ތިނަދޫ ކުޅިއަށް ކެމިކަލް އެޅި މައްސަލައިގައި ސްވިފްޓް އިންޖީނިއަރިންއާ މެދު ފިޔަވަޅު އެޅުމަށް އެދިއްޖެ
ސްވިފްޓް އިންޖީނިއަރިންއިން ތިނަދޫ ކުޅިއަށް ހުއްދައަކާ ނުލައި ކެމިކަލް ފެނާއި ސިމެންތި މިކްސް ބޭރުކުރި މައްސަލައިގައި އެ ކުންފުނި ޖޫރިމަނާކޮށްދިނުމަށް ސިޓީ ކައުންސިލުން އެންވަޔަރްމަންޓް މިނިސްޓްރީގައި އެދިއްޖެއެވެ.
ސީޒާ ޢަބްދުލްޙަކީމް
ގދ. ތިނަދޫގައި ހައުސިން މަޝްރޫޢެއް ހިންގާ ސްވިފްޓް އިންޖީނިއަރިން ކުންފުނިން ކައުންސިލްގެ ހުއްދައަކާ ނުލައި ރަށުގެ ކުޅިއަށް ކެމިކަލް ފެނާއި ސިމެންތި މިކްސް ބޭރުކުރި މައްސަލައިގައި އެ ކުންފުނި ޖޫރިމަނާކޮށްދިނުމަށް ތިނަދޫ ސިޓީ ކައުންސިލުން އެންވަޔަރްމަންޓް މިނިސްޓްރީގައި އެދިއްޖެއެވެ.
ސްވިފްޓް އިންޖީނިއަރިންއަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެކެވެ. އެ ކުންފުނިން ތިނަދޫގައި 50 ހައުސިން ޔުނިޓު ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ.
ތިނަދޫގެ މޭޔަރު ސައުދު އަލީ ސޮއިކުރައްވައި ވުޒާރާއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެ ކުންފުނިން ރަށުގެ ދެކުނު ފަރާތުގައި އޮންނަ 6923 އަކަފޫޓުގެ ކުޅިއަށް ޑީ ވޯޓަރިން ކުރި ކަމުގެ މަޢުލޫމާތު ޒުވާނުންގެ ބަޔަކު ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. މޭޔަރުގެ ސިޓީގައި އިތުރަށް ފާހަގަކުރައްވާފައި ވަނީ އެ ކުޅިއަށް ކެމިކަލް ފެނާއި ސިމެންތި މިކްސް އެޅިކަން ކަށަވަރުވެފައިވާ ކަމަށެވެ.
ޒިންމާދާރު އެއްވެސް ފަރާތަކުން އެފަދަ ޢަމަލެއް ކޮށްގެން ނުވާނެ ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި ސްވިފްޓް އިންޖީނިއަރިން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމަށް ކައުންސިލުން ވަނީ ވުޒާރާގައި ރަސްމީކޮށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް