އޭޝިއަން ގޭމްސްގެ ފެތުމުގެ އިވެންޓަށް ހަތަރު އެތުލީޓުންގެ ޒުވާން ސްކޮޑެއް ނަގައިފި
އޭޝިއަން ގޭމްސްގެ ފެތުމުގެ އިވެންޓުގައި ރާއްޖެ ތަމްސީލުކުރުމަށް ޤައުމީ ރިކޯޑް ހޯލްޑަރުން ހިމެނޭ ހަތަރު މެންބަރުންގެ ޒުވާން ސްކޮޑެއް ނަގައިފިއެވެ.
ސީޒާ ޢަބްދުލްޙަކީމް
ޖަޕާނުގެ އައިޗީ - ނަގޯޔާގައި މިމަހު 19 ވަނަ ދުވަހު ފެށޭ އޭޝިއަން ގޭމްސްގެ ފެތުމުގެ އިވެންޓުގައި ރާއްޖެ ތަމްސީލުކުރުމަށް ޤައުމީ ރިކޯޑް ހޯލްޑަރުން ހިމެނޭ ހަތަރު މެންބަރުންގެ ޒުވާން ސްކޮޑެއް އެކުލަވައިލައިފިއެވެ.
މޯލްޑިވްސް އެކުއަޓިކްސްގެ ނައިބު ރައީސް އިސްމާއިލް ޢަލީ ޕީއެސްއެމް ނިއުސްއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވީ ސްކޮޑުގައި ހިމެނެނީ މުހައްމަދު ރިހާން ޝިހާމް ލޫޠު މުހައްމަދު ހުސައިން މަލާއިކާ ލިންޑާ އިމްރާން އަދި މިރާލް ޢައިން ލަތީފް ކަމަށެވެ. އެ ހަތަރު އެތުލީޓުންނަކީ ވެސް ގިނަ ކުރިއެރުންތަކެއް ހޯދައި ޤައުމީ ރިކޯޑުތައް ދަމަހައްޓަމުން އަންނަ ފެތުންތެރީންނެވެ.
ސްކޮޑުގެ ތެރެއިން ރާއްޖޭގައި ތަމްރީނު ހަދަމުން ގެންދަނީ ލިންޑާ އާއި މިރާލް ކަމަށް އިސްމާއިލް ވިދާޅުވިއެވެ. ރިހާން ދިރިއުޅެމުން އަންނަނީ ބަހްރައިންގައި ކަމުން އޭނާ ޖަޕާނަށް ދަތުރުކުރާނީ ބަހްރައިނުންނެވެ. ހަމައެހެންމެ ލޫޠު ބެންކޮކުގައި ކިޔަވަމުން ގެންދާތީ އޭނާ ޤައުމީ ޓީމާ ގުޅޭނީ ބެންކޮކް މަގުން ޖަޕާނަށް ގޮސް ކަމަށް ވެސް އިސްމާއިލް ވިދާޅުވިއެވެ.
ސްކޮޑަށް ކޯޗުކޮށްދެމުން ގެންދަނީ ކޯޗް އިސްމާއިލް ފަރްހާނެވެ. ޤައުމީ ޓީމު ޖަޕާނަށް ފުރުމަށް ތާވަލުކޮށްފައި އޮތީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މި މުބާރާތް ކުރިއަށް ދާނީ މިމަހު 19 އިން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް