އިހަވަންދޫ ދޯނިތަކުން މަހަށް ދާ ދިވެހިން މަދުވެ ބިދޭސީން އިތުރުވެއްޖެ
އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް މޫސާ ޢަލީ ވިދާޅުވި ގޮތުގައި ކޮންމެ ދޯންޏެއްގައި ވެސް ދިވެއްސެއްގެ ގޮތުގައި ގިނަ ވެގެން ތިބެނީ ދެ މީހެކެވެ. ބައެއް ދޯނީގައި ކެޔޮޅު ފިޔަވައި ދެން ތިބީ ހައްތާ ވެސް ބޭރު މީހުންނެވެ.
އެއް އިރެއްގައި އުތުރުގެ މަސްވެރިކަމުގެ ރަސްގެފާނުގެ ގޮތުގައި ބެލެވުނު ހއ. އިހަވަންދޫގެ މަސް ދޯނިތަކުގައި ދިވެހިންގެ ޢަދަދު ބޮޑުތަނުން ދަށަށް ގޮސް ގިނަ ފަޅުވެރިންގެ ގޮތުގައި މިހާރު ޙަރަކާތްތެރިވަނީ ބިދޭސީން ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް މޫސާ ޢަލީ ވިދާޅުވި ގޮތުގައި ކޮންމެ ދޯންޏެއްގައި ވެސް ދިވެއްސެއްގެ ގޮތުގައި ގިނަ ވެގެން ތިބެނީ ދެ މީހެކެވެ. ބައެއް ދޯނީގައި ކެޔޮޅު ފިޔަވައި ދެން ތިބީ ހައްތާ ވެސް ބޭރު މީހުންނެވެ.
"މިހާރު މި ރަށުގެ ކޮންމެ ދޯންޏަކުން ވެސް މަހަށް ދާނީ ގިނަ ވެގެން ދެ ދިވެހިން. ބައެއް ދޯނި ފަހަރުގައި ކެޔޮޅު އެކަނި ހުންނާނީ ދިވެއްސަކަށް" މޫސާ ޢަލީ ވިދާޅުވިއެވެ.
މި ބަދަލު އައި ސަބަބެއް ކަމަށް ކައުންސިލުން ބުނީ 2022 ވަނަ އަހަރުގެ ނޮވެމްބަރުގައި ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖެވެ. އެއާ އެކު ރިސޯޓު މުވައްޒަފުންގެ މުސާރަ ދެ ގުނައަށް އެރުމުން މަސްވެރިކަން ދަށް ދުވަސްވަރަކާ ދިމާވެ އަތްމަތި ދަތިކޮށް ތިބި ޒުވާނުން ރިސޯޓު ވަޒީފާތަކަށް ބަދަލުވީއެވެ. އެއަށް ފަހު ފެނަކަ ފަދަ މުއައްސަސާތަކުން ރަށުގެ ބައެއް މަސްވެރިންނަށް ވަޒީފާ ލިބުމާ އެކު ބާކީ ތިބި ޒުވާނުން ވެސް ކަނޑު ދޫކޮށްލީއެވެ.
ހަތަރު އަހަރު ކުރިން އެ ރަށުގައި މަހަށް ފުރާ 19 ދޯނި އޮތް އިރު 12 ދޯނި ދިޔައީ ބަންނަމުންނެވެ. ނަމަވެސް މިހާރު މަހަށް ނުކުންނަނީ ގާތްގަނޑަކަށް ދިހަވަރަކަށް ދޯނި ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
"އެ ދޯނިތަކުގެ ކޮންޓްރޯލް އޮތީ ބިދޭސީންގެ އަތުގައި" މޫސާ ޢަލީ ވިދާޅުވިއެވެ.
ކުރިން ރަނގަޅު ދުވަސްވަރެއްގައި ފަޅުވެރިއަކަށް މަހެއްގެ މައްޗަށް 30,000-50,000ރ. ލިބުނު ނަމަވެސް މިހާރު މަހުގެ އަގު ވެއްޓި އާމްދަނީ ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ ކޮންމެ އިންތިޚާބަކާ ދިމާކޮށް ރަށުން ސަރުކާރު ވަޒީފާ އިޢުލާނުކުރުމުން ކުޑަ އާމްދަނީއެއް ލިބޭ މަސްވެރިކަމާ ދިމާއަށް ޒުވާނުން ދާން ބޭނުން ނުވަނީ ކަމަށް ވެސް ވިދާޅުވިއެވެ.
"ދެން ކޮންމެ އިންތިހާބަކާ ދިމާކޮށް ވެސް ރަށުން ވަޒީފާތައް އިއުލާން ކުރޭ. އެހެންވެ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތީ މީހުން ބޭނުމެއް ނުވޭ މަހަށް ދާކަށް" ނައިބު ރައީސް ވިދާޅުވިއެވެ.
މަސްވެރިކަން ދަށްވުމުގެ ނަތީޖާ މުޅި ރަށުން ފެންނަ ކަމަށް މޫސާ ޢަލީ ފާހަގަކުރެއްވިއެވެ. އެތައް ވިޔަފާރިއެއް ހުއްޓި ގޭބިސީތަކުގެ އާމްދަނީ ދަށަށް ގޮސް ޢާންމު ދިރިއުޅުން ދަތިވެފައިވާ ކަމަށް ވިދާޅުވިއެވެ. މި ޙާލަތު ރަނގަޅު ކުރެވެން އޮތީ ކުރީގެ އަގުގައި މަސްވެރިންގެ އަތުން މަސް ގަންނަން ފެށުމުން ކަމަށާއި ޙައްޤުވާ އުޖޫރަ ލިބޭ ނަމަ އެ ދާއިރާއަށް ޝައުޤުވެރިވާނެ ދިވެހިން ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެކަމަކު އެކަން ހަމައެކަނި ވާން އޮތީ މަސްވެރިންނަށް އޮތް އުޖޫރަ ދީގެން" މޫސާ ޢަލީ ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައި މިވާ ގޮންޖެހުންތައް ޙައްލު ނުކޮށް ދޫކޮށްލައިފި ނަމަ ރަށުގެ އިޤުތިޞާދު ކުރީގެ ޙާލަތަށް ރުޖޫޢަވުމުގެ ފުރުޞަތު ހަނިވާނެ ކަމަށް ކައުންސިލުން ދެކެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް