ޗައިނާގެ ހިލޭ އެހީގައި ލިބުނު ސްޕްރޭޔަރުތައް ހުރިހާ އަތޮޅަކަށް ފޮނުވައިފި
މި ސްޕްރޭޔަރުތައް ލިބިފައި ވަނީ ދަނޑުވެރިކަމާ ބެހޭ ވުޒާރާ އާއި ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އާއި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއާ ދެމެދު 2024 ވަނަ އަހަރުގެ އޮގަސްޓް ހައެއްގައި ސޮއިކުރި އެމްއޯޔޫއެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން 100،000 ޔުއާން )14،879 ޑޮލަރު( ގެ ހިލޭ އެހީ ރާއްޖެއަށް ލިބިފައިވެއެވެ.
އަހުމަދު އާހިލް ސައީދު
ޗައިނާގެ ސިޗުއާން ޕްރޮވިންސުން ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާ ބޮޑެތި ގަސްތަކަށް ބޭސް ޖެހުމަށް ބޭނުންކުރާ 25 ސްޕްރޭޔަރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ފޮނުވައިފިއެވެ.
މި ސްޕްރޭޔަރުތައް ލިބިފައި ވަނީ ދަނޑުވެރިކަމާ ބެހޭ ވުޒާރާ އާއި ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އާއި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއާ ދެމެދު 2024 ވަނަ އަހަރުގެ އޮގަސްޓް ހައެއްގައި ސޮއިކުރި އެމްއޯޔޫއެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން 100,000 ޔުއާން (14,879 ޑޮލަރު) ގެ ހިލޭ އެހީ ރާއްޖެއަށް ލިބިފައިވެއެވެ.
އެ ވުޒާރާއިން ފާހަގަކުރި ގޮތުގައި ރަށްރަށުގެ ޢާންމު ސަރަޙައްދުތަކުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި ކޫޑި ފަދަ ސޫފާސޫފި އެޅުމުގެ މައްސަލައިގައި އެހީއަށް އެދޭ މިންވަރު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. ލާމަރުކަޒީ ޤާނޫނުގެ ދަށުން ޢާންމު ސަރަޙައްދުތަކުގެ ގަސްތަކުގައި އަޅާ ޕެސްޓު ކޮންޓްރޯލުކުރުމުގެ ޒިންމާ އޮތީ ރަށު ކައުންސިލުތަކާ ހަވާލުކޮށްފައެވެ.
ސްޕްރޭޔަރުތައް ހަވާލުކޮށްފައި ވަނީ މާލެ އަތޮޅު ފިޔަވައި ސިޓީ ކައުންސިލް ހުރި އަތޮޅުތަކުގެ ސިޓީ ކައުންސިލްތަކާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އަތޮޅު އޮފީސްތަކާއެވެ. އޭގެ ތެރޭގައި ހއ. ދިއްދޫ ހދ. ކުޅުދުއްފުށި ށ. ފުނަދޫ ނ. މަނަދޫ ރ. އުނގޫފާރު ބ. އޭދަފުށި ޅ. ނައިފަރު ކ. ތުލުސްދޫ އއ. ރަސްދޫ އދ. މަހިބަދޫ ވ. ފެލިދޫ މ. މުލި ފ. ނިލަންދޫ ދ. ކުޑަހުވަދޫ ތ. ވޭމަންޑޫ ލ. ފޮނަދޫ ގއ. ވިލިނގިލި ގދ. ތިނަދޫ ފުވައްމުލައް އަދި އައްޑޫ ހިމެނެއެވެ. މިގޮތަށް ހަމަޖެއްސީ ރަށެއްގައި ޕެސްޓު ކޮންޓްރޯލުކުރަން ޖެހޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ ލަސްނުވެ ސްޕްރޭޔަރުގެ ބޭނުން ހިފެވޭނެ ގޮތް ފަހިކުރުމަށް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
އެ ވުޒާރާއިން އިތުރަށް ބުނީ ކޮންމެ އަތޮޅެއްގެ ރަށަކަށް ސްޕްރޭޔަރު ބޭނުންވެއްޖެ ނަމަ އެ ރަށަކަށް ސްޕްރޭޔަރު ފޯރުކޮށްދީ ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސައި ރަށު ކައުންސިލުތަކަށް މި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޒިންމާ އެ އަތޮޅެއްގެ ސިޓީ ކައުންސިލް ނުވަތަ އަތޮޅު އޮފީހުން ނަގަން ޖެހޭނެ ކަމަށެވެ. މި ސްޕްރޭޔަރުތަކުގެ ސަބަބުން ރަށު ފެންވަރުގައި ޕެސްޓު ކޮންޓްރޯލުކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް