ލާމަރުކަޒީ ޤާނޫނަށް ގެނައި ބިމާ ބެހޭ އިޞްލާޙު ރައީސް މިއަދު ތަޞްދީޤުކުރައްވައިފި
ރައީސް އޮފީހުން ޢާންމުކުރި ވީޑިއޯ މެސެޖެއްގައި ރައީސް މުޢިއްޒު ވިދާޅުވީ ކައުންސިލްތަކުގެ ބިން ވަކިކުރުމަކީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި ނަމަވެސް ބައެއް ކައުންސިލްތަކުން ތަރައްޤީގެ މަޝްރޫޢުތަކަށް ތަފާތު ހުރަސްތައް ކުރިމަތިކުރާތީ އެ ބިލަށް ސަރުކާރުން ތާއީދުކުރީ ކަމަށެވެ. ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން ހުށަހެޅުއްވި މި ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ވޯޓާ އެކުގައެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެންބަރުންނެވެ.
އަހުމަދު އާހިލް ސައީދު
ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ކައުންސިލްތަކުގެ އިޚުތިޞާޞުގައި ހިމެނޭ ބިންތައް ކެބިނެޓުގެ ނިންމުމަކުން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
ރައީސް އޮފީހުން ޢާންމުކުރި ވީޑިއޯ މެސެޖެއްގައި ރައީސް މުޢިއްޒު ވިދާޅުވީ ކައުންސިލްތަކުގެ ބިން ވަކިކުރުމަކީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި ނަމަވެސް ބައެއް ކައުންސިލްތަކުން ތަރައްޤީގެ މަޝްރޫޢުތަކަށް ތަފާތު ހުރަސްތައް ކުރިމަތިކުރާތީ އެ ބިލަށް ސަރުކާރުން ތާއީދުކުރީ ކަމަށެވެ. ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން ހުށަހެޅުއްވި މި ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ވޯޓާ އެކުގައެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެންބަރުންނެވެ.
"ހަގީގަތުގައި ސަރުކާރުން ބޭނުމެއް ނުވޭ ކައުންސިލްތަކުން ބިންތައް ވަކިކުރާކަށް. އެެހެން ނަމަވެސް ހުރަސްއަޅާ ކަމަށް ވަންޏާ އެތައް މަހެއް ޑިލޭ ވަމުން ދަނީ. އެހެން ވެއްޖިއްޔާ އެ ނޫން ގޮތެއް ނެތިއްޖެެއްޔާ އެބަޖެހޭ ބިންތައް ވަކިކޮށްގެން ނަމަވެސް މަޝްރޫއު ހިންގަން" ރައީސް ވިދާޅުވިއެވެ.
ޤާނޫނަށް ގެނައި ބަދަލުގައި ކައުންސިލެއްގެ ބިމެއް ނެގުމުގެ ކުރިން ކެބިނެޓުން ކައުންސިލާ މަޝްވަރާކުރަންޖެހޭ ކަމާއި ބިން ނަގަނީ ކޮން މަޝްރޫޢެއް ހިންގުމަށްކަން ޢާންމުކުރުން ލާޒިމުކުރާ ކަން ރައީސް ފާހަގަކުރެއްވިއެވެ.
"ބިން ވަކިކުރުމުގެ ކުރިން ތަރައްގީގެ މަޝްރޫއުގެ މައުލޫމާތު އެއީ ކޮން މަޝްރޫއަކަށް ކަން ބިން މި ނަގަން ޖެހެނީ [އެ މައުލޫމާތު] އާއްމުކުރަން ޖެހޭ ސަރުކާރުން" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ވަކިކުރާ ބިމެއްގައި ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާ ނަމަ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެކަށީގެންވާ ބަދަލު ހޯދޭނެ މަގު މި އިޞްލާޙުން ހުޅުވައިލައިފައިވެއެވެ. ހަމައެހެންމެ އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގައި ހުރި މުދަލާއި ވަސީލަތްތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރެވިފައިވެއެވެ.
މި އިޞްލާޙާ ދެކޮޅަށް ޢާންމުން ޕެޓިޝަނެއްގައި ސޮއިކުރަމުން ގެންދާ ކަން ފާހަގަކޮށްލެވެއެވެ. މިހާތަނަށް 6000 އަށް ވުރެ ގިނަ މީހުން އެ ޕެޓިޝަނުގައި ސޮއިކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް