މައިގަނޑު ބަޔަށް ދާން

ހަބަރު

ދިވެހިންނަށް ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަކަށް ތައިލެންޑަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފި

ތައިލެންޑުގެ ވިސާ ސިޔާސަތަށް ގެނައި ބަދަލާ އެކު މި މަހުގެ 15 އިން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި 30 ދުވަހު އެ ޤައުމުގައި މަޑުކުރެވޭނެއެވެ.

ސީޒާ ޢަބްދުލްޙަކީމް

ފޮޓޯ: ދަ ސްޓްރެއިޓްސް ޓައިމްސް
ފޮޓޯ: ދަ ސްޓްރެއިޓްސް ޓައިމްސް

ތައިލެންޑުގެ ވިސާ ސިޔާސަތަށް ގެނައި ބަދަލުތަކާ ގުޅިގެން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި އެ ޤައުމުގައި 30 ދުވަހު މަޑުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ތައިލެންޑުގެ ސަރުކާރުން ވިސާ ސިޔާސަތަށް ގެނައި އިސްލާޙުތައް މިދިޔަ އޮގަސްޓް 31 ގައި ރަސްމީކޮށް ގެޒެޓްކޮށްފައިވެއެވެ. ޖުލައި މަހު ތައިލެންޑުން އިޢުލާނުކޮށްފައިވާ ގޮތުން ގެޒެޓްކުރާ ދުވަހުން ފެށިގެން 15 ދުވަސް ހަމަވުމާ އެކު އެ ނިންމުންތައް ތަންފީޒުކުރެވެން ފެށޭނެއެވެ.

ތައިލެންޑުން 2024 ވަނަ އަހަރު ތަޢާރަފުކުރީ ވިސާއާ ނުލައި 60 ދުވަހު ތިބެވޭ އުސޫލެކެވެ. ނަމަވެސް ވިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ސްކޭމް ފަދަ ބޮޑެތި ކުށްތައް ހިންގާ މިންވަރު އިތުރުވަމުންދިއުމާ ގުޅިގެން 93 ޤައުމެއްގެ ރައްޔިތުންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު 15 ދުވަހަށް ކުޑަކުރި ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ. ބައެއް ޤައުމުތަކަށް 30 ދުވަހުގެ މުއްދަތެއް ވެސް ކަނޑައެޅިއެވެ.

ދިވެހިންނަށް ލިބޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް ބަދަލުކުރީ މި އަހަރުގެ ޖޫން 29 ވަނަ ދުވަހު ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ތައިލެންޑުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށް ފަހުގައެވެ.

ތައިލެންޑަކީ ޗުއްޓީ ހޭދަކުރުމަށް ގިނަ ޢަދަދެއްގެ ދިވެހިން ދަތުރުކުރާ މަންޒިލެއް ކަމުން މި ނިންމުމާ އެކު މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދިވެހިންނަށް އެ ޤައުމަށް ދަތުރުކުރުމުގައި ކުރިއަށް ވުރެ ފަސޭހަ ވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.