ހަށިވިއްކުމުގެ ވިއުގައެއް ރޫޅައިލައި ހިންދީ ޓީވީ ބަތަލާއެއް ސަލާމަތްކޮށްފި
އިންޑިއާގެ މަހާރާޝްޓްރާގެ ތާނޭ ޑިސްޓްރިކްޓުގައި ހިންގަމުންދިޔަ ހަށިވިއްކުމާއި އިންސާނީ ވަގުފާރީގެ ވިއުގައެއް ފުލުހުން ރޫޅައިލައި، އެ ވިއުގައިގެ ތެރޭގައި ހައްޔަރުކޮށްފައި ހުރި ހިންދީ ޓީވީ ސިލްސިލާތަކުން ފެންނަ 35 އަހަރުގެ މަޝްހޫރު ފަންނާނެއް ސަލާމަތްކޮށްފިއެވެ.
އަޙްމަދު އާހިލް ސަޢީދު
އިންޑިއާގެ މަހާރާޝްޓްރާގެ ތާނޭ ޑިސްޓްރިކްޓުގައި ހިންގަމުންދިޔަ ހަށިވިއްކުމާއި އިންސާނީ ވަގުފާރީގެ ވިއުގައެއް ފުލުހުން ރޫޅައިލައި، އެ ވިއުގައިގެ ތެރޭގައި ހައްޔަރުކޮށްފައި ހުރި ހިންދީ ޓީވީ ސިލްސިލާތަކުން ފެންނަ 35 އަހަރުގެ މަޝްހޫރު ފަންނާނެއް ސަލާމަތްކޮށްފިއެވެ.
އެ ފަންނާނަކީ ކާކު ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ބަތަލާ މިހާރު ބަހައްޓާފައި ހުރީ މުމްބާއީގެ ރެސްކިއު ފައުންޑޭޝަނުގެ ހިމާޔަތުގެ ދަށުގައި ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ތަބައްސުމް ނުވަތަ ސޯނިއާ ޢުމަރު ޤުރައިޝީ (39) ނަމަކަށް ކިޔާ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ހާމަކުރި ގޮތުގައި ޤުރައިޝީ އާއި ފިރިހެން ބައިވެރިއަކު ގުޅިގެން، މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުން، ޚާއްޞަކޮށް ޓީވީ ސީރީޒް، ވެބް ސީރީޒް އަދި ފޮޓޯ ޝޫޓުތަކުގައި ހަރަކާތްތެރިވާ ފަރާތްތައް ގަދަކަމުން ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ވައްދަމުން ގެންދިޔައެވެ. ޖަމިއްޔާއަކުން ލިބުނު މަޢުލޫމާތަކާ ގުޅިގެން 2026 ވަނަ އަހަރުގެ އޮކްޓޫބަރު އަށެއްގައި މީރާ-ބަޔަންދަރު ރޯޑުގެ ހޮޓަލަކަށް ފޭކް ކަސްޓަމަރެއް ފޮނުވައިގެން ހެކި ހޯދުމަށް ފަހު ފުލުހުން ރެއިޑް ހިންގި ކަމަށް ޕީޓީއައިން ރިޕޯޓުކޮށްފައިވެއެވެ. އެ ރެއިޑުގައި ޤުރައިޝީ ފައިސާ ބަލައިގެންފައި ހުއްޓައި ވަނީ އަތުލައިގެންފައެވެ.
ޤުރައިޝީގެ މައްޗަށް އިންސާނީ ވަގުފާރީގެ ކުށާއި ހަށިވިއްކުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ދައުވާ އުފުލާފައިވެއެވެ. ޗައްތީސްގަޅުގެ ސުރުގުޖާ ޑިސްޓްރިކްޓަށް ނިސްބަތްވާ ޤުރައިޝީ ދިރިއުޅެމުން ދިޔައީ މުމްބާއީގެ ޖޯގެޝްވާރީގައެވެ. ވޮޓްސްއެޕް މެދުވެރިކޮށް ކަސްޓަމަރުން ހޯދައި، ޓީވީ ތަރިން ފޯރުކޮށްދޭނެ ކަމަށް ބުނެ 25,000 ރުޕީސް ނެގި ކަމަށާއި އެއިން 15,000 ރުޕީސް ކޮމިޝަނެއް ގޮތުގައި ނަގަމުން ދިޔަ ކަމަށް ފުލުހުން ބުނެފައިވެއެވެ. ބިހާރުގައި ތިބި ޢާއިލާ ބެލެހެއްޓުމަށް ޓަކައި މި ވިޔަފާރީގެ ތެރެއަށް ވަން ކަމަށް ޤުރައިޝީ ބުނެފައިވެއެވެ. އެ މައްސަލައާ ގުޅިގެން ދެ ފޯނާ އެކު 11,610 ރުޕީސްގެ ތަކެތި ވެސް ފުލުހުން ހޯދާފައިވެއެވެ. ޤުރައިޝީގެ ފިރިހެން ބައިވެރިޔާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދެއެވެ.
މިފަދަ މައްސަލައެއް މީގެ ކުރިން 2026 ވަނަ އަހަރުގެ ފެބްރުއަރީގައި ވެސް ތާނޭގެ ވެގެލް އެސްޓޭޓް ސަރަޙައްދުގެ ހޮޓަލެއްގައި ފެންމަތިވެފައިވެއެވެ. އެ ފަހަރު ހިންދީ ވެބް ސީރީޒް ބަތަލާއެއް ހައްޔަރުކޮށް، ޢުމުރުން 40 އާއި 48 އަހަރުގެ ދެ އަންހެނަކު ސަލާމަތްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް