މައިގަނޑު ބަޔަށް ދާން

ދުނިޔެ

އެމެރިކާއިން ސުލްހައިގެ އެއްބަސްވުމާ ޚިލާފުވުމާ ގުޅިގެން އީރާނުން އެއްބަސްވުން ބާތިލްކޮށްފި

މިކަން ހާމަކުރެއްވީ އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ފޯ ލީގަލް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ކާޒެމް ޣަރީބްއާބާދީ އެވެ.

އަހުމަދު އާހިލް ސައީދު

އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ފޯ ލީގަލް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ކާޒެމް ޣަރީބްއާބާދީ؛ ފޮޓޯ / ޕްރެސް ޓީވީ އީރާން
އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ފޯ ލީގަލް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ކާޒެމް ޣަރީބްއާބާދީ؛ ފޮޓޯ / ޕްރެސް ޓީވީ އީރާން

އެމެރިކާއިން ސުލްހައިގެ އެއްބަސްވުމާއި ޚިލާފުވެފައިވާ ކަމަށް ބުނެ، އެ އެއްބަސްވުން އީރާނުން ބާތިލްކޮށްފިއެވެ.

މިކަން ހާމަކުރެއްވީ އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ފޯ ލީގަލް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ކާޒެމް ޣަރީބްއާބާދީ އެވެ.

އީރާނުގެ ފާރްސް ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޣަރީބްއާބާދީ ވިދާޅުވީ އެމެރިކާއިން ދެމުންދާ ހަމަލާތަކާއި އަޅަމުންދާ އަސްކަރީ ފިޔަވަޅުތަކުގެ ސަބަބުން އިސްލާމްއާބާދު އެއްބަސްވުމުގެ އޮނިގަނޑު މިހާރު ވަނީ މުޅިން ހަލާކުވެފައެވެ. އަދި އެމެރިކާއިން އެ އެއްބަސްވުމުގެ ދަށުން ވެފައިވާ ހުރިހާ ވައުދުތަކަކާ ޚިލާފުވެ، އެކަންކަން މެދުކަނޑާލާފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވިދާޅުވީ، އެމެރިކާގެ އަމަލުތައް ހުރި ގޮތުން މިހާރު އެއްބަސްވުމެއް އޮތް ކަމަށް އީރާނުން ގަބޫލުނުކުރާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އީރާނުގެ ހުރިހާ ސަމާލުކަމެއް ހުރީ ގައުމުގެ ދިފާއީ ކަންކަމަށް ކަމަށާއި، އެއްބަސްވުމުގެ ދަށުން އީރާނުން ކުރަންޖެހޭ ކަންކަމަށް އަމަލުކުރުން މިހާރު ހުއްޓާލާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މީގެ އިތުރުން ޣަރީބްއާބާދީ ފާހަގަކުރެއްވި ގޮތުގައި، އެމެރިކާއިން އީރާނާ ދެކޮޅަށް އަލުން އަސްކަރީ ހަރަކާތްތައް ފަށާފައިވާއިރު، ސުލްހައިގެ އެއްބަސްވުމުގެ އެހެން ބައިތަކަށް އަމަލުކުރި ނަމަވެސް، އަސްކަރީ ހަމަލާތައް ދިނުމަކީ އެއްބަސްވުމުގެ މައިގަނޑު އަސާސް މުގުރާލުން ކަމަށެވެ.

މި މައްސަލައިގައި އީރާނުން އިސްނަގައިގެން އެމެރިކާއާއެކު އައު މަޝްވަރާތަކެއް ނުފަށާނެ ކަމަށްވެސް އެގައުމުގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށް ސުލްހައިގެ އެއްބަސްވުމާއި ހިލާފަށް އީރާނަށް އަސްކަރީ ގޮތުން ހަމަލާ ދެމުންނެވެ. އީރާނާއި އެމެރިކާގެ މަސްރަހު ގޯސްވަމުންދާތީ، އދ. އިން ވެސް ވަނީ މިއީ ސަރަހައްދީ ސަލާމަތާއި މަދަނީންގެ ހައްގުތަކަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.