފާތައް ގިންތިކޮށްފައިވާ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ޞިއްޙީ ވުޒާރާގެ އެދުމުގެ މަތިން މިދިޔަ ހޮނިހިރު ދުވަހު އެ ލިސްޓު އަލުން އިޞްލާޙުކޮށްފިއެވެ.
އެކްސްޕެޓް ސިސްޓަމުގައި ބޭނުންކުރާ ވަޒީފާ ގިންތިކުރުމުގެ ލިސްޓުގައި ޞިއްޙީ ދާއިރާގެ ފަންނީ އެތައް މަޤާމެއް ނޮން-ޕްރޮފެޝަނަލް ގިންތިއަށް ލެވިފައި އޮތް މައްސަލައާ މެދު ޢާންމުންނާއި ދާއިރާގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. ބައެއް މެޑިކަލް ސަބް-ސްޕެޝަލިޓީ ވަޒީފާތަކާއި ލެބޯޓްރީ ޓެކްނީޝަނުންނާއި މެޑިކަލް އިމޭޖިން ޓެކްނީޝަނުން ފަންނީ ނޫން ގިންތީގައި ހިމެނެއެވެ.
ހޯމް މިނިސްޓްރީގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ ކުރިން އިކޮނޮމިކް މިނިސްޓްރީގެ ދަށުގައި އެ ސިސްޓަމު އޮތް އިރުވެސް ގިންތީގެ ތަރުތީބު އޮތީ ހަމަ އެ ގޮތަށް ކަމަށާއި ހޯމްލޭންޑް ސެކިއުރިޓީގެ ދަށަށް ސިސްޓަމް ބަދަލުކުރިއިރު އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.
"ފާއިތުވި ހަތަރު އަހަރު ވެސް އެގޮތަށް ކެޓަގަރައިޒޭޝަން އޮތީ. ބޮޑަށް ބެލެވެނީ އެރާއަކުން ކަން އެގޮތަށް ހެދިފައި އޮތީ." އެ އޮފިޝަލް ވިދާޅުވިއެވެ.
މި ބަދަލުގެ ކުރިން ޕްރޮފެޝަނަލް ގިންތީން ވޯކް ޕާމިޓާއި ވިސާ ހޯދައިގެން ތިބި ފަރާތްތަކަށް އެ ހުއްދަތައް އާކުރެވޭނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އެ ފަރާތްތައް އިތުރު މުވައްޒަފުން ގެނައުމަށް ހުށަހެޅުމުގައި ކުރިން ކޯޓާ ހޯދި މީހުންގެ ތަފުޞީލު ހުށަހަޅާ ހިސާބުން ދަތިތައް ކުރިމަތިވާނެއެވެ.
ހެލްތު ޔޫނިއަނުން ވަނީ ޑިޕެންޑެންޓް ވިސާ އާ ނުކުރެވި ބިދޭސީ މުވައްޒަފުންގެ ޢާއިލާތައް ވަކިވެ އަނބިދަރިން ޤައުމަށް ފޮނުވައިލަން ޖެހޭ ހާލަތަށް ދިޔަ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. "މިކަމުގެ ސަބަބުން މިހާރު ވެސް ބިދޭސީންނަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ސިއްހީ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރާނެ. އަދި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށާއި މެދުކެނޑުމެއްނެތި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހުރަސްއެޅިގެންދާނެ" ކަމަށް އެ ޔޫނިއަނުން ބުނެފައިވެއެވެ.
ޞިއްޙީ ވުޒާރާގެ އެދުމާ އެއްގޮތަށް ގިންތީގެ ލިސްޓަށް މިހާރު ބަދަލު ގެނެސްފައިވީ ނަމަވެސް ރެމިޓެންސް ލިމިޓާއި ޑިޕެންޑެންޓް ވިސާ ފަދަ އިނާޔަތްތައް ކުރިއެކޭ އެއްގޮތަށް ލިބުމާ މެދު ފަންނީ މުވައްޒަފުންގެ ކަންބޮޑުވުން ދެމި އޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް