ނޭޕާލުގެ ފެންބޮޑުވުމުގައި މަރުވި މީހުންގެ ޢަދަދު 1130 އަށް އަރައިފި
ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަޙައްދުން ގްލޭސިއާއެއް ކަނޑައިގެން ގޮސް އުފެދުނު ފެންބޮޑުވުމުގައި ދެ ޤައުމުން ޖުމްލަ 1130 މީހުން މަރުވެ، 4462 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ސީޒާ ޢަބްދުލްޙަކީމް
ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަޙައްދުން ގްލޭސިއާއެއް ކަނޑައިގެން ގޮސް އުފެދުނު ކުއްލި ފެންބޮޑުވުމާއި ކިސަޑު ފައިބައިގެން ދިޔަ ހާދިސާގައި ދެ ޤައުމު އެއްކޮށް ޖުމްލަ 1130 މީހުން މަރުވެފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ފަރުބަދަ މަތިން ބިޔަ ގަނޑުފެންގަނޑެއް ވެއްޓިގެން ހިނގި މި ހާދިސާގައި ނޭޕާލުން އެކަނި 1114 މީހުން މަރުވެފައިވެއެވެ. ބޯޑަރުގެ އަނެއް ފަރާތުގައި އޮންނަ ޗައިނާއިން 16 މީހެއްގެ މަރު ކަށަވަރުކުރެވިފައިވާ ކަމަށް އެ ޤައުމުން ބުނެފައިވެއެވެ. ނޭޕާލުގައި އަދިވެސް 4462 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ގެއްލުނު މީހުންގެ ތެރޭގައި ބޭރު ޤައުމުތަކުގެ 583 ފަތުރުވެރިން ހިމެނެއެވެ.
ތްރިޝޫލީ ކޯރު ކައިރީގައި ހިންގާ ހައިޑްރޯޕަވާ މަޝްރޫޢުތަކުގެ ތެރޭގައި 500 އާއި 600 އާ ދެމެދުގެ ޢަދަދެއްގެ މީހުން ތާށިވެފައި ތިބި ކަމަށް ބެލެވޭތީ އެ ސަރަޙައްދުގައި ޚާއްޞަ ސަލާމަތީ އޮޕަރޭޝަނެއް ހިންގަމުންދެއެވެ. ފެނިފައިވާ ހަށިގަނޑުތައް އަވަހަށް ހަލާކުވަމުންދާތީ ޑީއެންއޭ ސާމްޕަލް ނެގުމަށްފަހު ދެނެނުގަނެވޭ މީހުން ވަޅުލަމުންދާ ކަމަށާއި ހަށިގަނޑުތައް ފިނިކޮށް ރައްކާކުރެވޭނެ ވަސީލަތެއް ނެތުމަކީ މި ނިންމުން ނެގި ސަބަބު ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.
އދ. އިން ހާމަކޮށްފައިވާ ގޮތުގައި ނޭޕާލުގައި 65000 އަށް ވުރެ ގިނަ މީހުންނަށް ސާފު ބޯފެނާއި ސާފުތާހިރުކަމުގެ އަސާސީ ވަސީލަތްތައް ބޭނުންވެފައިވެއެވެ.
މިހާތަނަށް 12000 އެއްހާ މީހުން ސަލާމަތްކުރެވިފައިވީ ނަމަވެސް މަގުތަކަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން ކާރިސާގެ އަސަރުކޮށްފައިވާ ސަރަޙައްދުތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް