މެޓް އޮފީހުން "މޫސުން" މޯބައިލް އެޕާއި އާ ވެބްސައިޓް އިފްތިތާހުކޮށްފި
މޫސުމީ އިންޒާރުތަކާއި ކަނޑުގެ ހާލަތުގެ މަޢުލޫމާތު ވަގުތުން ފޯނަށް ލިބޭ ގޮތަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން "މޫސުން" އެޕްލިކޭޝަނާއި އާ ވެބްސައިޓެއް މިއަދު ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
މޫސުމީ އިންޒާރުތަކާއި ކަނޑުގެ ހާލަތުގެ މަޢުލޫމާތު ވަގުތުން ފޯނަށް ލިބޭ ގޮތަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން "މޫސުން" އެޕްލިކޭޝަނާއި އާ ވެބްސައިޓެއް މިއަދު ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
މި ދެ ވަސީލަތް އިފްތިތާހުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިޤް އިބްރާހީމެވެ. ޔޫއެންޑީޕީއާއި މެޓް އޮފީސް ގުޅިގެން ހިންގާ "ތައްޔާރު" މަޝްރޫޢުގެ ތެރެއިން ތަރައްޤީކުރި މި ނިޒާމުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތާއި، ކަނޑުގެ ހާލަތާއި ދިޔަވަރުގެ ބަދަލުތައް ވަގުތުން ބެލޭނެއެވެ.
މި އެޕްލިކޭޝަނާއި ވެބްސައިޓް ފަރުމާކޮށްފައި ވަނީ ކާރިސާއެއްގެ ކުރިން މޫސުމީ އިންޒާރާއި ކުއްލި ނުރައްކަލުގެ ނޮޓިފިކޭޝަން ވަގުތުން ފޮނުވޭ ގޮތަށެވެ. ހަމައެއާ އެކު، މޫސުން ބަލާ ސްޓޭޝަންތަކުންނާއި ސެޓެލައިޓް މެދުވެރިކޮށް ލިބޭ ޑޭޓާ ބޭނުންކޮށްގެން ކަނޑުދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ ތަފްސީލީ މަޢުލޫމާތު ކުރިއަށް ވުރެ ފުރިހަމައަށް ފޯރުކޮށްދެވޭނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މެޓް އޮފީހުން ބުނީ "މިއީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ކުރިއާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ލިބުނު ބޮޑު ކުރިއެރުމެއް" ކަމަށެވެ.
ޗައިނާ ސަރުކާރުގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާ ކުރުމެވެ. މެޓް އޮފީހުގެ އާ ވެބްސައިޓް މިއަދުން ފެށިގެން ބޭނުންކުރެވޭ އިރު، "މޫސުން" އެޕް އެޕަލް އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް