މައިގަނޑު ބަޔަށް ދާން

ހަބަރު

ހުއްދަ ނެތި ފައިސާ މާރުކުރާ ފަރާތްތަކުގެ މަޢުލޫމާތު ދިނުމަށް ފުލުހުން އެދިއްޖެ

ލައިސަންސެއް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މަޢުލޫމާތު ޓާސްކްފޯސްއާ ހިއްސާކުރުމަށް ފުލުހުން އެދިފައިވާއިރު، މި މައްސަލައިގައި ހަ ބިދޭސީއަކު ހައްޔަރުކޮށް ނައިޑް ކުންފުނީގެ އެކައުންޓުތައް ވަނީ ފްރީޒްކޮށްފައެވެ.

ސީޒާ ޢަބްދުލްޙަކީމް

ފޮޓޯ: އިންސްޕެއަރޑް.ކޮމް
ފޮޓޯ: އިންސްޕެއަރޑް.ކޮމް

އެމްއެމްއޭގެ ލައިސަންސެއް ނެތި ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރާ ފަރާތްތަކާ ބެހޭ މަޢުލޫމާތު ޢާންމުންގެ ފަރާތުން ހޯދުމަށް ފުލުހުން ރޭ އެދިއްޖެއެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތައް ތަޙުޤީޤުކުރުމަށް އެކުލަވައިލައިފައިވާ ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް އެ މަޢުލޫމާތު ފޮނުވައިދިނުމަށް އެދޭ ކަމަށެވެ. އެ ނަންބަރު މެދުވެރިކޮށް އެސްއެމްއެސް ވައިބާ ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ވެސް މެސެޖުކުރެވޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މަޢުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ވަނަވަރު ފުރިހަމައަށް ސިއްރުކޮށްދޭނެ ކަމުގެ ޔަޤީންކަން ފުލުހުން ދީފައިވެއެވެ. އޭގެ އިތުރުން މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތައް އެ މައްސަލައިގެ ތަޙުޤީޤީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މި އިލްތިމާސް ކޮށްފައި މިވަނީ ހުއްދަ ނެތި ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގި ކަމުގެ ތުހުމަތުގައި ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ އޮފީހަށް އިއްޔެ ވަދެ ރެއިޑް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ރ. އަތޮޅުގައި އޮންނަ ފުރަވެރި މޯލްޑިވްސް ރިސޯޓު ހިންގާ އެ ކުންފުންޏާ ގުޅިފައިވާ ވިޔަފާރިތަކުގެ ތެރޭގައި ނިޔާޒް ސްޓޯރާއި ޕޭޖް ހާޑްވެއާ އަދި ނައިޑްގެ ނަމުގައި ހިންގާ ފިހާރަތައް ހިމެނެއެވެ. އެ ކުންފުނީގެ ބޭރު ފައިސާގެ ވިޔަފާރިއަށް ބޭނުންކުރާ ބޭންކް އެކައުންޓުތައް ވެސް ފްރީޒް ކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ހަތަރު މީހަކާއި އިންޑިއާގެ ދެ މީހެއް ހިމެނޭހެން ޖުމްލަ ހަ ބިދޭސީއަކު ހައްޔަރުކޮށް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އެ އެންމެނަކީ ވެސް މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާ ދާއިރާގެ ބޭރުން ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގައި ޙަރަކާތްތެރިވި ބައެއް ކަމަށް ތަޙުޤީޤަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ހަ މީހުންގެ އެކައުންޓުތަކުން 54.4 މިލިއަން ރުފިޔާ އާއި 1.6 މިލިއަން ޑޮލަރު ދައުރުވެފައިވާ ކަމަށް ތަޙުޤީޤީ ހެކިތަކުން ދައްކައެވެ.

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރިސޯޓުތަކަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ލާޒިމުކޮށް ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ވެސް އިއްޔެ ވަނީ ޢަމަލުކުރަން ފަށައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.