ޣައްޒާ ހަނގުރާމައިގައި ބައިވެރިވި އިޒްރޭލު ސިފައިންނަށް ޚިދުމަތް ދިނުން ބްރެޒިލްގެ ގެސްޓްހައުސަކުން ހުއްޓައިފި
ބްރެޒިލްގެ ބަހީއާ ސްޓޭޓުގެ ފަތުރުވެރިކަމުގެ ރަށެއް ކަމަށްވާ އިޓާކަރީގައި ހިންގާ އީލިއާ ވެރްޖީ ގެސްޓްހައުސުން، ޣައްޒާއާ ދެކޮޅު ހަނގުރާމައިގައި ބައިވެރިވި އިސްތިއުމާރީ އިޒްރޭލު ސިފައިންނަށް ޚިދުމަތް ނުދޭނެ ކަމަށް އިއުލާންކޮށްފިއެވެ.
ބްރެޒިލްގެ ބަހީއާ ސްޓޭޓުގެ ފަތުރުވެރިކަމުގެ ރަށެއް ކަމަށްވާ އިޓާކަރީގައި ހިންގާ އީލިއާ ވެރްޖީ ގެސްޓްހައުސުން، ޣައްޒާއާ ދެކޮޅު ހަނގުރާމައިގައި ބައިވެރިވި އިސްތިއުމާރީ އިޒްރޭލު ސިފައިންނަށް ޚިދުމަތް ނުދޭނެ ކަމަށް އިއުލާންކޮށްފިއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެ ގެސްޓްހައުސުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތަކަށް އެ ތަނުން މަރުޙަބާ ނުކިޔާނެ ކަމަށެވެ. "ހަނގުރާމައިގެ ކުށްވެރީންނަށް މިތަނުން މަރުޙަބާ ނުކިޔާނެ. މި ތަން ސާބިތުކަމާ އެކު ދެކޮޅު ހަދަނީ އަނިޔާވެރިކަމާއި އަޅުވެތިކަމާއި ހަނގުރާމައިގެ ޖަރީމާތަކަށް" ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އީލިއާ ވެރްޖީ އިން ބުނީ މި ނިންމުމަކީ އިޒްރޭލުގެ ރައްޔިތުންނާ ނުވަތަ ވަކި ދީނީ ޖަމާޢަތަކާ ދެކޮޅަށް ނެރުނު ނިންމުމެއް ނޫން ކަމަށެވެ. "ހުރިހާ ޤައުމިއްޔަތެއް، ދީނެއް، ތަފާތު ފަސް މަންޒަރުގެ މީހުންނަށް މަރުޙަބާ ކިޔަން. އަޅުގަނޑުމެންގެ ސްޓޭންޑަކީ ގަތުލުޢާންމާއި، ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނީ ޙައްޤުތައް ފޫއަޅުވާލުމާ ދެކޮޅަށް، ދުވަހަކުވެސް ރައްޔިތުންނާ ދެކޮޅަކަށް ނޫން" ކަމަށް ވެސް އެ ގެސްޓްހައުސުން ބުނެފައިވެއެވެ.
މި ބަޔާން ނެރުނީ އިޓާކަރީގައި ފަލަސްޠީނާ ގުޅޭ އުރަލެއް ނައްތާލަން އިޒްރޭލު ފަތުރުވެރިންގެ ބަޔަކު މަސައްކަތް ކުރުމުން ރަށުގެ ރައްޔިތުންނާ ދެމެދު ނުތަނަވަސްކަން އުފެދުނު ދަނޑިވަޅެއްގައެވެ. ބްރެޒިލްގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެ އާޓްވޯކުގައި "ކޯރުން ފެށިގެން ކަނޑާ ހަމައަށް" މި ޝިއާރު ހިމެނޭތީ އިޒްރޭލު ފަތުރުވެރިން ކުރެހުންތަކާއި ޕޯސްޓަރުތައް ނައްތާލަން މަސައްކަތް ކުރިއެވެ. ރަށުގެ ރައްޔިތުންނާއި ފަލަސްޠީނަށް ތާއީދުކުރާ ފަރާތްތައް މި ކަން ސިފަކުރީ "ޝިކާރަވެރި ފަތުރުވެރިކަމެއް"ގެ ގޮތުގައެވެ. ވަކިން ހިނގި ކަމެއްގެ ގޮތުން، ބަހީއާ ސްޓޭޓުގެ ވެރިރަށް ސެލްވަޑޯރގައި އިޒްރޭލު ފަތުރުވެރިންނާ ގުޅޭ ޖިންސީ ފުރައްސާރައިގެ ޝަކުވާއެއް ސިވިލް ޕޮލިހުން ތަޙުޤީޤުކުރަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ބްރެޒިލްގައި ކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައިވެއެވެ. 2025 ވަނަ އަހަރު ޖެނުއަރީގައި ބަހީއާގައި ޗުއްޓީ ހޭދަކުރަން އައި އިޒްރޭލު ސިފައިންގެ މީހެއް ކަމަށްވާ ޔޫވާލް ވެގްޑާނީ ޣައްޒާގެ ޖަރީމާތަކާ ގުޅިގެން ތަޙުޤީޤުކުރުމަށް ބްރެޒިލް ސަރުކާރުން އެންގި ނަމަވެސް، ތަޙުޤީޤު ކުރިއެރުމުގެ ކުރިން އޭނާ ޤައުމު ދޫކޮށް ދިޔައެވެ. 2026 ވަނަ އަހަރު މާރިޗުގައި ވެސް އިޓާކަރީގައި އިޒްރޭލު ފަތުރުވެރިންނާއި ފަލަސްޠީނަށް ތާއީދުކުރާ އެކްޓިވިސްޓުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ތިން އިޒްރޭލު ފަތުރުވެރިޔަކު ހައްޔަރުކޮށް ފަހުން ދޫކޮށްލެވުނެވެ.
ބައިނަލްއަޤުވާމީ ޤާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި ބޭރު ޤައުމުތަކުގެ ރައްޔިތުން ބްރެޒިލްގައި ތިބެ ނަސްލީ ނުވަތަ ބިރުދެއްކުމުގެ ޢަމަލެއް ހިންގައިފި ނަމަ ޖިނާއީ ޤާނޫނުތަކާއި ހިޖުރައިގެ ޤާނޫނުގެ ދަށުން ޑީޕޯޓުކުރުން ނުވަތަ ޤައުމަށް ވަނުން މަނާކުރެވިދާނެއެވެ. އެ ދާއިރާގެ ތަޖުރިބާކާރުން ގޮވައިލަނީ ވިސާ ދޫކުރާ މަރުޙަލާގައި ސްކްރީނިން ވަރުގަދަކޮށް، ބައިނަލްއަޤުވާމީ ޖިނާއީ ކޯޓު (އައިސީސީ) ފަދަ މުއައްސަސާތަކާ ގުޅިގެން ބޮޑެތި ޖަރީމާތަކުގައި ތުހުމަތުވާ ފަރާތްތައް ދެނެގަތުމުގެ ނިޒާމެއް ޤާއިމުކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް