އުމްރާއަށް ނުގެންދިޔަ 6 މީހަކަށް ފައިސާ ދައްކަން އަސްކޮއި ގްރޫޕަށް އަމުރުކޮށްފި
ދައުވާ ހުށަހެޅީ ގދ. ތިނަދޫގެ ދެ އާއިލާއަކާއި މާލޭ އާއިލާއެއްގެ ހަތަރު މީހުން ހިމެނޭ ގޮތަށް ޖުމްލަ ހަ ފަރާތަކުންނެވެ. އެ ފަރާތްތަކުން އެ ކުންފުންޏާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ރަޝީދާ ދެކޮޅަށް ކޯޓުގައި އެދުނީ އުމްރާއަށް ދެއްކި 155700 ރުފިޔާ އާއި ޝަރީޢަތަށް ހުށަހެޅުމުގެ ޚަރަދުގެ ގޮތުގައި 42000 ރުފިޔާ ހޯދުމަށެވެ. ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުﷲ ރަޝީދާއި ކުންފުނީގެ ފަރާތުން ވަނީ 155700 ރުފިޔާ ދައްކާނެ ކަމަށް އެއްބަސްވެފައެވެ.
އަހުމަދު އާހިލް ސައީދު
އުމްރާގެ އަޅުކަމަށް ގެންދާނެ ކަމަށް ބުނެ ފައިސާ ނެގުމަށް ފަހު އެ ވައުދު ނުފުއްދި ހަ މީހަކަށް ހަތް ދުވަހުގެ ތެރޭގައި 155700 ރުފިޔާ ދައްކަން އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
ދައުވާ ހުށަހެޅީ ގދ. ތިނަދޫގެ ދެ އާއިލާއަކާއި މާލޭ އާއިލާއެއްގެ ހަތަރު މީހުން ހިމެނޭ ގޮތަށް ޖުމްލަ ހަ ފަރާތަކުންނެވެ. އެ ފަރާތްތަކުން އެ ކުންފުންޏާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ރަޝީދާ ދެކޮޅަށް ކޯޓުގައި އެދުނީ އުމްރާއަށް ދެއްކި 155700 ރުފިޔާ އާއި ޝަރީޢަތަށް ހުށަހެޅުމުގެ ޚަރަދުގެ ގޮތުގައި 42000 ރުފިޔާ ހޯދުމަށެވެ. ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުﷲ ރަޝީދާއި ކުންފުނީގެ ފަރާތުން ވަނީ 155700 ރުފިޔާ ދައްކާނެ ކަމަށް އެއްބަސްވެފައެވެ.
އެހެން ނަމަވެސް ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ހޯދުމަށް ހުށަހެޅި 42000 ރުފިޔާ އާ މެދު ކޯޓުން ނިންމީ ތަފާތު ގޮތެކެވެ. ހުށަހެޅުނު ލިޔެކިޔުންތަކުން އެ ޚަރަދު ދައުވާ ލިބޭ ފަރާތުގެ ކިބައިން ނެގޭނެ ކަން ސާބިތުނުވާ ކަމަށާއި އެ ފައިސާ ނަގައިދެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ކޯޓުން ކަނޑައެޅިއެވެ.
މި މައްސަލައިގެ ކުރިން ވެސް ހަމަ މި ކުންފުންޏާ ދެކޮޅަށް މި ބާވަތުގެ ދައުވާއެއް ހުށަހެޅި އާއިލާއަކަށް މި އަހަރުގެ ފެބްރުއަރީގައި 185000 އަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފައިވެއެވެ. އެ ހުކުމުގައި ދައުވާގައި ހޯދަން އެދުނު 155250 ރުފިޔާގެ އިތުރުން ޝަރީޢަތުގެ ޚަރަދަށް 30000 ރުފިޔާ ހިމެނެއެވެ.
އަސްކޮއި ގްރޫޕުން ޖުމްލަ 28 މީހެއްގެ އަތުން ކޮންމެ މީހެއް އަތުން 25500 ރުފިޔާގެ ރޭޓުން ޖުމްލަ 714000 ރުފިޔާ ނެގި ނަމަވެސް އެ އެއްވެސް މީހަކު އުމްރާއަށް ގެންގޮސްފައެއް ނުވެއެވެ. އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުނީގެ ހުއްދަ ބާތިލުކޮށް އެ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާ ހުއްދަ ނުދޭން ނިންމައިފައެވެ. ކުންފުނިތަކުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި އަސްކޮއި ޓްރެވަލް ސާވިސަސްގެ ވެރީންނަކީ ޢަބްދުﷲ ރަޝީދާއި އަޙްމަދު ސަނީލެވެ. މީގެ އިތުރުން އެ ފަރާތްތަކުން އަސްކޮއި ޙައްޖު އުމްރާ ގްރޫޕްގެ ނަމުގައި ވެސް ވަކި ކުންފުންޏެއް ރަޖިސްޓްރީކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް