ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ޓެކްސް ކަނޑައެޅުމުގެ ބާރު މީރާއަށް ދީފި
ރާއްޖޭގައި ޓެކްސް ނެގުމުގެ ނިޒާމު ފެށިފަހުން 16 އަހަރު ފާއިތުވެފައިވާއިރު ޤާނޫނީ ގޮތުން މީރާއަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ނައްތައިލުމަށް މި ބިލުގައި ގިނަ ކަންކަން ހިމަނާފައިވެއެވެ. އެ ގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޓެކުހުގެ އަދަދު ކަނޑައަޅާއިރު ބޭނުންވާ މަޢުލޫމާތު ކޮންމެ ފަރާތެއްގެ ކިބައިން ހޯދުމުގެ ޤާނޫނީ ބާރު ވެސް މި އިސްލާޙުގެ ތެރެއިން ދީފައިވެއެވެ. ހަމައެއާ އެކު ޓެކްސް ނުދައްކާ ފަރާތްތަކަށް ފޮނުވާ އެންގުންތަކާއި އޮޑިޓް ހިންގުމުގެ އިޖުރާއަތުތައް ތަފްސީލީ ގޮތެއްގައި ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާޙުތަކާ އެކު ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތައް ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ ބާރާއި ދައުލަތަށް ނުލިބި ހުރި ފައިސާ ކޯޓު މެދުވެރިކޮށް ހޯދުމުގެ އިޚުތިޔާރު މީރާއަށް ލިބިދީފިއެވެ.
ރާއްޖޭގައި ޓެކްސް ނެގުމުގެ ނިޒާމު ފެށިފަހުން 16 އަހަރު ފާއިތުވެފައިވާއިރު ޤާނޫނީ ގޮތުން މީރާއަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ނައްތައިލުމަށް މި ބިލުގައި ގިނަ ކަންކަން ހިމަނާފައިވެއެވެ. އެ ގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޓެކުހުގެ އަދަދު ކަނޑައަޅާއިރު ބޭނުންވާ މަޢުލޫމާތު ކޮންމެ ފަރާތެއްގެ ކިބައިން ހޯދުމުގެ ޤާނޫނީ ބާރު ވެސް މި އިސްލާޙުގެ ތެރެއިން ދީފައިވެއެވެ. ހަމައެއާ އެކު ޓެކްސް ނުދައްކާ ފަރާތްތަކަށް ފޮނުވާ އެންގުންތަކާއި އޮޑިޓް ހިންގުމުގެ އިޖުރާއަތުތައް ތަފްސީލީ ގޮތެއްގައި ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.
ބިލުގައި ފާހަގަކޮށްލެވޭ އިތުރު ބަދަލެއްގެ ގޮތުން އޮޑިޓާއި ތަޙުޤީޤު ކުރުމަށް ބޭނުންވާ ތަކެތި މީރާގެ ބެލުމުގެ ދަށަށް ގެންދެވޭ ގޮތް ހަދައި ލިޔެކިޔުން ހުށަހެޅުމުގެ ފަހު ތާރީޚު ބަންދު ދުވަހަކާ ދިމާވާ ހާލަތުގައި ޢަމަލުކުރާނެ ގޮތް ވެސް ކަނޑައަޅާފައިވެއެވެ. ޤާނޫނާ ޚިލާފުވާ ފަރާތްތައް 250,000 ރުފިޔާ އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ކުރިން ޤަވާއިދުގެ ތެރެއިން ކުރަމުން އައި އިންސްޓޯލްމެންޓް އުސޫލުން ޓެކްސް ދެއްކުމުގެ ނިޒާމަށް ވެސް ޤާނޫނީ ހައިސިއްޔަތު ލިބިގެންދާނެއެވެ.
ޓެކުހާ ގުޅޭ ސިއްރު މަޢުލޫމާތު ލިބޭ ފަރާތްތަކުން އެ މަޢުލޫމާތުގެ ސިއްރުކަން ހިފެހެއްޓުން ލާޒިމުވާ ގޮތަށް ވެސް ޤާނޫނުގައި ހިމަނާފައިވާއިރު ޤާނޫނު ހުއްދަކުރާ ހާލަތްތައް ފިޔަވައި އެ މަޢުލޫމާތު ޢާންމުކުރުން މަނާ ކޮށްފައިވެއެވެ. ދައުލަތަށް ލިބެންޖެހި ނުލިބި ހުރި ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ ބާރު ކުރިން އޮތީ ހަމައެކަނި ބަންޑާރަ ނައިބަށް ކަމަށް ވީ ނަމަވެސް މި އިސްލާޙާ އެކު ބަންޑާރަ ނައިބު އަންގާ ގޮތެއްގެ މަތީން މީރާއަށް ވެސް ކޯޓަށް މައްސަލަ ހުށަހެޅޭނެއެވެ. އޭގެ ތެރޭގައި ކޯޓު ޙުކުމްތަކުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ވެސް ހިމެނެއެވެ.
މި ބަދަލުތަކާ އެކު ޓެކްސް ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބެންޖެހޭ ފައިދާ ކަށަވަރުކުރެވޭނެ ކަމަށް ޤާނޫނަށް ބަހުސް ކުރެއްވި މެންބަރުން ފާހަގަކުރައްވާފައިވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް