އެމްޓީސީސީއާ ހަވާލުކޮށް ހަތަރު ރަށެއްގެ ބަނދަރާއި ގޮނޑުދޮށުގެ މަސައްކަތް ފަށަނީ
ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި މުރައިދޫ އާއި ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނޑިދޫ ބަނދަރު ފުންކުރުމުގެ އެއްބަސްވުންތަކުގައި އެމްޓީސީސީއާ އެކު ސޮއިކޮށްފިއެވެ.
ސީޒާ ޢަބްދުލްޙަކީމް
ހއ. އަދި ބ. އާއި ދ. އަތޮޅުގެ ހަތަރު ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ އެކު އިއްޔެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައުދީއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު އާއި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުންތަކުގެ ދަށުން ހއ. ކެލާގެ ބަނދަރު އަޕްގްރޭޑް ކުރުމާއި މަސްވެރިކަމުގެ ވަސީލަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢެއް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ. އޭގެ އިތުރުން ހއ. މުރައިދޫ އާއި ބ. ކިހާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ. ކިހާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ އަހަރެއްހާ ދުވަހެވެ. ދ. ބަނޑިދޫގެ ބަނދަރު ފުންކުރުމާއި ޖެޓީ ތަރައްޤީކުރުމުގެ މަސައްކަތް ފަސް މަސް ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުތަކުގެ ޖުމުލަ އަގު އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް