ދެ ކުއްޖެއްގެ މަރާ ގުޅިގެން ސަލާމަތީ ހޭލުންތެރިކަން އިތުރުކުރުމަށް ރައީސް ގޮވާލައްވައިފި
ރައީސް އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދެ ޚަބަރުގެ ސަބަބުން މުޅި ޤައުމަށް ހިތާމައާއި ނުތަނަވަސްކަން ކުރިމަތިވެފައިވާ ކަމަށެވެ. ވިނަރެސް ފްލެޓް ސަރަޙައްދުގައި ހިނގައިދިޔަ އެކްސިޑެންޓެއްގައި ފަރުވާދެމުން ދިޔަ ނުވަ އަހަރުގެ ކުއްޖެއް ރޭ ފަތިހު ނިޔާވެފައިވެއެވެ. އެއާ ވިދިގެން މިއަދު ހެނދުނު ފޭސް 2 ގައި ހުންނަ ސްޓެލްކޯގެ ފްލެޓެއްގެ 12 ވަނަ ފްލޯއިން ވެއްޓި ދެ އަހަރުގެ ކުއްޖެއް ވެސް ވަނީ ނިޔާވެފައެވެ.
އަހުމަދު އާހިލް ސައީދު
ހުޅުމާލޭގައި ވަކި ދެ ހާދިސާއެއްގައި ތުއްތު ދެ ކުދިން ނިޔާވުމާ ގުޅިގެން މަގުތަކާއި އިމާރާތްތަކުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ކަމާ ގުޅޭ މުއައްސަސާތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ.
ރައީސް އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދެ ޚަބަރުގެ ސަބަބުން މުޅި ޤައުމަށް ހިތާމައާއި ނުތަނަވަސްކަން ކުރިމަތިވެފައިވާ ކަމަށެވެ. ވިނަރެސް ފްލެޓް ސަރަޙައްދުގައި ހިނގައިދިޔަ އެކްސިޑެންޓެއްގައި ފަރުވާދެމުން ދިޔަ ނުވަ އަހަރުގެ ކުއްޖެއް ރޭ ފަތިހު ނިޔާވެފައިވެއެވެ. އެއާ ވިދިގެން މިއަދު ހެނދުނު ފޭސް 2 ގައި ހުންނަ ސްޓެލްކޯގެ ފްލެޓެއްގެ 12 ވަނަ ފްލޯއިން ވެއްޓި ދެ އަހަރުގެ ކުއްޖެއް ވެސް ވަނީ ނިޔާވެފައެވެ.
"މި މައުސޫމް ދެ ކުދިންގެ އާއިލާއަށް ތައުޒިޔާ ދަންނަވަން. އަދި އެ ދެ މަރްހޫމުން ސުވަރުގޭގެ މަތިވެރި ނިއުމަތްތަކާއި ފާގަތިކަމުގައި ލެހެއްޓެވުން އެދި ދުއާކުރަން" ރައީސް ވިދާޅުވިއެވެ.
މަގުމަތީ އެކްސިޑެންޓްތަކާއި އުސް ޢިމާރާތްތަކުން ދިމާވާ ނުރައްކާތައް ހުއްޓުވުމަކީ މުޖުތަމަޢު އެކީ ކުރަން ޖެހިފައިވާ ޤައުމީ އަދި އިންސާނީ މަސައްކަތެއް ކަމަށް ރައީސް ސިފަކުރެއްވިއެވެ. ޚާއްޞަކޮށް ކުޑަދޮރާއި ބެލްކަންޏާއި ރެއިލިން ފަދަ ތަންތަނުގެ ސަލާމަތީ ފެންވަރު ކަށަވަރުކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. ނަފްސާނީ ނުވަތަ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތަކާއި ތުއްތުކުދިން ބެލެހެއްޓުމުގައި އެ ފަރާތްތައް ދިރިއުޅޭ ގެތަކުގެ ބެލެނިވެރިންނާއި ޢާއިލާތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތައް އެޅުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
"ދިވެހި މުޖުތަމައު އާއި އާއިލާތަކަށް ސަލާމަތާއި އަމާންކަން މާތްﷲ މިންވަރުކުރައްވާށި! އާމީން" ރައީސް ވިދާޅުވިއެވެ.
ސަރުކާރާއި ކުންފުނިތަކާއި މަދަނީ ޖަމިއްޔާތައް އަދި ޢާންމު ރައްޔިތުން ގުޅިގެން ރައްކާތެރިކަމާ ގުޅޭ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރަނގަޅަށް އިންތިޒާމުކޮށް ކުރިއަށް ގެންދިޔުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް