މައިގަނޑު ބަޔަށް ދާން

ކުޅިވަރު

މެސީ 207 މެޗަށް ފަހު އާޖެންޓީނާ ގައުމީ ޓީމަށް އަލްވަދާޢު ކިޔައިފި

ގައުމީ ޖާޒީގައި އޭނާއަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ފުރިހަމަކުރެވިއްޖެ ކަމުގެ އިހުސާސް ކުރެވޭ ކަމަށާއި މި ނިންމުމަކީ ވަރަށް ހިތްދަތި ނިންމުމެއް ކަމަށް މެސީ ބުނެފައިވެއެވެ.

އަހުމަދު އާހިލް ސައީދު

މެސީ މީގެ ކުރިން ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗެއްގައި ޕީކޭ އާއެކު.. ފޮޓޯ: ގެޓީ
މެސީ މީގެ ކުރިން ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗެއްގައި ޕީކޭ އާއެކު.. ފޮޓޯ: ގެޓީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އުމުރުން 39 އަހަރުގައި ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރިޓަޔާކުރިކަން މިއަދު ސޯޝަލް މީޑިއާ މެދުވެރިކޮށް އިޢުލާނުކޮށްފިއެވެ.

ގައުމީ ޖާޒީގައި އޭނާއަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ފުރިހަމަކުރެވިއްޖެ ކަމުގެ އިހުސާސް ކުރެވޭ ކަމަށާއި މި ނިންމުމަކީ ވަރަށް ހިތްދަތި ނިންމުމެއް ކަމަށް މެސީ ބުނެފައިވެއެވެ.

"މިއީ އާ ޖީލުގެ ހުނަރުވެރި ކުޅުންތެރިންގެ ވަގުތު" މެސީ ލިޔުނެވެ.

ރިޓަޔާކުރުމުގެ ނިންމުން އައި ސީދާ ސަބަބެއް ކަމުގައި މެސީ ފާހަގަކުރީ ދާދި ފަހުން ބައްޕަ ނިޔާވުމެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ކެރިއަރު ބިނާކުރުމުގައި އެންމެ ބޮޑު ބައެއް އަދާކުރި ބައްޕަ ވަކިވެ ދިޔުމާ ގުޅިގެން ފުޓްބޯޅައިން މުޅިން ދުރަށް ދާންވެސް އޭނާ ވިސްނިއެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު މި ނިންމުން ނިންމާނެ ކަމުގެ އިޝާރާތްތައް ކުރިންވެސް ފެނިފައިވީ ނަމަވެސް މި އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވުމުން ރަސްމީ މެޗަކަށް ފަހު ނޫނީ ހުއްޓައިނުލާނެ ކަމަށް ބެލެވުނެވެ.

"ދަނޑުމަތީގައި އާޖެންޓީނާއާ އެކު ނެތަސް އަބަދުވެސް ޓީމުގެ ސަޕޯޓަރެއްގެ ގޮތުގައި ދެމި ހުންނާނަން" މެސީ ބުންޏެވެ.

ގައުމީ ޓީމުގައި ހޭދަކުރި ދުވަސްތަކަކީ ފަޚުރެއް ކަމުގައި ސިފަކޮށް ސަޕޯޓަރުންނާއި ކޯޗުންނާއި ކުޅުންތެރިންގެ އިތުރުން އާއިލާއަށް މެސީ ޚާއްޞަ ޝުކުރެއް އަދާކޮށްފައިވެއެވެ. ޒުވާން ދުވަސްވަރު ސްޕެއިންގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް އޭނާ ޚިޔާރުކުރީ އުފަން ޤައުމެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލާއި 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލުން ބަލިވެ ކެޓުމުން ކުއްލިއަކަށް ރިޓަޔާކުރި ނަމަވެސް އެނބުރި އައިސް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއެވެ.

މެސީ ވަނީ 2005 އިން 2026 އަށް އާޖެންޓީނާ ގައުމީ ޓީމަށް 207 މެޗު ކުޅެ 125 ގޯލް ކާމިޔާބުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.