ރިއަލް އެސްޓޭޓް ޒޯންތަކުގައި ބަނގުރަލާއި އޫރުމަހާއި ޖުވާ މަނާކުރާ ބިލެއް މަޖިލީހަށް
ރަސްމާލެ ފަދަ އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތަކުގައި ބަނގުރަލާއި އޫރުމަހާއި ޖުވާ ކުޅުން ހިމެނޭ ގޮތަށް އިސްލާމީ ޝަރީޢަތާ ޚިލާފު އެންމެހައި ކަންކަން މަނާކުރުމަށް ބަޔާންކޮށް، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރަސްމާލެ ފަދަ އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތަކުގައި ބަނގުރަލާއި އޫރުމަހާއި ޖުވާ ކުޅުން ހިމެނޭ ގޮތަށް އިސްލާމީ ޝަރީޢަތާ ޚިލާފު އެންމެހައި ކަންކަން މަނާކުރުމަށް ބަޔާންކޮށް، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމެވެ. ޑިވެލޮޕަރުން ރަޖިސްޓަރީކުރުމާއި، އެ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުމާއި، ޕްރޮޕަޓީ ގަންނަ ފަރާތްތަކުގެ މަޞްލަޙަތު ރައްކާތެރިކުރުމާއި، ނިޒާމު މޮނިޓަރކުރެވޭނެ އުސޫލުތައް ގާއިމުކުރުން ވެސް ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ބިލުގެ 77 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުން، މި ޒޯންތަކުގައި ތަރައްޤީކުރާ ތަންތަނަށާއި އެތަނުގައި ހިންގާ ވިޔަފާރިތަކަށާއި ދިރިއުޅޭ ފަރާތްތަކަށް ބަނގުރަލާއި އޫރުމަހާއި އެ ތަކެތިން އުފައްދާ ބާވަތްތައް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މުޅިން މަނާވާނެއެވެ. ބިލުގެ 98 ވަނަ މާއްދާގައިވާ ގޮތުން، ޖުވާ ކުޅުން ފަދަ ޝަރީޢަތުގައި ޙަރާމްކުރައްވާފައިވާ ކަންކަމަށް މަގުފަހިވާ ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ވެސް ނުހިންގޭނެއެވެ. އެއާއެކު، އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ ޝިޢާރު ފާޅުކުރުމާއި އިހްތިފާލު ބޭއްވުމާއި އަޅުކަންކުރާ ތަންތަން ހެދުމަށް ވެސް ޖާގައެއް ނުދެވޭނެ ކަމަށް ބިލުގައިވެއެވެ.
ޤައުމީ ސަލާމަތާ ގުޅޭ ގޮތުން ބިލުގެ 93 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވަނީ، އިސްތިއުމާރީ އިޒްރޭލުގެ ރައްޔިތަކަށް ނުވަތަ އެ ޤައުމުގެ ރައްޔިތުންގެ ހިއްސާ އޮންނަ ޤާނޫނީ ޝަޚްޞަކަށް މި ޒޯންތަކުން ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެ ކަމަށާއި ބިމެއް ސަބްލީސް ވެސް ނުކުރެވޭނެ ކަމަށެވެ. ވަކި ޤައުމެއްގެ ރައްޔިތުންނަށް ނުވަތަ ކުންފުންޏަކަށް ޒޯނެއްގެ ބިމުގެ 25 އިންސައްތައަށްވުރެ އިތުރަށް ރަޖިސްޓްރީ ނުކޮށްދެވޭނެ ކަމަށް ވެސް ބިލުގައިވެއެވެ.
މީގެ އިތުރުން، ޒޯނެއް މާސްޓަރ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރަށް ކަމަށާއި، އެ ޒޯންތަކުގެ ވިޔަފާރިތަކުން ޓެކްސް ނަގާނީ ޓޫރިޒަމް ދާއިރާގެ ރޭޓު ކަމަށްވާ ޓީ-ޖީއެސްޓީ ރޭޓުން ކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ. ޕްރޮޕަޓީ ގަންނަ ބޭރު ފަރާތަކަށް ދިވެހި ރައްޔިތަކަށް ވުމުގެ ޙައްޤެއް ނުލިބޭނެ ކަމަށާއި، ޒޯންތަކުގެ ސަލާމަތް ބަލަހައްޓާނީ ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން އެކަނި ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. ބިލާ ޚިލާފުވާ ފަރާތްތަކާ މެދު އިދާރީ ފިޔަވަޅު އެޅުމުގެ އިތުރުން، ޤާނޫނުލްޢުޤޫބާތުގެ ދަށުން ޖިނާއީ ކުށަކަށް ވާނަމަ ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ހުށަހަޅަންޖެހޭނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް