މައިގަނޑު ބަޔަށް ދާން

ލައިފްސްޓައިލް

ކެއުމަށްފަހު ބަނޑަށް އުނދަގޫވެ، ގޭސްޓްރިކްގެ ތަކުލީފު ތަހައްމަލުކުރަން ޖެހޭތަ؟

ކެއުމަށްފަހު ބަނޑަށް އުނދަގޫވެ، ގޭސްޓްރިކްގެ ތަކުލީފު ތަހައްމަލުކުރަން ޖެހޭތަ؟ މިލިޔުމުގައި މިވަނީ އެ ކަމަށް ލިބިދާނެ ހައްލުތަކެވެ.

ސީޒާ ޢަބްދުލްޙަކީމް

ކެއުމަށް ފަހު ބަނޑުގައި ރިއްސައި ގޭސް އުފެދޭ މައްސަލައަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމުގައި ސިއްހީ މާހިރުން ފާހަގަކުރައްވައެވެ. — ފޮޓޯ: އިންޑިއާ ޓުޑޭ
ކެއުމަށް ފަހު ބަނޑުގައި ރިއްސައި ގޭސް އުފެދޭ މައްސަލައަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމުގައި ސިއްހީ މާހިރުން ފާހަގަކުރައްވައެވެ. — ފޮޓޯ: އިންޑިއާ ޓުޑޭ

ބަނޑު ފުއްޕުމާއި، މޭ އެންދުމާއި، ބަނޑުގައި ރިއްސުމަކީ ގިނަ ބަޔަކަށް ދިމާވާ ޢާންމު ޝަކުވާތަކެކެވެ. ހަޖަމުގެ ނިޒާމާ ގުޅިފައިވާ ގޭސްޓްރިކްގެ މައްސަލަތަކަކީ ކޮންމެ ޢުމުރެއްގެ ފަރުދަކަށް ވެސް ކުރިމަތިވެދާނެ، ދިރިއުޅުމަށް ހުރަސްއަޅާ ޙާލަތެކެވެ. ކެއުމަށްފަހު ބަނޑުގައި ވައި ހެދި ފުފި، މޭދަށުން ދިލަ ނަގާ ތަޖުރިބާ ކުރަންޖެހުމަކީ ގިނަ ދިވެހީންނަށް ދިމާވާ ކަމެކެވެ. ނަމަވެސް، ހިތްހަމަޖެހޭ ޚަބަރަކީ، ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއިންބުއިމުގެ އާދަތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްގެން، ގިނަ ހާލަތްތަކުގައި، މި ތަކުލީފަށް ލުއި ހޯދިދާނެ ކަމެވެ.

ގޭސްޓްރިކް މައްސަލަ ދިމާވާ ސަބަބުތައް

ގޭސްޓްރައިޓިސް އަކީ ބަނޑުގެ އެތެރޭގެ ދުލިފަށް (މިއުކޯސާ) ދުޅަވުމެވެ. ބަނޑުގެ ފާރު، ގެއްލުންދެނިވި އެސިޑާއި ޖަރާސީމުތަކުން ރައްކާތެރިކޮށްދިނުމަކީ މި ދުލިފަށުގެ މައިގަނޑު ވަޒީފާއެވެ. ވީމާ، ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، މި ދިފާޢީ ފަށަލައަށް ގެއްލުން ލިބި ދުޅަވާ ހިސާބުން ގޭސްޓްރިކްގެ ތަކްލީފު ފެށިގެންދެއެވެ.

މި ޙާލަތު ކުރިމަތިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

  • ޖަރާސީމާއި ބޭސްތަކުގެ ސަބަބުން: "ހެލިކޮބެކްޓަރ ޕައިލޮރީ" (H. pylori) ބެކްޓީރިއާ ބަނޑަށް ވަދެ، ދުލިފަށަށް ގެއްލުންދިނުމަކީ ގޭސްޓްރައިޓިސް ދިމާވާ ޢާންމު ސަބަބެކެވެ. ހަމައެހެންމެ، ތަދު ކަނޑުވަން ބޭނުންކުރާ ބައެއް ބޭސްތައް (NSAIDs) ދިގު މުއްދަތަކަށް ބޭނުންކުރުމަކީ ވެސް ދުލިފަށަށް ގެއްލުންދޭ ކަމެކެވެ.

  • ކެއިންބުއިމުގެ ނޭދެވޭ އާދަތައް: ހަށިގަނޑަށް ގެއްލުންދެނިވި ކެއިންބުއިމުގެ ތެރޭގައި ފާހަގަކޮށްލެވޭ އެއް ކަމަކީ، ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު، ހަވާދު ގިނަ، ހޫނު އަދި ތެޔޮ ގިނަ ކާނާ އިތުރަށް ބޭނުންކުރުމެވެ. މީގެ އިތުރުން، ކެފެއިން އެކުލެވޭ ބުއިންތަކާއި، ޕްރޮސެސްކޮށްފައި ހުންނަ ކާބޯތަކެތި މާ ގިނައިން ބޭނުންކުރުންވެސް މިތެރޭގައި ހިމެނެއެވެ.

  • ގަޑިން ގަޑިއަށް ނުކެއުން: ކެއުމުގެ ވަގުތުތައް ލަސްކޮށް، ކެއުން ދޫކޮށްލުމަކީ ބަނޑުގައި ހަޖަމުކުރުމުގެ ދިޔަ (ގޭސްޓްރިކް އެސިޑް) ޖަމާވެ، ދުލިފަށަށް ގެއްލުންވާ ކަމެކެވެ.

  • ނަފްސާނީ ހާސްކަމާއި ސްޓްރެސް: ހާވަރޑް ހެލްތުން ހާމަކުރާ ގޮތުގައި، ހާސްކަމާއި ފިކުރު ބޮޑުވުމުން ހަށިގަނޑުން ކުރެވޭ "ކޯޓިސޯލް" އަދި "އެޑްރެނަލިން" ފަދަ ހޯމޯންތަކުގެ ސަބަބުން ބަނޑުގައި އެސިޑް އުފެދޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، ހަޖަމުގެ ނިޒާމަށް ނޭދެވޭ އަސަރު ކުރެއެވެ.

    ޢަލާމާތްތައް ދެނެގަންނާނީ ކިހިނެއް؟

ގޭސްޓްރިކްގެ ޢާންމު ޢަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސުން، ބަނޑު ފުރިފައިވާ ފަދަ ތަދެއް ވުން، މޭ އެންދުން، ބަނޑު ފުއްޕުން، އަދި މޭ ނުބައިކޮށް ހޮޑުލެވުން ހިމެނެއެވެ.

ނަމަވެސް، ތިރީގައި ބަޔާންކުރެވޭ ޢަލާމާތްތައް ފެނިއްޖެ ނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުން ލާޒިމެވެ:

  • ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭ ހުރުން

  • ކާ އެއްޗެތި ދިރުވަން އުނދަގޫވުން

  • ކެތްނުކުރެވޭ ވަރަށް ބަނޑުގައި ގަދައަށް ރިއްސުން

ގޭގައި ދެވިދާނެ ފަރުވާއާއި ގެނެވިދާނެ ބަދަލުތައް

  • ކެއުމުގެ މިންވަރާއި ވަގުތު ރޭވުން: އެއްފަހަރާ ގިނައިން ކެއުމުގެ ބަދަލުގައި، ކުދިކުދި ޙިއްޞާތަކަށް ބަހާލައިގެން، ދުވާލަކު ގިނަ ފަހަރު ކެއުމުން ބަނޑުގައި އެސިޑް ހެދޭ މިންވަރު ކުޑަވެ، ހަޖަމުގެ ނިޒާމަށް ލުއިވެއެވެ.

  • ލަސްލަހުން، ރަނގަޅަށް ހަފައިގެން ކެއުން: ކެއުން ލަސްކޮށް، ކޮންމެ ގިތެއް ރަނގަޅަށް ހަފައިގެން ދިރުވުމުން ބަނޑަށް ވައި ވަންނަ މިންވަރު ކުޑަވެ، ހަޖަމުކުރުން ފަސޭހަވެއެވެ.

  • ފައިދާހުރި ކާބޯތަކެތި ބޭނުންކުރުން:

    • ހޫނު ފެނަށް އިނގުރު ޖޫސްކޮޅެއް ނުވަތަ މާފޮދެއް އަޅައިގެން ބުއިން، އިނގުރު ސައި، އަދި ކެމޮމައިލް ސައި ބޭނުންކުރުން

    • ޕްރޮބައޮޓިކްސް ހިމެނޭ ޔޯގަޓް ފަދަ ތަކެތި ކެއުމަށް ހިމެނުން

    • ދޮންކެޔޮ، ފަޅޯ (ހަޖަމުކުރަން އެހީވާ އެންޒައިމް ހިމެނޭ)، އަދި ފައިބަރ ގިނަ އާފަލު ފަދަ މޭވާ ކެއުމަށް ހިމެނުން

  • ގިނައިން ފެން ބުއިން: ދުވާލަކު މަދުވެގެން 8 ތަށި ފެން ބުއިމަކީ ހަޖަމުގެ ނިޒާމު ދުޅަހެޔޮކޮށްދީ، ބަނޑުހިކުމުން ދުރުކޮށްދޭ ކަމެކެވެ.

  • ނަފްސާނީ ހަމަޖެހުން ހޯދުން: ފުންކޮށް ނޭވާލުމުގެ ކަސްރަތާއި، ގަވާއިދުން ހަށިގަނޑު ހެލިފެލިވެ ކަސްރަތުކުރުމަކީ ސްޓްރެސް ކުޑަކޮށްދީ، ހަޖަމުގެ ނިޒާމަށް ލުއިލިބޭ ކަންކަމެވެ.

  • ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްގެން ދިމާވާ އާދައިގެ ގޭސްޓްރިކް މައްސަލަތައް، ޢާންމު ގޮތެއްގައި، 1 ން 2 ހަފުތާ ތެރޭގައި ރަނގަޅުވެއެވެ. ނަމަވެސް، ޖަރާސީމުގެ ސަބަބުން ދިމާވާ ދިގު މުއްދަތުގެ ގޭސްޓްރައިޓިސް ފަސޭހަވުމަށް 4 ން 8 ހަފުތާ ދެމެދުގެ މުއްދަތެއް ނަގައެވެ.

    ވީމާ، ގޭގައި ކުރާ ފަރުވާއިން ލުޔެއް ނުލިބި، ޢަލާމާތްތައް ގޯސްވަމުންދާނަމަ، ނުވަތަ ގިނަ ދުވަހަށް ދެމިގެންދާނަމަ، އަމިއްލައަށް ބޭސް ބޭނުންކުރުމުގެ ބަދަލުގައި، ޞިއްޙީ މާހިރެއްގެ ލަފަޔާއި އިރުޝާދު ހޯދުމަކީ އެންމެ ރައްކާތެރި އަދި ބުއްދިވެރި ގޮތެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.