މައިގަނޑު ބަޔަށް ދާން

ހަބަރު

ސްޓެލްކޯގެ ނިޝާރު: އިންޖިނިއަރިންގގެ ދާއިރާގައި ނަމޫނާ، ހުނަރުވެރި ދިވެހި ތަޖުރިބާކާރެއް

ސްޓެލްކޯގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރު ނިޝާރު ކުޑައިރު ކަރަންޓާ ގުޅޭ ނުރައްކާތެރި ހާދިސާތަކާ ކުރިމަތިވެ، މަންމަގެ އެހީގައި ދާއިރާއަށް ޝައުގުވެރިވެ، ނުވަ އަހަރުގެ ތަޖުރިބާއާއެކު ކާމިޔާބު އިންޖިނިއަރަކަށް ވެފައިވެއެވެ.

ސީޒާ ޢަބްދުލްޙަކީމް

ފޮޓޯ: ޕީއެސްއެމް.ނިއުސް
ފޮޓޯ: ޕީއެސްއެމް.ނިއުސް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރު އިސްމާއިލް ނިޝާރު ނުވަ އަހަރަށްވުރެ ދިގު ތަޖުރިބާއާއެކު ޤައުމުގެ އެންމެ ބޮޑު އެއް ޔުޓިލިޓީ ކުންފުނީގެ މުހިންމު މަޤާމެއް ފުރަމުންދާ ގޮތް ހިއްސާކޮށްފިއެވެ.

ކުޑައިރުއްސުރެ ތަކެތި ރޫޅައި ރާވަން ޝައުގުވެރިވި ނިޝާރަށް ކަރަންޓާ ގުޅޭ ނުރައްކާތެރި ހާދިސާތަކާ ކުރިމަތިލާން ޖެހުނެވެ. ގޭގައި އޮތް ރޭޑިއޯއެއް ފެން އެއްޗަކަށް ލައިގެން މެއިން ސޮކެޓަކަށް ގުޅައި ޖައްސަން އުޅެނިކޮށް މަންމައަށް ފެނި ސަލާމަތްވި ހާދިސާ އާއި އާދައިގެ ކަތުރަކުން ކަރަންޓު ވަޔަރެއް ކެނޑުމުން ބާރު އަލިފާން ކަނިތަކެއް ބުރައިގެން ދިޔަ ހާދިސާ އެއީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމެވެ. މި ހާދިސާތައް ތަކުރާރުވާން ފެށުމުން މަންމަ ނިންމީ ކަރަންޓަކީ ކިހިނެއް މަސައްކަތްކުރާ އެއްޗެއްކަން ނިޝާރަށް ދަސްކޮށްދިނުމަށެވެ.

"މަންމައަށް ފެނުނީމަ އަސްލު ސަލާމަތްވީވެސް. އެގޮތަށް ވަރަށް ގިނަ ކަންތައްތައް އެބަހުރި ވެފަ. ކުޑައިރު އެއްދުވަހަކު ހަމަ ވަޔަރެއް އާދައިގެ ކަތުރަކުންވެސް ބުރިކޮށްލިން. ބުރިކޮށްލިތަނާ ހަމަ އެތަނުން ބަޑިޖަހައިގެން އައީ. މިކަހަލަ ކަންތައްތައް ވަންފެށީމަ ދެން މަންމަ ހިތަށް އަރައިފި ދަސްކޮށްދެންވެއްޖެޔޭ އަސްލު މިއީ ކިހިނެއްތާ އެއްޗެއްކަން. ދެން އެހެންގޮސް ކިޔަވަމުން ގޮސް އޭ ލެވެލް ނިންމާފަ މި ދާއިރާ އިތުރަށް ކިޔަވަންވެގެން ލަންކާއަށް ގޮސް ކިޔެވީ." ނިޝާރު ބުންޏެވެ.

ލަންކާގައި ތަޢުލީމު ޙާޞިލްކުރިއިރު ޢަމަލީ ގޮތުން އިންޖީނުތައް ބެލުމުގެ ފުރުޞަތު ނުލިބި ފޮތްތަކުން އެކަނި ކިޔެވި ކަމުގައި ވިޔަސް ކިޔެވުން ނިންމައި ސްޓެލްކޯގެ އިންޖީނުގެއަށް ވަދެ ޢަމަލީ މަސައްކަތް ފެށުމާއެކު ދާއިރާއަށް ހުރި ލޯބި އެތައް ގުނައެއް އިތުރުވެގެން ދިޔަ ކަމަށް ނިޝާރު ބުންޏެވެ. ފުރަތަމަ ދުވަހު އިންޖީނުގެއަށް ވަނުމުގެ ކުރިން ޓީމުގެ މީހަކު ކަންފަތް ހިމާޔަތްކުރާ ގިއާ ބޭނުންވާނެތޯ އެހި ކަމަށާއި ވަނީމައި އެކަން ކީއްވެ އެހީކަން އެނގިގެން ދިޔަ ކަމަށް ނިޝާރު ކިޔައިދިނެވެ.

"އޭރު އިންޖިނިއަރިން ދަސްކޮށްފަ އައިސްފައި ސްޓެލްކޯގައި މަސައްކަތް ކުރި ފުރަތަމަ ދުވަހުވެސް އިންޖީނުގެއަށް ވަނުމުގެކުރިން ޓީމުގަ ހުރި މީހަކު ބުނިދޯ ބޭނުންވޭހޭ ގިއާތައް. އަޅުގަނޑު ހިތަށްއެރި އަސްލު ކީއްކުރަންބާއޭ މިމީހުން މިއުޅެނީ. ދެން އަޅުގަނޑު ބުނެލިން ހިންގާށޭދޯ ވަދެލަން. ދެން ވަނީމަ އެނގުނު އަޑުގަދަކަން އަދި ހޫނުވެސް ގަދަކަން. އެދުވަހު އަސްލު އިނގުނު ޕްރެކްޓިކަލް މިކިޔަނީ ކޯއްޗަކަށްކަން. ކިޔެވި އެއްޗިއްސާއި ޕްރެކްޓިކަލް އެއްކޮށްލެވުނީމަ އަސްލު މިއެނގުނީ ކިހާވަރެއްގެ ކަމެއްކަން މިއީ." ނިޝާރު ކިޔައިދިނެވެ.

ޕަވަރ ޖެނެރޭޝަން އިންޖިނިއަރެއްގެ ގޮތުގައި މިހާރު ހުޅުމާލެ ޕަވަރ ޖެނެރޭޝަން ޑިޕާޓްމެންޓުގެ އިލެކްޓްރިކަލް ޔުނިޓުގައި މަސައްކަތްކުރާ ނިޝާރުގެ މައިގަނޑު ޒިންމާއަކީ މާލެ އާއި ހުޅުމާލެއަށް މެދުކެނޑުމެއް ނެތި ކަރަންޓު ފޯރުކޮށްދިނުމަށް ޓީމާ ގުޅިގެން އިންޖީނުތައް ތައްޔާރީ ޙާލަތުގައި ބެލެހެއްޓުމެވެ. ހުޅުމާލޭގެ 50 މެގަވޮޓުގެ އިންޖީނުގޭގެ މަސައްކަތްތަކާއި މާލެ-ހުޅުމާލެ ގުޅުވައިދޭ ކަރަންޓު ވިއުގައިގެ މަޝްރޫޢަކީ އޭނާ ފާހަގަކުރާ ގޮތުގައި އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ.

ނިޝާރު ޤަބޫލުކުރާ ގޮތުގައި އިންޖިނިއަރިންގެ ދާއިރާގައި ގިނަ ފުރުޞަތުތައް އެބައޮތެވެ. ޒުވާނުން މި ދާއިރާއަށް ނުކުތުމަށް ހިތްވަރުދެމުން ނިޝާރު ބުނީ ސަރުކާރުން މި ދާއިރާގެ މަސައްކަތް ބަލައިގަނެ އެވޯޑު ދިނުމަށް ނިންމީތީ ވަރަށް ބޮޑު އުފަލެއް ލިބޭ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.