ރަޝިޔާގެ ވައިގެ ހަމަލާތަކުގައި ޔޫކްރެއިނުގެ 850،000 މީހުންގެ ކަރަންޓު ކެނޑިއްޖެ
ޔޫކްރެއިނުގެ ނިޕްރޯޕެޓްރޯވްސްކް އަދި ޚާކީވް ސަރަހައްދުގެ ހަކަތައިގެ ވަސީލަތްތަކަށް ރަޝިޔާއިން ދިން ވައިގެ ހަމަލާތަކުގައި ގާތްގަނޑަކަށް 850،000 މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެއްޖެއެވެ.
ޔޫކްރެއިނުގެ ނިޕްރޯޕެޓްރޯވްސްކް އަދި ޚާކީވް ސަރަހައްދުގެ ހަކަތައިގެ ވަސީލަތްތަކަށް ރަޝިޔާއިން ދިން ވައިގެ ހަމަލާތަކުގައި ގާތްގަނޑަކަށް 850،000 މީހުން ކަރަންޓުގެ ޚިދުމަތުން މަހްރޫމުވެއްޖެއެވެ.
ނިޕްރޯޕެޓްރޯވްސްކް ސަރަހައްދުގެ ހަކަތަ އުފައްދާ މަރުކަޒަކަށް ރޭގަނޑު ދިން ހަމަލާގައި 600،000 އަށްވުރެ ގިނަ މީހުންގެ ކަރަންޓު ކެނޑުނު ކަމަށް އެ ޤައުމުގެ ހަކަތައާ ބެހޭ ކުންފުނިން ކަށަވަރުކޮށްދީފައިވެއެވެ. ކަރަންޓު ކެނޑުމުގެ އަސަރު ކުރީ ޕަވްލޯގްރޭޑް، ސަމަރިވްސްކީ، ކާމިއަންސްކޭ، ނިޕްރޯ ޑިސްޓްރިކްޓް އަދި ނިޕްރޯ ސިޓީގެ ރައްޔިތުންނަށް ކަމަށް ޑީޓީއީކޭ އިން ޓެލެގްރާމް މެދުވެރިކޮށް ބުނެފައިވެއެވެ.
ގެއްލުން ލިބުނު މަރުކަޒުތައް މަރާމާތުކޮށް ޚިދުމަތް އިޢާދަކުރުމަށް އިންޖިނިއަރުން މެދުނުކެނޑި މަސައްކަތްކުރި ނަމަވެސް، ތަކުރާރުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ މަސައްކަތަށް ބޮޑެތި ހުރަސްތައް ކުރިމަތިވަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މީގެ އިތުރުން ޚާކީވް ސަރަހައްދުގެ އުމްރާނީ ވަސީލަތްތަކަށް ދިން ހަމަލާތަކުގައި އިތުރު 250،000 އެއްހާ މީހުންގެ ކަރަންޓު މެދުކެނޑުނެވެ. މި ހަމަލާތަކުގައި މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ރަޝިޔާއިން ޑްރޯން އަދި މިސައިލް ބޭނުންކޮށް ހަކަތައިގެ ވިއުގައަށް ދޭ ހަމަލާތައް ވަރުގަދަކުރަމުންދާއިރު، ޔޫކްރެއިނުން ދަނީ ހަނގުރާމައިގެ ނާޒުކު ފިނި މޫސުމަކާ ކުރިމަތިލުމަށް ތައްޔާރުވަމުންނެވެ. މި ހަމަލާތައް އައީ، ހަކަތައިގެ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ފަސް ސަރަހައްދަކުން ކަރަންޓު ކެނޑި، ވެރިރަށް ކިއޭވްއަށް ހަކަތަ ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ޔޫކްރެއިނުގެ އެނާޖީ މިނިސްޓްރީން ހާމަކުރިތާ އެންމެ ދުވަހެއް ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް