މައިގަނޑު ބަޔަށް ދާން

ދުނިޔެ

އީރާނަށް ދޭ ހަމަލާތަކާއި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތައް އެސްސީއޯއިން ކުށްވެރިކޮށްފި

ބިޝްކެކް ޤަރާރުގެ ނަމުގައި ނެރުނު އެ ބަޔާނުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންއާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އިތުރުން ދެން ހިމެނޭ މެންބަރު ޤައުމުތަކުގެ އިސްވެރިން ސޮއިކުރައްވާފައިވެއެވެ. ރަޝިޔާ ޗައިނާ އިންޑިޔާ ޕާކިސްތާން އީރާން ބެލަރޫސް އެޒްބަކިސްތާން ކަޒަކިސްތާން ތަޖިކިސްތާން އަދި ކިރްގިޒް ރިޕަބްލިކް ހިމެނޭ ގޮތަށް 10 ޤައުމެއްގެ މައްޗަށް އެސްސީއޯ އެކުލެވިގެންވެއެވެ.

އަހުމަދު އާހިލް ސައީދު

އެސްސީއޯ؛ ފޮޓޯ / ދަ ސްޓްރެޓީޖިސްޓް
އެސްސީއޯ؛ ފޮޓޯ / ދަ ސްޓްރެޓީޖިސްޓް

ކިރްގިސްތާނުގެ ބިޝްކެކުގައި ނިމުނު ޝަންހާއީ ކޯއޮޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ ސަމިޓަށް ފަހު އީރާނާ ދެކޮޅަށް ދެމުންދާ އަސްކަރީ ހަމަލާތަކާއި މެންބަރު ޤައުމުތަކަށް ހުޅަނގުން އަޅާ ފިޔަވަޅުތައް ކުށްވެރިކޮށް އެ ޖަމިއްޔާގެ އިސްވެރިން ޤަރާރެއް ފާސްކޮށްފިއެވެ.

ބިޝްކެކް ޤަރާރުގެ ނަމުގައި ނެރުނު އެ ބަޔާނުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންއާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އިތުރުން ދެން ހިމެނޭ މެންބަރު ޤައުމުތަކުގެ އިސްވެރިން ސޮއިކުރައްވާފައިވެއެވެ. ރަޝިޔާ ޗައިނާ އިންޑިޔާ ޕާކިސްތާން އީރާން ބެލަރޫސް އެޒްބަކިސްތާން ކަޒަކިސްތާން ތަޖިކިސްތާން އަދި ކިރްގިޒް ރިޕަބްލިކް ހިމެނޭ ގޮތަށް 10 ޤައުމެއްގެ މައްޗަށް އެސްސީއޯ އެކުލެވިގެންވެއެވެ.

އެމެރިކާ އިސްވެގެން ދެމުންދާ ހަމަލާތަކުގައި ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ޝަހީދުވެ އީރާނުގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ޤަރާރުގައި ބަޔާންކޮށްފައިވެއެވެ. އެ ހަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުގެ ހަމަތަކާއި އދ.ގެ ޗާޓަރާ ފުށުއަރާ ޢަމަލުތަކެއް ކަމަށާއި ދުނިޔޭގެ ޞުލްޙައާއި ސަލާމަތަށް ނުރައްކާ ކުރާ ކަންކަން ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހު އެ ހަމަލާތަކުގައި ޝަހީދުވި އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ މަރާ ގުޅިގެން އީރާނުގެ ރައްޔިތުންނާއި ސަރުކާރަށް އެސްސީއޯއިން ތައުޒިޔާ ފޮނުވާފައިވެއެވެ.

އީރާނުގެ މިނިވަންކަމާއި އިސްތިޤުލާލަށް ތާއީދުކުރާ ކަމަށް ހާމަކޮށް މެދުއިރުމަތީގެ މައްސަލައަށް ސިޔާސީ އަދި ޚާރިޖީ ހަމަތައް ބޭނުންކޮށްގެން ޙައްލެއް ހޯދުމަށް ޤަރާރުގައި ގޮވައިލާފައިވެއެވެ. ހަމައެހެންމެ އިސްތިއުމާރީ އިސްރާއީލުން ފަލަސްޠީނާ ދެކޮޅަށް ދެމުންދާ ޢުދުވާނީ ހަމަލާތަކުގެ ސަބަބުން ހުޅަނގު އޭޝިޔާގެ ހަމަޖެހުން ގެއްލިފައިވާ ކަމަށާއި އެ ސަރަޙައްދަށް ޞުލްޙަ ގެނެވޭނީ ފަލަސްޠީނުގެ މައްސަލައަށް ވަށާޖެހޭ އިންސާފުވެރި ޖަވާބެއް ހޯދައިގެން ކަމަށް ވެސް ބުނެފައިވެއެވެ.

ނިއުކްލިއާ ހަތިޔާރު ނުފެތުރުމާ ބެހޭ މުޢާހަދާ (އެންޕީޓީ)ގެ މެންބަރެއްގެ ހައިސިއްޔަތުން ޞުލްޙަވެރި ބޭނުންތަކަށް ނިއުކްލިއާ ޓެކްނޮލޮޖީ ކުރިއެރުވުމުގެ ޙައްޤު އީރާނަށް ލިބިގެންވާ ކަމަށާއި އެ ޙައްޤު ހުއްޓުވުމަކީ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ވެސް ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.

މި ސަމިޓުގައި އެސްސީއޯގެ މެންބަރު ޤައުމުތަކުން ވަނީ އިޤްތިޞާދީ ދާއިރާއާއި ހަކަތައިގެ ދާއިރާއިން ގުޅިގެން ކުރާ މަސައްކަތް އިތުރުކުރުމަށް ނިންމާފައެވެ. ނިރުބަވެރިކަމާއި ވަކިވެގަތުމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ވެސް ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޤަރާރުގައި ހިމަނާފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.