މައިގަނޑު ބަޔަށް ދާން

ރިޕޯޓް

ބޮޑެތި ޖޫރިމަނާތަކާ އެކު އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށްގެނައި އިޞްލާޙުގެ ބިލު ރައީސް ޑރ. މުޢިއްޒު ތަޞްދީޤު ކުރައްވައިފި

ބޮޑެތި ޖޫރިމަނާތަކާއި ހަރުކަށި އަދަބުތައް ކަނޑައެޅިފައިވާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނައި އިޞްލާޙުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ސީޒާ ޢަބްދުލްޙަކީމް

ފޮޓޯ / ވޮއިސް
ފޮޓޯ / ވޮއިސް

މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި، އުޅަނދުގައި ދަތުރުކުރާ މީހުންނާއި އަދި މަގުމަތި ބޭނުންކުރާ އެހެނިހެން އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. އަދި އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހައި ކަންކަން ޒަމާނާ އެކަށޭނަ ގޮތެއްގެ މަތީން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ރާވައި، ހިންގައި ބެލެހެއްޓުމެވެ.

އަލަށް ތަޞްދީޤުކުރެވުނު ޤާނޫނުގެ 103 ވަނަ މާއްދާގެ މައިގަނޑު ނުކުތާތައް:


އެއްގަމު އުޅަނދެއް ދުއްވަމުންދާއިރު އޭގެ ކޮންޓްރޯލް ލައިސަންސް ނެތް މީހަކަށް، ދަތުރުވެރިއަކަށް ނުވަތަ ކުޑަކުއްޖަކަށް ދިނުމަކީ މަނާކަމެއް ކަމުގައިވާއިރު، މިފަދަ ޢަމަލުތަކަށް 25،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެއެވެ. އަދި މީހަކަށް އަނިޔާއެއް ވެއްޖެނަމަ ނުވަތަ ކޮންޓްރޯލް ދިނީ ކުޑަކުއްޖަކަށްނަމަ ޖޫރިމަނާ 50،000 އިން 100،000 ރުފިޔާއާ ހަމައަށް ބޮޑުވާނެއެވެ. މީގެއިތުރުން، މި ކުށް ކުރާ މީހާގެ ލައިސަންސް 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓޭނެ ކަމަށާއި، އަލުން ލައިސަންސް ލިބޭނީ ޚާއްޞަ ތަމްރީނެއް ފުރިހަމަކުރުމުންނެވެ.

ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިވާނޭހެން އެއްގަމު އުޅަނދު ދުއްވައިފިނަމަ 25،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި މިފަދަ ޙާލަތެއްގައި މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިއްޖެނަމަ، 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ބާޠިލުކުރެވޭނެއެވެ.

ދުވާރުތަކާއި ހިނގާފައި އުޅޭ މީހުންނަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުތަކުގައި އުޅަނދު ދުއްވުމާއި ޕާކުކުރުން، އަދި ކަފިހިހުރަހުން މަގު ހުރަސްކުރާ ފަރާތްތަކަށް އިސްކަން ނުދިނުމަކީ މަނާކަމެކެވެ. މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާއި، އެ އުޅަނދެއްގެ ވެރިފަރާތް -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން، ލައިސަންސުން ޑީމެރިޓް ޕޮއިންޓް ކެނޑޭނެއެވެ.

މި ޤާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ޢަމަލެއްގެ ސަބަބުން މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން އެ ފަރާތަކާމެދު ޖިނާއީ ދަޢުވާ އުފުލުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.

އެއްގަމު ދަތުރުފަތުރުގެ މި އައު ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ޤާނޫނު ޝާއިޢުކުރާތާ 30 (ތިރީސް) ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. އެއާއެކު، ކުރީގެ އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2009/5) އާއި، މަގުމަތީގައި ހިނގާއުޅުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 78/70) އުވިގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.