އެމެރިކާ އެއްބަސްވުމަށް ރުޖޫޢަވާ ނަމަ އީރާނުން ވެސް ވަގުތުން ތަބާވާނެ ކަމަށް ޕެޒެޝްކިއަން ވިދާޅުވެއްޖެ
ކިރްގިޒިސްތާނުގައި ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން )އެސްސީއޯ( ސަމިޓުގައި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން ޕެޒެޝްކިއަން ވިދާޅުވީ "އަޅުގަނޑު ސާފުކޮށް މި ދަންނަވަނީ އެމެރިކާއިން އެ އެމްއޯޔޫގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކަށް އަމަލުކުރަން ފަށައިފި ނަމަ އީރާނުން ވެސް ވަގުތުން އެއާ އެއްގޮތަށް އަމަލުކުރަން ފަށާނެ" ކަމަށެވެ.
އަހުމަދު އާހިލް ސައީދު
ޖޫން މަހު ޤާއިމުކުރި ސުލްހައިގެ އެއްބަސްވުމަށް އެމެރިކާއިން އަލުން ޢަމަލުކުރާ ނަމަ އީރާނުން ވެސް ލަސްނުކޮށް އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރާނެ ކަމަށް އީރާނުގެ ރައީސް މައްސޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.
ކިރްގިޒިސްތާނުގައި ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން ޕެޒެޝްކިއަން ވިދާޅުވީ "އަޅުގަނޑު ސާފުކޮށް މި ދަންނަވަނީ އެމެރިކާއިން އެ އެމްއޯޔޫގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކަށް އަމަލުކުރަން ފަށައިފި ނަމަ އީރާނުން ވެސް ވަގުތުން އެއާ އެއްގޮތަށް އަމަލުކުރަން ފަށާނެ" ކަމަށެވެ.
މި އެއްބަސްވުމަކީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްތިޢުމާރީ އިޒްރޭލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނައީ އަވަހާރަކޮށްލެވުމާ ގުޅިގެން ފެށުނު ހަނގުރާމަ ހުއްޓައިލުމަށް ދެ ޤައުމުގެ ދެމެދުގައި ޤާއިމުކުރި އެއްބަސްވުމެކެވެ. ނަމަވެސް ދެ ފަރާތުން ވެސް ޝަރުޠުތަކާ ޚިލާފުވި ކަމަށް އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ތުހުމަތުކުރުމުގެ ނަތީޖާއެއްގެ ގޮތުން އެ އެއްބަސްވުން ވަނީ ރޫޅިފައެވެ.
ޕެޒެޝްކިއަން އިތުރަށް ވިދާޅުވީ "އިސްލާމްއާބާދު އެމްއޯޔޫގެ ދަށުން އެމެރިކާއިން އަދާކުރަންޖެހޭ އިލްތިޒާމްތަކާ ތަކުރާރުކޮށް ހިލާފުވުމުން އެނގިގެން ދިޔައީ... ތަންފީޒީ ނިޒާމެއްގެ ނެތުމާއި ފިއްތުންތަކާއި އިންޒާރުދިނުމުގެ ސިޔާސަތަކަށް ރުޖޫއަވުމަކީ ސުލްހައިގެ ވާހަކަތައް މަގުން ކައްސާލާނެ ކަމެއްކަން" ކަމަށެވެ. އީރާނުން ދެކޭ ގޮތުގައި ޚިޔާލުތަފާތުވުންތައް ނައްތައިލެވޭނީ މަޝްވަރާ އާއި ވާހަކަ ދެއްކުމުގެ ތެރެއިން ކަމަށާއި ނަމަވެސް އިޚްލާޞްތެރިކަމެއް ނެތި އަދި ބާރުގެ ބޭނުންކުރުން ހުއްޓައިނުލައި ދެކެވޭ ވާހަކައަކުން ދާއިމީ ސުލްހައެއް ނުލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ވާހަކަފުޅު އައީ މަސް ދުވަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ހޯމަ ދުވަހު ދެ ފަރާތުން އަލުން ހަމަލާ ބަދަލުކުރަން ފެށުމާ އެކު ހޮރްމޫޒް ކަނޑުއޮޅީގައި ނުތަނަވަސްކަން އިތރުވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ވަނީ އެ ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ދަމަހައްޓައިފައެވެ. އީރާނުން ބުނީ ކަނޑުއޮޅި އަލުން ހުޅުވައިލާނީ އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އެމެރިކާއިން ހިންގާ ނޭވަލް ބްލޮކޭޑް އުވައިލައި ތެޔޮ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލައި ބޭރު ޤައުމުތަކުގައި ފްރީޒްކޮށްފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމުން ކަމަށެވެ.
ހޯމަ ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރާގްޗީ ވިދާޅުވީ "އެމެރިކާއިން އެ މީހުންގެ އިލްތިޒާމްތަކަށާއި އެ މީހުންގެ ރައީސް ސޮއިކުރެއްވި އެއްބަސްވުމަށް އަމަލުކުރަންޖެހޭ" ކަމަށެވެ. އެހެން ހެދިއްޖެ ނަމަ "ކަންކަން އަލުން ރަނގަޅު މަގަށް އެޅުވިދާނެ" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވަމުން ދާ މި ދަނޑިވަޅުގައި ސުލްހައިގެ އެއްބަސްވުމުގެ މުސްތަޤުބަލާ މެދު ސުވާލު އުފެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް