އެޓޯލް ޗެމްޕިއަންޝިޕް އަންނަ މަހު ފަށާތީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އަންނަ މަހުގެ 17 ގައި އެޓޯލް ޗެމްޕިއަންޝިޕް ފެށުމަށް ތާވަލުކޮށް، ބައިވެރިވާން ބޭނުންވާ ރަށްރަށުން މި މަހުގެ 20 ގެ ކުރިން ލިޔެކިޔުންތައް ހުށަހެޅުމަށް އެފްއޭއެމުން އެދިފައިވެއެވެ.
ސީޒާ ޢަބްދުލްޙަކީމް
ފުޓްބޯޅަ ކަލަންޑަރުގައި ހިމެނޭ މި ސީޒަނުގެ އެޓޯލް ޗެމްޕިއަންޝިޕް އަންނަ މަހުގެ 17 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށް މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ރަށްރަށަށް އެފްއޭއެމުން ފުރުސަތު ހުޅުވާލައިފިއެވެ.
ބައިވެރިވާން ބޭނުންވާ ރަށްރަށުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ލިޔެކިޔުންތައް ހުށަހަޅަން އެފްއޭއެމުން ވަނީ އެދިފައެވެ. ޓީމުތައް ރެޖިސްޓްރީ ކުރަން ޖެހެނީ އެފްއޭއެމްގެ ކޮމްޕެޓިޝަން ޕޯޓަލް މެދުވެރިކޮށެވެ. ބައިވެރިވާ ޓީމުތަކުގެ ޖުމްލަ ޢަދަދު ޔަގީންވުމުން އެކި ސަރަހައްދުތަކުގައި މެޗުތައް ކުޅޭނެ ތާރީޚުތައް ފަހުން ޢާންމުކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.
މި މުބާރާތުގެ ބޭނުމަށް ރާއްޖެ ހަތަރު ޒޯނަކަށް ބެހިފައި އޮންނައިރު އެ ޒޯންތަކަކީ ނޯތު ރީޖަން ސެންޓްރަލް ރީޖަން ސައުތު ރީޖަން އަދި މާލެ ރީޖަނެވެ. ކޮންމެ އަތޮޅެއްގައި ވެސް މުބާރާތް ހޯސްޓު ކުރާނީ އެ އަތޮޅެއްގެ ވަކި ރަށެއް ނުވަތަ ރަށްތަކެއް ގުޅިގެންނެވެ. ކޮންމެ އަތޮޅެއްގެ ޗެމްޕިއަނާއި ރަނަރަޕް ސަބް ޒޯނަށް ކޮލިފައިވާއިރު ސަރަހައްދެއްގައި ދެ ސަބް ޒޯން ހިމެނެއެވެ.
ސަރަހައްދީ ލީގަށް ދާނީ ކޮންމެ ސަބް ޒޯނެއްގެ ޗެމްޕިއަނާއި ރަނަރަޕެވެ. ސަރަހައްދީ ލީގުގައި ހަތަރު ޓީމެއް ހޯމް އެންޑް އަވޭ ލީގު ފޯމެޓަށް ވާދަކޮށް އެ ލީގުގެ ޗެމްޕިއަން ދެން ކުރިމަތިލާނީ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން ބުރާއެވެ. މާލެ ރީޖަން ފިޔަވައި ދެން ހުރި ތިން ސަރަހައްދުގެ ޓީމުތައް ޕްރިމިއާ ލީގަށް ކޮލިފައިވާ މަގު ފެށެނީ މި އެޓޯލް ޗެމްޕިއަންޝިޕުންނެވެ.
ކޮލިފައިން ބުރުގައި ބައްދަލުކުރާނީ ސަރަހައްދީ ލީގުތަކުގެ ޗެމްޕިއަނުންގެ އިތުރުން މާލެ ރީޖަންގެ ދެވަނަ ޑިވިޝަން ޗެމްޕިއަނާއި އަންނަ މަހު ފެށޭ ލީގުގެ ހަތްވަނަ އަދި އަށްވަނައަށް ދާ ދެ ޓީމެވެ. އޭގެ ތެރެއިން ގަދަ ހަތަރު ޓީމަށް އަންނަ އަހަރު ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެއެވެ.
މި އަންނަ ބުރާސްފަތި ދުވަހު ފެށޭ ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދުއާއި ގދ. ގައްދޫ ވާދަކުރާނެއެވެ. އެ ދެ ޓީމަކީ ކުރީ ސީޒަނުގެ އެޓޯލް ޗެމްޕިއަންޝިޕުން ފެށައިގެން ކޮލިފައިން މަރުހަލާތައް ކަޑައްތުކޮށް ލީގަށް ކޮލިފައިވި ދެ ޓީމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް