އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރަކު އެމެރިކާ ސިފައިންނަށް ފިލުމަށް އިންޒާރުދީފި
އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރަކު އެމެރިކާ ސިފައިންނަށް ފިލުމަށް އިންޒާރުދީފި
Ahmed Aahil Saeed
19 July 2026
އިބްރާހިމް އަޒީޒީ؛ ފޮޓޯ / ޕްރެސް ޓީވީ އީރާން
އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ނޭޝަނަލް ސެކިއުރިޓީ އެންޑް ފޮރިން ޕޮލިސީ ކޮމިޓީގެ މުގައްރިރު އިބްރާހީމް އަޒީޒީ، އެމެރިކާގެ ސިފައިން އެ ސަރަހައްދުން ފިލުމަށް ގޮވާލައި ސޯޝަލް މީޑިއާ މެދުވެރިކޮށް ސީދާ އިންޒާރެއް ދެއްވައިފިއެވެ.
އޭނާ މި އިންޒާރު ދެއްވާފައިވަނީ އީރާނުގެ އެންމެ މަތީ ވެރިޔާ އެމެރިކާއަށް ދެއްވި ހަމަލާތަކުގެ ބަދަލުހިފުމުގެ އިންޒާރުތަކަށް ރިއާޔަތްކުރައްވަމުން، އޭނާ އެކްސްގައި ކުރި ޕޯސްޓެއްފައެވެ.
އިބްރާހީމް އަޒީޒީ އެކްސް ގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އީރާނުގެ ހިކުމަތްތެރި އެންމެ މަތީ ވެރިޔާ ވިދާޅުވި "ހަނދާނުން ނައްތާނުލެވޭނެ ފިލާވަޅުތަކުގެ" ހަގީގީ މާނަ އެމެރިކާ ސިފައިންނަށް ސާފުވާނަމަ، އެމީހުން އެ ސަރަހައްދުން ފިލުމަށް އެންމެ ސިކުންތެއްވެސް ބޭކާރު ނުކުރާނެ ކަމަށެވެ. މި ބަސްތަކާއެކު އޭނާ ވަނީ އެމެރިކާގެ އަސްކަރިއްޔާއަށް ސަރަހައްދު ދޫކޮށް ދިއުމަށް ބާރުއަޅުއްވާފައެވެ.
މި އިންޒާރުތައް އައިސްފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު ދާދިފަހުން ސޮއިކުރެވުނު 14 ނުކުތާގެ އިސްލާމްއާބާދު އެއްބަސްވުން އީރާނުން ސަސްޕެންޑްކޮށް، ދެގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުންތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ތުހުމަތުކުރާ ގޮތުގައި އެމެރިކާއިން ވަނީ އެ އެއްބަސްވުމުގެ ޝަރުތުތަކާ ހިލާފުވެ، އީރާނުގެ އަމާޒުތަކަށް ސިލްސިލާ ހަމަލާތަކެއް ދޭން ފަށާފައެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖޯޑަންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއްގައި އެމެރިކާގެ ސިފައިންގެ ދެ މީހަކު މަރުވެ، އިތުރު ބަޔަކު ވަނީ ޒަހަމްވެފައެވެ. މިއަށް ރައްދުދިނުމުގެ ގޮތުން އެމެރިކާގެ މަރުކަޒީ ކޮމާންޑް އިން ދަނީ އީރާނުގެ އަސްކަރީ ވަސީލަތްތަކަށް އަމާޒުކޮށް ވިދިވިދިގެން ވައިގެ ހަމަލާތައް ދެމުންނެވެ.
މީގެ އިތުރުން، އީރާނުގެ އެންމެ މަތީ ވެރިޔާ ވަނީ އެމެރިކާގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމެރިކާގެ ރައީސް ސޮއިކުރެއްވި އެއްބަސްވުމަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމަށް ބަޔާންކުރައްވާފައެވެ. އަދި ވޮޝިންގްޓަނުން އަސްކަރީ ހަމަލާތައް ކުރިއަށްގެންދާނަމަ، އީރާނާއި އެގައުމަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުން އެމެރިކާއަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރުވެސް އީރާނުގެ އިސްވެރިން ވަނީ ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް