ކައުންސިލް ވަޒީފާތަކަށް މީހުން ނެގުން އެލްޖީއޭގެ ލިޔުމުން ހުއްދަ ހޯދުމަށް ޝަރުތުކޮށްފި
ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ކައުންސިލްތަކުން ކޮންމެ ބާވަތެއްގެ ވަޒީފާއަކަށް މީހަކު ނެގުމުގެ ކުރިން އެލްޖީއޭގެ ލިޔުމުން ހުއްދަ ހޯދުން މިހާރު ވަނީ ލާޒިމުކޮށްފައެވެ.
ސީޒާ ޢަބްދުލްޙަކީމް
ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކައުންސިލްތަކުން އެއްވެސް ބާވަތެއްގެ ވަޒީފާއަކަށް މީހަކު ނެގުމުގެ ކުރިން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލިޔުމުން ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖައްސައި އެކަން ކައުންސިލްތަކަށް އަންގައިފިއެވެ.
އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުޙައްމަދު ނިމާލް ސޮއިކުރައްވައި ކައުންސިލްތަކަށް ފޮނުއްވަމުންދާ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ މަޤާމުތަކާއި ކައުންސިލްގެ އަމިއްލަ އާމްދަނީން ޚަރަދުކުރާ މަޤާމުތައް ވެސް މި އުސޫލުގެ ތެރޭގައި ހިމެނެއެވެ. އެ ގޮތުން އަލަށް އުފައްދާ ދާއިމީ މަޤާމުތަކާއި ހުސްވާ މަޤާމުތަކުގެ އިތުރުން ވަކި މުއްދަތަކަށް ނުވަތަ ވަކި މަސައްކަތެއް ކުރުމަށް ކޮންޓްރެކްޓް އެމްޕްލޯއިމެންޓާއި ވޭޖް އެމްޕްލޯއިމެންޓް އުސޫލުން މީހުން ނެގުމުގައި ވެސް އެލްޖީއޭގެ ލިޔުމުން ހުއްދަ ނެގުން ލާޒިމުވެއެވެ.
ހަމައެއާ އެކު ވަގުތީ ބޭނުންތަކަށާއި ވަކި މަޝްރޫޢުތައް ހިންގުމަށް ކޮންސަލްޓަންސީ ނުވަތަ އުޖޫރަ ދެވޭ އެހެން ކޮންމެ ބާވަތެއްގެ ވަޒީފާއެއް އިޢުލާންކުރުމުގެ ކުރިން ވެސް އެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މި އެންގުމާ އެއްގޮތަށް އިއްޔެއިން ފެށިގެން އެލްޖީއޭގެ ހުއްދައާ ނުލައި ކައުންސިލް ވަޒީފާތަކަށް އެއްވެސް މީހަކު ނެގުން ވަނީ މަނާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް