ޕްރިމިއާ ލީގުގެ ކްލަބުތަކުން 4.4 ބިލިއަން ޑޮލަރު ޚަރަދުކޮށް ޓްރާންސްފާ ރެކޯޑު މުގުރާލައިފި
ކުރީ ސީޒަނުގައި ޤާއިމުކުރި 3.14 ބިލިއަން ޕައުންޑުގެ ރެކޯޑު ފަހަނައަޅައި ދިޔަ މި ޓްރާންސްފާ ޕީރިއަޑުގައި ލީގުގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ ކްލަބުން އެ ކްލަބުތަކުގެ މުޅި ތާރީޚުގައި ވެސް އެންމެ އަގުބޮޑު ޓްރާންސްފާ ހެދީ މި ފަހަރެވެ. ޖުމްލަ 11 ކްލަބަކުން ވަނީ ކުރީގެ ޓްރާންސްފާ ރެކޯޑު މުގުރާލައިފައެވެ.
އަހުމަދު އާހިލް ސައީދު
އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކުން މި ސީޒަނުގެ ޓްރާންސްފާ ބާޒާރުގައި ޖުމްލަ 4.4 ބިލިއަން ޑޮލަރު (3.3 ބިލިއަން ޕައުންޑް) ހޭދަކޮށް ލީގުގެ ތާރީޚުގައި އެންމެ ބޮޑު ޚަރަދެއް ކުރި ޓްރާންސްފާ ޕީރިއަޑުގެ ރެކޯޑު ހަދައިފިއެވެ.
ކުރީ ސީޒަނުގައި ޤާއިމުކުރި 3.14 ބިލިއަން ޕައުންޑުގެ ރެކޯޑު ފަހަނައަޅައި ދިޔަ މި ޓްރާންސްފާ ޕީރިއަޑުގައި ލީގުގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ ކްލަބުން އެ ކްލަބުތަކުގެ މުޅި ތާރީޚުގައި ވެސް އެންމެ އަގުބޮޑު ޓްރާންސްފާ ހެދީ މި ފަހަރެވެ. ޖުމްލަ 11 ކްލަބަކުން ވަނީ ކުރީގެ ޓްރާންސްފާ ރެކޯޑު މުގުރާލައިފައެވެ.
އެންމެ ބޮޑެތި ޑީލުތަކަށް ބަލާއިރު މެންޗެސްޓާ ސިޓީން ވަނީ ޗެލްސީގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް 125 މިލިއަން ޕައުންޑުގެ ރެކޯޑު ޓްރާންސްފާ ފީއަކަށް ގެނެސްފައެވެ. ހަމައެއާއެކު ސިޓީން ވަނީ 116 މިލިއަން ޕައުންޑަށް އެލިއޮޓް އެންޑަސަން ވެސް ގަނެފައެވެ. ލިވަޕޫލުން ވަނީ ޓްރާންސްފާ ބާޒާރު ބަންދުވި ވަގުތު ޕީއެސްޖީގެ ބްރެޑްލީ ބާކޯލާ 106 މިލިއަން ޕައުންޑަށް ސޮއިކުރުވައިފައެވެ. އަދި ޗެލްސީން ވަނީ މޯގަން ރޮޖާސް ގެންނަން 117 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ.
ކުޅުންތެރިން ގަތުމުގައި ބޮޑު ޚަރަދެއް ނުކުރާ ކަމަށް ބުނެ ސަޕޯޓަރުންގެ ފާޑުކިޔުމާ ފާއިތުވި އަހަރުތަކުގައި ކުރިމަތިލާން ޖެހުނު ޓޮޓަނަމް ހޮޓްސްޕާސް އިން މި ފަހަރު 500 މިލިއަން ޑޮލަރަށްވުރެ ބޮޑު ޚަރަދެއް ކުރީ އެ ކްލަބުގެ ތާރީޚުގައި ވެސް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ސަންޑްރޯ ޓޮނާލީ 92.5 މިލިއަން ޕައުންޑަށް ނިއުކާސަލް އަތުން ގެނެސްގެންނެވެ.
ކުޅުންތެރިން ވިއްކައިގެން އެންމެ ބޮޑު ޢާމްދަނީއެއް ހޯދީ ނިއުކާސަލް އިންނެވެ. ޓޮނާލީ އާއި ގިމާރޭސް އަދި އެންތަނީ ގޯޑަން ވިއްކާލައިގެން އެ ކްލަބަށް 235 މިލިއަން ޕައުންޑަށްވުރެ ބޮޑު ޢާމްދަނީއެއް ލިބިފައިވެއެވެ. މީގެ އިތުރުން ކޮވެންޓްރީން ވަނީ މި ޓްރާންސްފާ ބާޒާރުގައި ހަތަރު ފަހަރެއްގެ މަތިން އެ ކްލަބުގެ ޓްރާންސްފާ ރެކޯޑު މުގުރާލައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް