ރިއަލް އެސްޓޭޓް ބިލުން އިސްތިޢުމާރީ އިޒްރޭލުގެ ރައްޔިތުންނަށް ޕްރޮޕަޓީ ވިއްކުން މަނާކޮށްފި
އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުތަކުން އިޒްރޭލުގެ ރައްޔިތުންނަށާއި އެ ފަރާތްތަކުގެ މަޞްލަޙަތު އޮންނަ ކުންފުނިތަކަށް ޕްރޮޕަޓީ ވިއްކުމާއި ބިން ސަބްލީސްކުރުން މަނާކުރާ މާއްދާތައް ހިމެނޭ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުތަކުން އިޒްރޭލުގެ ރައްޔިތުންނަށާއި އެ ފަރާތްތަކުގެ މަޞްލަޙަތު އޮންނަ ކުންފުނިތަކަށް ޕްރޮޕަޓީ ވިއްކުމާއި ބިން ސަބްލީސްކުރުން މަނާކުރާ މާއްދާތައް ހިމެނޭ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާނެވެ. ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާކޮށް، ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން އެ ވިޔަފާރި ހިންގުމަށް މަގުފަހިކުރުމަކީ މި ބިލުގެ މައިގަނޑު މަޤްޞަދެވެ. ޑިވެލޮޕަރުން ރަޖިސްޓަރީކުރުމާއި، އެ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުމާއި، ޕްރޮޕަޓީ ގަންނަ ފަރާތްތަކުގެ މަޞްލަޙަތު ރައްކާތެރިކުރުން ވެސް ބިލުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
ބިލުގެ 93 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، އިޒްރޭލުގެ ރައްޔިތުންނަށް ނުވަތަ އެ މީހުންގެ ސީދާ އަދި ނުސީދާ ހިއްސާއެއް އޮންނަ ޤާނޫނީ ޝަޚްޞަކަށް ޒޯނުގައިވާ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް ވިއްކުމާއި ބިމެއް ސަބްލީސްކުރުން މަނާވާނެއެވެ. އޭގެ އިތުރުން، ވަކި އެއް ޤައުމަކަށް ނިސްބަތްވާ ފަރާތްތަކަށް ޒޯނުން ދޫކުރެވޭނީ ޖުމްލަ ބިންތަކުގެ %25 އަށްވުރެ އިތުރުނުވާ މިންވަރެއް ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.
އިސްލާމީ އުސޫލުތަކާއި ރާއްޖޭގެ ސިޔާދަތު ޙިމާޔަތްކުރުމާ ގުޅޭ މާއްދާތައް ވެސް ބިލުގައި ހިމަނާފައިވެއެވެ. ބިލުގެ 77 ވަނަ މާއްދާގެ (ރ) ގެ ދަށުން، މި ޒޯނުތަކުގައި ބަނގުރަލާއި އޫރުމަހުގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މުޅިން މަނާކޮށްފައިވެއެވެ. ޖުވާ ކުޅުން ފަދަ އިސްލާމީ ޝަރީޢަތާ ޚިލާފު ޙަރަކާތްތައް ހިންގުމާއި، އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިޢާރު ފާޅުކުރުމާއި އަޅުކަންކުރާ ތަންތަން ބިނާކުރުމަށް މާސްޓަރ ޑިވެލޮޕަރަށް ހުއްދަ ނުދެވޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގެ އެހެން މާއްދާތަކުގެ ތެރޭގައި، ޒޯނެއް މާސްޓަރ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތެއް ކަމުގައި 99 އަހަރު ކަނޑައެޅުމާއި، ޒޯނުން ޕްރޮޕަޓީ ގަތުމުން ރާއްޖޭގެ ރައްޔިތުކަމުގެ ޙައްޤެއް ނުލިބޭނެ ކަމަށް ކަށަވަރުކުރުމާއި، ޒޯނުތަކުގެ ވިޔަފާރިތަކުން ޓެކްސް ނަގާނީ ޓޫރިޒަމް ދާއިރާގެ ރޭޓުން ކަމަށް ހަމަޖެއްސުން ހިމެނެއެވެ. މި ޒޯނުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކާ ކަމަށާއި، މި ޤާނޫނާ ޚިލާފު ޢަމަލެއް ޤާނޫނުލްޢުޤޫބާތުގެ ދަށުން ޖިނާއީ ކުށަކަށް ވާނަމަ، އިދާރީ ފިޔަވަޅުގެ އިތުރުން ޖިނާއީ ތަޙުޤީޤު ހިންގުމަށް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަންޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް